މަޖީދިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި އައިޝަތު މުހައްމަދު ސޯލިހު ހުންނަވާތާ އަށް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ އެ ސްކޫލަށް ހިދުމަތް ކުރައްވާތާ 15 އަހަރު ވަނީ ވެފައެވެ.
މަޖީދިއްޔާގެ ކިޔެވުމާއި ދަރިވަރުންނާއި ޓީޗަރުންނާ ގުޅޭ ކަންކަން ގޯސްވެ ބޮއްސުންލަމުންދާ ކަމަށް ތުހުމަތުކޮށް އެ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހުގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ ވަކިކުރަން އެދި ބެލެނިވެރިންތަކެއް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް، މަޖީދިއްޔާގެ ހެނދުނާއި މެންދުރުފަހުގެ ދަންފަޅީގެ ގިނަ ބެލެނިވެރިންތަކެއް ސޮއިކޮށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއަށް ފޮނުވައިފައިވާ 13 ސަފުހާގެ މި ޕެޓިޝަންގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލްގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިމަތިވެފައިވާ މައިގަނޑު 35 ކަމެއް ފާހަގަކޮށްފައިވެއެވެ.
އެ ކަންތައްތަކުގެ ތެރޭގައި ދަރިވަރުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުމުގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ދިޔުމާއި ވަކި ފިކުރެއްގެ ޓީޗަރުންނަށް ކުރިއެރުމާއި ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ހިންގައިފައިވާ ޖަރީމާތަކެއް ވެސް ފާހަގަކޮށްފައިވެއެވެ.
މަޖީދިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި އައިޝަތު މުހައްމަދު ސޯލިހު ހުންނަވާތާ އަށް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ އެ ސްކޫލަށް ހިދުމަތް ކުރައްވާތާ 15 އަހަރު ވަނީ ވެފައެވެ.
ބެލެނިވެރީން ބުނި މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އާ ދެ ބޭފުޅުންނަކީ ކަންކަމުގައި އެއްގަލަކަށް އަރައި ކަންކަން އެއްބަސްވެވަޑައިގެން މަސައްކަތް ކުރައްވާ ދެ ބޭފުޅުން ނޫން ކަމަށެވެ.
"ޝީޒާ މެޑަމްއަކީ 15 އަހަރު މި ސްކޫލްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެހެންކަމުން ޝީޒާ މެޑަމް ގަބޫލްކުރައްވަނީ ހުރިހައި ކަމެއް އެންމެ މޮޅަށް އެނގޭނީ އެ ކަމަނާއަށް ކަމަށެވެ. އަނެއްކޮޅުން ޕްރިންސިޕަލް ގަބޫލްކުރައްވަނީ އޭނާ ނޫން މީހަކަށް ހަމަ އެކައްޗެއްވެސް ނޭނގޭނެ ކަމަށެވެ،"
މިގޮތަށް މި ދެ ބޭފުޅުން ދެ ވިސްނުންފުޅެއްގައި މަސައްކަތް ކުރަން ދިމާކުރާ ދިމާކުރުމުގެ ސަބަބުން މެނޭޖްމަންޓް އަދި މުދައްރިސުންނަށް ކަންކަން ކުރުމަށް އެތަކެއް ހުރަސްތަކެއް އެޅި ކަންކަން ނުކުރެވި ލަސްވެގެންދާ ކަމަށާ އަދި ކަންކަން ބޮއްސުންލައި ކުރިން ކުރަމުން އައި އެތައް ހަރަކާތްތަކާއި ކްލަބްތަކުގެ އިތުރުން ކިޔެވުމަށް ކުދިންނަށް ފަހިކޮށްދޭންޖެހޭ އެކްސްޓްރާ ކްލާސްތައް ނުބޭއްވި އެއްދުވަހުން އަނެއް ދުވަހަށް ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވެގެންދާތަން މިހާރުވެސް ދަނީ ފެންނަމުން ކަމަށް ބުނެފައިވެ އެވެ.
