"ބިރު ނުގަންނާ ތި! ބިރުން މިކަމަކާ ކުރި މައްޗެއް ނުލެވޭނެ.. ނަމަވެސް، ބިރު ގަންނަން ޖެހޭ ވަރަށް ގިނަ ކަންތައްތަކާ ކުރިމަތި ލާން ޖެހޭނެ.."
- އެޕިސޯޑް 14 –
ކާސިމް މަޑުމަޑުން މުނީރާގެ އަތުގައި ހިފާލި އެވެ. އަދި މުނީރާގެ ދެ ލޮލަށް ކާސިމް ބަލަން ހުރެފައި ފުން ނޭވާ އެއް ދޫކޮށްލިއެވެ.
"ބިރު ނުގަންނާ ތި! ބިރުން މިކަމަކާ ކުރި މައްޗެއް ނުލެވޭނެ.. ނަމަވެސް، ބިރު ގަންނަން ޖެހޭ ވަރަށް ގިނަ ކަންތައްތަކާ ކުރިމަތި ލާން ޖެހޭނެ.."
ކާސިމްގެ ވާހަކަ ތަކުން މުނީރާ އިތުރަށް ގަންނަން ފެށީ ބިރެވެ.
"އަހަރެމެންނަށް ގެއްލުމެއް ދޭކަށް ނުކެރޭނެ! އެއީ އޭގެ މަޤުޞަދެއް ނޫން. އެކަމު ބިރު ދައްކާނެ.. އެ ބިރަށް ދުވަސްކޮޅަކު ޖެހޭނީ ކެތްކުރަން.. އިރާދަކުރެއްވިއްޔާ އަހަރެން، އަހަރެންގެ ދަރިފުޅު މިކަމުން ސަލާމަތް ކޮށްދޭނަން.. އަހަންނަށް އިތުބާރު ކުރޭ! އަހަރެންނަށްޓަކާ މިއިން އެއްވެސް ކަމެއް، އެއްވެސް މީހަކަށް ޝައްކެތް ވާނެ ގޮތަކަށް ވެސް އަމަލުތައް ނުބަހައްޓާތި! ހެޔޮނުވާނެ! އަހަރެންނަށް މި ހެދުނީ ވަރަށް ނުބައި ގޯހެއް.. ރަނގަޅަށް މިކަން ކުރަން ނޭނގި ކުރެވުނީމަ ވީ ގޮތް މީ.."
ކާސިމްގެ ވާހަކަތައް އަޑު އަހަމުން ދިޔަ މުނީރާގެ ހިތުގެ ވިންދު ދިޔައީ ނިކަން ބާރަށް ދުވަމުންނެވެ. އެއްވެސް އެއްޗެއް މުނީރާއެއް ނުބެނެއެވެ. ބުނާނެ އެއްޗެއް ނޭނގި، ދޫ ހަރާކަތް ކޮށްލަން ނުކުރޭ ވަރަށް މުނީރާ ހުރީ ބިރުގަންފައެވެ.
ކާސިމް މި ކަމުގެ އެންމެ ބޮޑު ސިއްރު މުނީރާއަށް ސިއްރު ކުރިއެވެ. އެއީ އެ ވާހަކަ ކިޔާ ދީފި ނަމަ، ކާސިމަށް ނުރައްކަލެއް މީކާލްގެ ފަރާތުން ލިބިދާނެތީއެވެ. މުނީރާއަށް އެނގިފައި އޮތީ ސިހުރު ހެދުން އިރު ނުބައި ކޮށް ސިހުރު ހެދުން ކަމެވެ. ސިހުރުގެ ތެރޭގައި ކަންތައް ވެގެން ދިޔަ ގޮތުގެ ބޮޑު ސިއްރު ކާސިމް މުނީރާއަށް ސިއްރު ކޮށްލީއެވެ.
"އަހަރެންގެ ފަހަތުން އާދޭ!"
ކާސިމް ހިނގައިގަތީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. މުނީރާ ހުރީ ޖެހި ބުދެއްހެން ހުއްޓިގެންނެވެ.
"މުނީރާ.."
ކާސިމް ފަހަތަށް އެނބުރި ގޮވާލިއެވެ. އެއާ އެކު މުނީރާ މަޑުމަޑުން ކުރިއަށް ފިޔަވަޅު ނަގަން ފެށިއެވެ. ކާސިމްގެ ފަހަތުން މުނީރާ ދިޔައެވެ. ކާސިމް ގޮސް ހުއްޓުނީ ލައިލާގެ ކޮޓަރީގެ ދޮރުމަތީގައެވެ.
އޭރު އިރުގެ އަލިކަން ދުނިޔެއަށް ފެތުރި ގަންނަން ދުނިޔެ ދިޔައީ ތައްޔާރު ވަމުންނެވެ. ކާސިމް މަޑުމަޑުން ހިފައިލީ ލައިލާގެ ކޮޓަރީގެ ދޮރުގެ ތަޅުގައެވެ. އެވަގުތު ކާސިމްގެ ފަހަތުގައި ހުރި މުނީރާ ހިތަށް އައިހާ ހެޔޮ އެއްޗެއް ހިތުގެ އަޑިން ކިޔަމުން ދިޔައެވެ. މުނީރާގެ އަތް ފައި ތުރުތުރު އަޅައެވެ.
ލައިލާގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން ކާސިމް ބަލައިލީ ކޮޓަރި ތެރެއަށެވެ. ކޮޓަރި ތެރެ އަނދިރި ކަމުން އެއްވެސް ތަނެއް ނުފެނެއެވެ. މުޅި ކޮޓަރި ތެރެއިން ފެންނަނީ ހިމޭން ކަމެވެ. ކާސިމް މަޑުމަޑުން ކޮޓަރީގެ ލައިޓް ޖައްސާލިއެވެ. އެއާ އެކުގައި ފަހަތުގައި ހުރި މުނީރާ އޭނާގެ ދެލޯ ބިރުން މަރާލިއެވެ. ކާސިމް މުޅި ކޮޓަރި ތެރެއަށް ވަށައިގެން ބަލާލިއެވެ.
ކޮޓަރި ތެރޭގައި ކުރިން ހުރި ލޭތައް މިހާރަކު ނެތެވެ. ކޮޓަރި ތެރެއިން އެއްވެސް ތަފާތު ކަމެއް ނުފެނެއެވެ. ކާސިމް އޭނާގެ ކަޅި ހިންގާލީ އެނދަށެވެ. ކާސިމަށް ލިބުނީ ހައިރާން ކަމެކެވެ. އެނދުގައި އޮށޯ ވެގެން އޮތީ އޭނާގެ ދަރިފުޅު ލައިލާއެވެ. ލައިލާގެ ދެލޯ ވަނީ ބޮޑު ވެފައެވެ. ލައިލާ ބަލަން އޮތީ ކޮޓަރީގެ ސީލިންގ އަށެވެ. ލައިލާގެ ކަޅި އަމާޒް ވެފައިވާ ދިމާލަށް ކާސިމް ބަލައިލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް އެތަނުން ފެންނާކަށް ނެތެވެ.
"ދަރިފުޅާ!"
ކާސިމް ގޮވާލިއެވެ. ދެލޯ މަރާ ބާރު ކޮށްގެން ހުރި މުނީރާ މަޑުމަޑުން އޭނާގެ ދެލޯ ހުޅުވާލިއެވެ. އަދި ވަރަށް ބާރަށް ކާސިމްގެ އަތުގައި ހިފާލިއެވެ. ކާސިމްގެ އަތުގައި ހިފައިގެން މުނީރާ ވެސް ކާސިމްއާ އެކުގައި އެނދާ ދިމާލަށް ދިޔައެވެ.
މުނީރާއަށް ލައިލާ ފެނުމާއެކުގައި އޭނާގެ ދެލޯ ކަރުނައިން ފުރި ބާރު ވިއެވެ. ލައިލާގެ ސިފައަށް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެފައެވެ. މޫނުމަތި ވަނީ އަނދިރި ވެފައެވެ. ދެލޯ ވީދައިގެން ދާ ވަރަށް ދެލޯ ބޮޑުކޮށްގެން ލައިލާ ބަލަމުން ދިޔައީ މައްޗަށެވެ.
"ދަރިފުޅާ! ލައިލާ.."
ކާސިމް އަނެއްކާ ވެސް ގޮވާލިއެވެ. އެއާ އެކުގައި ލައިލާ ބަލައިލީ ކާސިމާ ދިމާލަށެވެ. އެ ލޮލުން ފެންނަނީ އަނގުރު އަލިފާން ކަހަލަ ރުޅި އެކެވެ. ދަތްކުނޑި ވިކައިލަމުން ލައިލާ ބަލަން ފެށީ މުނީރާ އާއި ކާސިމަށެވެ.
"އަހަރެންނަށް އެނގޭ ކަލޭމެން ތި ރޭވި ކަންތައް.. އަހަރެން މިތާ ބާއްވާފަ ވެސް ކަލޭމެންނަށް ތިކަން ކުރެވޭނެ.. ހާސް ނުވޭ! ހައްހައްހާ.." ލައިލާ ޖަހައިލީ ހިނިގަނޑެކެވެ. އިންތިހާއަށް އަޑު ބާރެވެ. އެހާމެ ބިރުވެރި އެވެ. މުނީރާ ކުރިއަށް ވުރެ ބާރަށް ކާސިމްގެ އަތުގައި ހިފާ ފިއްތާލަމުން ކާސިމްގެ ގައިގެ ފުރަގަހަށް ވަނެވެ. އަދި ކާސިމް ލައިގެން ހުރި ޓީޝާޓުގެ ތެރެއަށް މުނީރާ ބޯ ކޮށްޕާލަމުން ރޯން ފެށިއެވެ.
