2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭންކުތަކުން ޖުމްލަ 1.34 މިލިއަން ކާޑު އިޝޫކޮށްފައިވެ އެވެ. އެ ކާޑުތަކުގެ 62 އިންސައްތައަކީ ޑެބިޓު ކާޑެވެ. 34 އިންސައްތައަކީ ޕްރިޕެއިޑް ކާޑެވެ. އަދި ކްރެޑިޓު ކާޑަކީ ޖުމްލަ ކާޑުގެ ހަތަރު އިންސައްތަ އެވެ.
ރާއްޖޭގައި ކޮންމެ ބޮލަކަށް ބޭންކު ދެ ކާޑު ބޭނުންކުރާކަމަށާއި 2023 ވަނަ އަހަރުގެ ނިޔަލަށް ކާޑުތަކުން 22.9 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ މޯލްޑިވްސް ޕޭމެންޓްސް ބުލިޓިން 2023 ގައި ފާހަގަކުރި ގޮތުގައި މަސްޓާކާޑާއި ވިސާއާއި އެމެރިކަން އެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ މަޝްހޫރު ވިއުގަތަކުގެ ކާޑުތައް ރާއްޖޭގެ ބޭންކުތަކުން އަންނަނީ އިޝޫ ކުރަމުންނެވެ.
2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭންކުތަކުން ޖުމްލަ 1.34 މިލިއަން ކާޑު އިޝޫކޮށްފައިވެ އެވެ. އެއީ އާބާދީއަށް ބަހައިލުމުން ބޮލަކަށް 2.5 ކާޑެވެ. އެ ކާޑުތަކުގެ 62 އިންސައްތައަކީ ޑެބިޓު ކާޑެވެ. 34 އިންސައްތައަކީ ޕްރިޕެއިޑް ކާޑެވެ. އަދި ކްރެޑިޓު ކާޑަކީ ޖުމްލަ ކާޑުގެ ހަތަރު އިންސައްތަ އެވެ.
ޑެބިޓު ކާޑުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ވިސާ ކާޑުތަކެވެ. ޑެބިޓު ކާޑުގެ 52 އިންސައްތަ ކާޑަކީ ވިސާ ކާޑެވެ. އަދި ކްރެޑިޓު ކާޑުގެ 64 އިންސައްތައަކީ ވިސާ ކާޑުތަކެވެ. ނަމަވެސް ޕްރީޕެއިޑު ކާޑުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ މާސްޓާ ކާޑުތަކެވެ. އެއީ 99.97 އިންސައްތަ އެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ކާޑުތައް ބޭނުންކޮށްގެން ކޮށްފައިވާ މުއާމަލާތްތައް އަހަރުން އަހަރަށްވަނީ އިތުރުވެފަ އެވެ. އެގޮތުން 2022 ވަނަ އަހަރު 45.71 މިލިއަން މުއާމަލާތް ކާޑުތަކުގެ ޒަރީއާއިން ހިންގާފައިވާއިރު 2023 ވަނަ އަހަރު އެ އަދަދުވަނީ 56.49 މިލިއަނަށް އިތުރުވެފަ އެވެ.
ކާޑުތަކުން ހަދާފައިވާ މުއާމަލާތްތަކުގެ އަދަދުގެ އިތުރަށް ކާޑުތަކުން ހަދާފައިވާ މުއާމަލާތްތަކުގެ އަގުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ކާޑުތަކުން ހަދާފައިވާ މުއާމަލާތްތަކުގެ އަގަކީ 17.92 ބިލިއަން ރުފިޔާ އެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދުވަނީ 22.96 ބިލިއަނަށް އިތުރުވެފަ އެވެ.
ކާޑުތަކުގެ ތެރެއިން އެންމެ ގިނައިން މުއާމަލާތްކުރުމަށް ބޭނުންކޮށްފައިވަނީ ޑެބިޓު ކާޑުތަކެވެ. ޑެބިޓު ކާޑުތައް ބޭނުންކޮށްގެން 21.6 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވެ އެވެ. އެގޮތުން 2022 ވަނަ އަހަރާ އަޅާބަލާއިރު 2023 ގައި ޑެބިޓު ކާޑުތަކުން ކުރި މުއާމަލާތްތަކުގެ އަގު 29 އިންސައްތަ މަތިވެފައިވެ އެވެ.
ކްރެޑިޓު ކާޑުތައް ބޭންނުކޮށްގެން 332،000 މުއާމަލާތް 2023 ގައި ހިންގާފައިވާއިރު އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 64 އިންސައްތަ އިތުރު އަދަދެކެވެ.