ޕްރިންސިޕަލެއްގެ ޒިންމާއަކަށް ވާންވާނީ ދުވަހަކަށްވުރެ ދުވަހެއް އެ ސްކޫލެއް ކުރިއަރައިދާނޭ ގޮތަކަށް ކަންކަން ރާވައި ހިންގުން ކަމުގައި ވީނަމަވެސް މިއަދު މަޖީދިއްޔާ ސްކޫލުން ފެންނަމުން ދަނީ މީގެ ދިމާ އިދިކޮޅު ކަމަށް ބެލެނިވެރީންގެ ޕެޓިޝަންގައި ވެ އެވެ. ކިޔެވުމުގެ އިތުރުން ދަރިވަރުންނަށް ތަފާތު ތަޖުރިބާތައް ކުރުމަށް އެކި ދިމަދިމާލުން ހޯދަންޖެހޭ ފުރުސަތުތައް ހޯދައިދޭތަން ވެސް ނުފެންނަަ ކަމަށްް ބުނެފައިވެ އެވެ.
"މި ކަންކަމުގައި ޕްރިންސިޕަލް ގެންގުޅުއްވާ ސިޔާސަތުތައް ދެކޮޅެއް ނުޖެހެ އެވެ. މީގެ ނަތީޖާއަކަށް ވެގެން މިދަނީ ދަރިވަރުންނަށް ލިބެންވާ އެތައް ހައްގުތަކަކުން އެ ދަރިވަރުން މަހުރޫމުވުމެވެ. ސްކޫލާމެދު ބެލެނިވެރިންގެ ހިތްތަކުގައި އޮތް ލޯތްބާއި އިތުބާރު ގެއްލި މިއަދު ސްކޫލުން ހިންގާ ހަރަކާތްތަކުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް ގިނަ ބެލެނިވެރިން ދެކޮޅު ހަދައެވެ،"
ބެލެނިވެރީންގެ ޕެޓިޝަންގައި ބުނީ މުދައްރިސުންނާއި ބެލެނިވެރިންނާ ދެމެދު އޮތްގުޅުން ހީނަރުވެއްޖެ ކަމަށާ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލެނިވެރިންނަށް ނޭނގެ ކަމަށެވެ. އަދި ކަމެއް ހިނގާ ގޮތް ބެލުމަށް އަމިއްލަ އިސްނެގުމުގައި މަސައްކަތްކުރާ ބެލެނިވެރިއަކަށްވެސް ސްކޫލުންދޭ އެއްބާރުލުމެއް ނެތް ކަމަށެވެ.
"ސްކޫލްގެ އެތައްކަމެއް މިވަނީ ބޮއްސުންލައިގެން ގޮސްފައެވެ. މި ހުރިހައި މައްސަލަތަކެއްގެ ފެށުމަކީ އަދި އަސްލަކީ ވެސް ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހުގެ ނާގާބިލްކަމާއި ފަރުވާ ކުޑަކަމެވެ. މަޖީދިއްޔާ ސްކޫލުގެ ބެލެނިވެރިންނަށް މިއަދު މިވަނީ މިހިތި ހަގީގަތް، ހިތާ ދެކޮޅަށް ނަމަވެސް ގަބޫލުކުރަން މަޖުބޫރުވެފައެވެ. އެހެންވެ މި ކަންކަން މަނިކުފާނުގެ ސަމާލުކަމަށް ގެނައުމަށް މަޖީދިއްޔާ ސްކޫލްގެ ބެލެނިވެރިން މިއަދު އެބަ ބޭނުންވެއެވެ،" ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ޕްރިންސިޕަލުންގެ ތެރޭގައި ހިމެނޭ އައިޝަތު ސާލިހަށް އިޝާރާތްކޮށް ބެލެނިވެރީންގެ ޕެޓިޝަންގައި ވެ އެވެ.
މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި އައިޝަތު މުހައްމަދު ސޯލިހު، އަށް އަހަރު ނިމި ނުވަ ވަނަ އަހަރު ފާއިތުވެގެންދާއިރު ކަންކަމަށް ހެޔޮ ބަދަލެއް އައިސްފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މަގާމުގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލާއިރު ގިނަ ގޯސްތަކެއް ހެދިފައިވާ ކަމާއި ކަންކަން އިސްލާހު ކުރުމަށް އެދެވޭ މަސައްކަތެއް ކުރެވިފައިނުވާކަން ހުދު ޕްރިންސިޕަލް އަމިއްލަފުޅަށް ގަބޫލުކުރާކަން ބެލެނިވެރިންނަށްވެސް އެނގޭތީ ކަންކަން އިސްލާހު ކުރުމަށް ތަނުގެ ހިންގުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ބެލެނިވެރިންނަށް ގަބޫލުކުރެވި މިނިސްޓަރަށް ޕެޓިޝަނެއް ފޮނުވަން ބެލެނިވެރިން މަސައްކަތް ފެށުމުން "ތިޔަ ޕެޓިޝަންގައި 50 މީހުންގެ ސޮއިވެސް ހަމަނުވާނެ" ކަމަށް ޕްރިންސިޕަލް ވިދާޅުވެފައިވާ ކަމަށް ބެލެނިވެރީންގެ ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކަމުގައި ސްކޫލްގެ ޕީޓީއޭ ހަރަކާތްތެރިވާނަމަ ޕީޓީއޭ އުވާލުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް ޕްރިންސިޕަލް ވިދާޅުވެފައިވާ ކަމަށް ބުންޏެވެ.
"އުވާލައްވަންޏާ އުވާލައްވަންވީއެވެ. ޕީޓީއޭގެ ވެސް ވަރަށް ގިނަ މެމްބަރުން މި ޕެޓިޝަންގައި ސޮއިކޮށްފައި މިވަނީ އެވެ،"
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް، ޓީޗަރުންގެ ސިޔާސީ ފިކުރު ހުރިގޮތް ބެލުމާއި ސިޔާސީ ފިކުރު ތަފާތު ޓީޗަރުންނަށް ޕްރިންސިޕަލް އެކިއެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވިކަން އެނގިގެން ދިޔަ ކަމަށް ވެސް ތުުހުމަތު ކޮށްފައިވެ އެވެ. އެގޮތުން އެފަދަ ޓީޗަރުންނަށް މަސައްކަތުގެ ވޯކުލޯޑު ބޮޑުކޮށް ގިނަ ޒިންމާތަކެއް ހަވާލުކޮށް މިފަދަ އެތައްކަމެއް ޕްރިންސިޕަލްގެ ފަރާތުން ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ.
-- އައިޝަތު ސޯލިހަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅެވެ.--
ލީޑިން ޓީޗަރުން ކަނޑައެޅުމުގައި ކޮލިފިކެޝަނަށާއި ތަޖުރިބާއަށް ބެލުމެއް ނެތި ޕްރިންސިޕަލާ ސިޔާސީ ފިކުރު އެއްގޮތްވާ އަދި މެނޭޖްމަންޓަށް ސަނާކިޔާ މީހުން މި މަގާމުތައް ދިނުމުގައި އިސްކަންދީފައިވާ ކަމަށާ އެއީވެސް އެންމެން ދަންނަ ހަގީގަތެއް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ތަޖުރިބާއާއި ފަންނުވެރިކަން ހުރި އެތައް މުދައްރިސުންނެއް މަޖީދިއްޔާ ސްކޫލް ދޫކޮށް އެހެން ސްކޫލްތަކަށް ބަދަލުވާން މަޖުބޫރު ކުރުވި ސަބަބުގެ ތެރޭގައި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ ނުފޫޒާއި ހަރުކަށިކަން ހިމެނޭ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.
