އިސްލާހީ ފިޔަވަޅުތަކާއެކު ދަރަނި އެދެވޭ މިންގަނޑަށް އިއާދަކޮށް ކްރެޑިޓް ރޭޓިން ރަނގަޅުކުރެވޭނެ: ފިނޭންސް

އެ ބަޔާނުގައި މިނިސްޓްރީން ބުނީ މިވަގުތު އަދި މެދުރާސްތާގައި ރާއްޖެއަށް ބޭރުން ބޭނުންވާ ފައިސާ ހޯދުމަށް ދޭދޭ ދައުލަތްތަކާއި ގިނަ ދައުލަތްތައް ބައިވެރިވާ ޖަމްއިއްޔާތަކާއި މާލީ އިދާރާތަކާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

ސަރުކާރުން މިހާރު ތަންފީޒުކުރަން ފަށާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރެވުމުން މި އަހަރު އަދި މެދު ރާސްތާގައި ބޭރުން ދަރަންޏަށް ފައިސާ ހޯދަންޖެހޭ މިންވަރު ވަރަށް ބޮޑަށް މަދުކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. 

ފިނޭންސް މިނިސްޓްރީން މިފަދައިން ބުނެފައިވަނީ ރާއްޖޭގެ ކްރެޑިޓު ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗުން ދިވެހިރާއްޖޭގެ ކްރެޑިޓު ރޭޓިން ސީސީސީ މައިނަސްއިން ސީސީއަށް ދަށްކުރުމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގަ އެވެ. 

އެ ބަޔާނުގައި މިނިސްޓްރީން ބުނީ މިވަގުތު އަދި މެދުރާސްތާގައި ރާއްޖެއަށް ބޭރުން ބޭނުންވާ ފައިސާ ހޯދުމަށް ދޭދޭ ދައުލަތްތަކާއި ގިނަ ދައުލަތްތައް ބައިވެރިވާ ޖަމްއިއްޔާތަކާއި މާލީ އިދާރާތަކާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން ބޭރުގެ ދަރަނިން ކުރިމަތިވާ ހިރާސްތައް ކުޑަކުރެވޭނެ ކަމަށެވެ. 

އަދި ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ހަލުއި ކުރިއެރުމާއި ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރެވުމުން މާލީ ކަންކަން ހަމަޖެހި އިސްތިގުރާރުވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށާއި، މެދުރާސްތާގައި ދަރަނިވެސް އެކަށީގެންވާ މިންގަނޑެއްގައި ހިފަހެއްޓޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. 

ސަރުކާރުން އެކުލަވައިލާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރެވުމުން 2028 ވަނަ އަހަރުގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 90 އިންސައްތައަށް ތިރިކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށާއި، އެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒުކޮށް ކްރެޑިޓް ރޭޓިން މިހާރަށްވުރެ ރަނގަޅުކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމުގައި ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ފިނޭންސް މިިނިސްޓްރީން ފާހަގަކުރި ގޮތުގައި ކްރެޑިޓު ރޭޓިން ދަށްކުރުމުގައި ފިޗްއިން ފާހަގަކުރި ހިރާސްތައް ކުޑަކުރުމަށް، ސަރުކާރުން ވަނީ ޝާމިލު މާލީ އިސްލާހުތަކެއް ތަންފީޒުކުރަން ތައްޔާރުވެފަ އެވެ. އެއީ މެދުރާސްތާގެ މާލީ އިސްތިރާޖިއްޔާގައި ހުރި އަމާޒުތައް ހާސިލުވާނެ ފަދަ އިސްލާހުތަކެއް ކަމުގައި އެ މިނިސްޓްރީން ފާހަގަކުރި އެވެ. 

އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ގްރީން ޓެކުސް ރޭޓު މުރާޖައާކުރުމާއި، ގްރީން ޓެކުހާއި އިމްޕޯޓު ޑިއުޓީ މުރާޖައާކުރުން ހިމެނޭކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ޖީއެސްޓީ ޑެސްޓިނޭޝަން އުސޫލަށް ބަދަލުކޮށް ޓެކުސް ބޭސް ބޮޑުކޮށް ފުޅާކުރުމަށް ރާވާފައިވާ ކަމަށެވެ. 

އެ ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާއިން ސަރުކާރަށް ލިބޭ އާމުދަނީ އިތުރުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ބޭރުގެ ދަރަންޏަށް އޮތް ޕްރެޝަރު އެކަމުގެ ސަބަބުން ކުޑަވާނެ ކަމަށާއި، ސަރުކާރުން ބޭރު ފައިސާައިން ދައްކަންޖެހޭ ދަރަނި އަދާކުރުމަށް ފަސޭހަތަކެއްވާނެ ކަމުގައި މާލީ ވުޒާރާއިން ފާހަގަކުރި އެވެ. 

އާމުދަނީ އިތުރުކުރުމުގެ އިތުރަށް ހަރަދުބަރަދު ވަކި މިންގަނޑުތަކެއްގައި ހިފަހެއްޓުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައްވެސް ފިނޭންސްއިން ފާހަގަކުރި އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަަރުދަނާކޮށް އެކަށީގެންވާ އަދަދަކަށް މުވައްޒަފުންގެ އަދަދު ދަށްކޮށް ނުސީދާކޮށް ދޭ ސަބްސިޑީ ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ދޭ ސަބްސިޑީއަށް ބަދަލުކުރުމާއި، ތެލުގެ އަގު ޕްރައިސް ހެޖިން ސްޓްރެޓެޖީއެއްގެ ތެރެއިން ހަމަޖެއްސުން ހިމެނެ އެވެ. 

މި އިސްލާހުތައް ސަރުކާރުން ތަންފީޒުކުރާނެކަން ބައެއް އިސްލާހީ ފިޔަވަޅުތައް މިހާރުވެސް ތަންފީޒުކުރަން ފެށިފައިވާކަމުން ސާބިތުވާކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް ދޭ ސަބްސިޑީއަށް ގެނައި އިސްލާހުތަކާއި، ބޭސް ބަލްކު ޕްރޮކިއުމެންޓު އުސޫލުން ހޯދަން ފެށުން ފަދަ ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައިވާކަން ފާހަގަކުރި އެވެ. 

އަދި އިސްލާހީ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ސިޔާަސަތުތައް އެކަށައެޅުމުގައި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކޮށް ފިނޭންސްއިން ބުނީ ކުރިއަށް ހުރި ހަފުތާތަކުގައި އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގަ އެވެ. އަދި އެ ފިޔަވަޅުތަކާ ގުޅޭ ތަފުސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނުކުރާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.