"އަލަމާރި ތެރޭގަ އޮންނާނެ އަހަރެން މިއަދު ލާން އުޅުން ހެދުން.. މީކާލް ބުނީ އަހަރެންގެ ގާތުގަ މިއަދު އެ ހެދުން ލާށޭ.. އަހަރެމެން ހެނދުނު 8 ޖަހާއިރު، ނިންމައިގެން ހުރީ މޫދަށް ދާން.. މީކާލް އަންނާނެ އަހަރެން ބަލާ! ރަތް ކުލައިގެ ހެދުން.. ހުދު މާ ތަކެއް ޖަހާފަ.. ކަލޭމެންގެ ތި ރޭވުމަށް އެ ހެނދުން ބޭނުން ކުރޭ! މާ ގިނަ ވަގުތެއް ނެތް. މިހާރު އިރު އަރައިފި.. އަވަސް ކުރޭ!"
ލައިލާ ވާހަކަދައްކަމުން ދިޔައީ ރުޅިވެރި ކަމާއެކުގައެވެ. ކާސިމް ވަރަށް އަވަސްކޮށް އަލަމާރި ހުޅުވާލިއެވެ. އޭރު ވެސް ކާސިމްގެ ފަހަތުން ބައްދާލައިގެން މުނީރާ ހުއްޓެވެ.
"މި ހެދުން ތަ؟"
ކާސިމް ހެދުން ދައްކާލީ ލައިލާއަށެވެ. ޖަވާބުގައި ލައިލާ ބޯޖަހައިލިއެވެ.
ކާސިމް އަވަސްވެ ގަތީ ކޮޓަރިން ނުކުންނާށެވެ. މުނީރާއާ އެކުގައި ކާސިމް ކޮޓަރިން ނުކުތުމާ އެކު، ލައިލާ އަނެއްކާ ވެސް އެނދުގައި ޖައްސާލިއެވެ. އަދި ލައިލާގެ ބާލިސް ދަށުގައި އޮތް ޕެޑް ނަގާ ނޭފަތުގައި ޖައްސާލަމުން ލައިލާ ދެލޯ މަރާލިއެވެ.
"މުނީރާ މަޑު ކުރޭ! އަހަރެން މި އަންނަނީ.. މީހުންތައް ހޭލާ ނޫޅެނިސް މިކަން ކުރަން އެބަ ޖެހޭ!"
ކާސިމް ވަަރަށް އަވަސްކޮށް ބުނެލިއެވެ.
"ނޫން ނޫން! އަހަންނަށް ލާހިކު އެކަނި މި ގޭގަ މަޑު ކުރާކަށް." މުނީރާ ރޮމުން ބުނެލިއެވެ.
"މުނީރާ.. ތި ހަމަޖެހިބަލަ! ހެޔޮނުވާނެ! މުނީރާ މަޑު ކުރޭ! އަހަރެން މި އަންނަނީ.. ނުވާނެ އިރެއް.. ބަޔަކަށް ފެނެއްޖިއްޔާ، އޭރުން ދެ މީހުންނަށް ވެސް ޝައްކު ކުރާނެ!"
މުނީރާގެ އަތުގައި ފިރުމާލުމަށްފަހުގައި ކާސިމް ގުންފައި ޖަހާފައި ގެއިން ނުކުތެވެ. މުންޑު ތެރެއަށް ލައިލާގެ ހެދުން ލައިގެންނެވެ. ކާސިމްގެ މިސްރާބު ހުރީ ރަށުގެ އަތިރިއާ ދިމާލަށެވެ. އެއީ ލައިލާ އާއި މީކާލް މޫދަށް ދިޔުމަށް ނިންމާފައިވާ ތަނެވެ.
ކާސިމް ގެއިން ނުކުމެގެން ދިޔަ ފަހުން، މުނީރާ އޭނާ ހުރި ފިޔަވަޅު މަތީގައި ހުރީ ގުޑާ ވެސް ނުލައެވެ. ކުއްލިއަކަށް މީހަކު މުނީރާގެ ފަހަތުން ހުރަސްކޮށްލިހެން ހީވެގެން ތެޅިގެންފައި މުނީރާ ފަހަތަށް އެނބުރުނެވެ.
"ކާކު؟"
މުނީރާއަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ.
މުނީރާ އަނެއްކާ ސިއްސައިގެން ދިޔައީ އޭނާގެ ފަހަތުން ބޮޑު ދިގު ހިޔަންޏެއް ހުރަސް ކޮށްލުމުންނެވެ. އަނެއްކާ ވެސް މުނީރާ އެ ދިމާލަަށް އެނބުރުނެވެ.
މުނީރާއަށް މާނޭވާ ލެވެނީއެވެ. ކާސިމް ގެއަށް އައިސް ވަނީ މުނީރާ އެ ޙާލެއްގައި ތެޅެމުން ދަނިކޮށެވެ.
"މުނީރާ.." ދާހިއްލާ ތެމިފޯއްވެފައިވާ މުނީރާ ފެނިފައި ކާސިމް ހާސް ވިއެވެ.
މުނީރާ ދުވެފައި ގޮސް ކާސިމްގެ ގައިގައި ބައްދައިގަތެވެ. އަދި އަޑުން އަޑު ނަގާ ރޯން ފެށިއެވެ. (ނުނިމޭ)