"މި މުވައްޒަފުންގެ ތެރޭގައި ކުރިން ޑެޕިއުޓީ ޕްރިންސިޕަލްކަން ކުރެއްވި ޝަހާދާ، ޒޫޝަން ކަމާލުއްދީން، ޒީނާ ގާސިމް، ޝާހިރާ އަދި ލީޑިން ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ރެހެންދީ، ހަޝްމާ، އަފްރާ ފަދަ ހިންގުން ތެރެއިން ވަޒީފާގެ މާހައުލުގައި ޝީޒާ މެޑަމްގެ އުދަނގުލާ ހުރެ ނޫޅެވިގެން ކަރުނަ އަޅާ ވަކިވެގެން ދިޔަ ފަރާތްތަކެކެވެ. އަދި ކުރިން މަސައްކަތް ކުރެއްވި ޕްރިސިޕަލް އަބްދުﷲ ރަޝީދަކީވެސް މިހާރުގެ ޑެޕިއުޓީގެ އުނދަގުލާ ހުރެ ނޫޅެވި ވަކިވެގެން ގޮސްފައިވާ ބޭފުޅެކެވެ،"
އަދިވެސް ޑެޕިއުޓީ ޕްރިންސިޕަލާމެދު ލިޔެފައިވެ އެވެ؛
"ވަރަށް ގިނަ ދަރިވަރުންތަކެއް އަދި މުދައްރިސުންވެސް ފާހަގަކުރާ ގޮތުގައި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ މެޑަމްއަކީ ގިނަ ފަހަރު ވަރަށް ހަރުކަށިކޮށް މުއާމަލާތް ކުރާ ކަނބަލެކެވެ. އަދި ހަމަ އެހެންމެ ފޭވަރިޒަމް ވަރަށް ބޮޑަށް ގެންގުޅުންވާ ބޭފުޅެއް ކަމަށް އެހެންމެހާ ބެލެނިވެރިންނާއި ގިނަ ދަރިވަރުންތަކެއް ބުނަމުންދާ ބޭފުޅެކެވެ. މިއީ ސްކޫލެއްގައި ވެސް ވެގެން ވާނޭ ގޮތެއް ނޫނެވެ،"
މަޖީދިއްޔާ ސްކޫލްގެ 30 ކްލާސްރޫމު ފިނިކުރަން ބޭނުންވެގެން، މީގެ ދެތިން އަހަރު ކުރިން ދީލަތި ބެލެނިވެރިޔަކު -- ރެޑްވޭވް އަހްމަދު ސަލީމް އޭސީ ޔުނިޓްތަކެއް ހަދިޔާކުރެއްވިކަން އެތައް ބެލެނިވެރިޔަކު ދެނެހުންނާނެ ކަމަށާ ނަމަވެސް މިއަދާ އަމައަށް އައިއިރުވެސް އެއްވެސް އޭސީއެއް އެއްވެސް ކްލާހެއްގައި ހަރުކޮށްފައި ނުވާ ކަމަށާ އަދި އެ ތަކެއްޗަށް ވީގޮތެއް ބެލެނިވެރިންނަށް އަންގާފައިނުވާކަ ކަމަށް ވެސް ބުނެފައިވެ އެވެ.
"އެހެންކަމުން މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އާދޭސްތައް މަނިކުފާނު އަޑުއައްސަވައި އަޅުގަނޑުމެންނަށްވެސް ލިބެންޖެހޭ ހައްގުތަކެއް އޮންނަންވާނެކަން ގަބޫލުފުޅުކުރައްވައި، މިއަދު މި ސްކޫލުގެ ގިނަ ބެލެނިވެރިންނާއި މުދައްރިސުންނާއި ދަރިވަރުންގެ އެދުމަކީ މި ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝިޒާ އަލީ މަގާމުން ވަކިކުރައްވައި، ވެވަޑައިގެން އަވަސް ފުރުސަތެއްގެ ތެރޭގައި މި ސްކޫލަށް އައު ޕްރިންސިޕަލަކާއި ޑެޕިއުޓީ ޕްރިންސިޕަލެއް ހަމަޖައްސަވައިދެއްވުމެވެ،" ބެލެނިވެރީންގެ ޕެޓިޝަންގައިވެ އެވެ.