ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުން ބުންޏެވެ.
ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލު ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ދިވެހި ފުލުުހުންގެ ހިދުމަތުން ފަށާފައިވާ ތަހުގީގުގައި ފިޔަވަޅު އަޅަން ޖެހޭ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.
ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރު ދީ ހަދާފައިވާ ކަމަށާ މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ހާމަކޮށްފައި ވަނީ ހޯމަ ދުވަހުގެ ރެ އެވެ.
ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް އާދިއްތަ ދުވަހު ވަނީ ކުއްލި ގޮތަކަށް ބަދަލުކޮށްފަ އެވެ. އެ ގޮތުން ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ ގޮތަށް ހެދި އެވެ. މާނައަކީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުވުމެވެ. މި ބަދަލާއެކު ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ.
މި ބަދަލުގެ އިތުރުން މިހާރު ދޫކުރާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކުރަން ވެސް ނިންމި އެވެ. ކުރިން ބޭރުގައި 750 ޑޮލަރު ބޭނުން ކުރެވެ އެވެ. ނަމަވެސް ޕްރެޝަރު ބޮޑުވުމުން އެ ނިންމުން އަވަސް އަރުވާލައިގެން ބަދަލު ކުރީ އެވެ.
ފުލުސް ތަހުގީގާ ގުޅޭގޮތުން އެ އިދާރާ އިން ދެންމެ ބުނީ ހޯމަ ދުވަހުގެ ރޭ ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު އެއްކުރުމާއި ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުން ބުންޏެވެ.
ހޯމަ ދުވަހުގެ ރޭ ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވެސް ވަރަށް ސާފުކޮށް ވިދާޅުވީ ހިންގަން އުޅުނީ ސީދާ ބަޣާވާތެއް ކަމަށެވެ. އަދި އެކަމުގައި ބަޔަކު ބައިވެރިވާ ކަމަށް ސިފަކުރައްވާ އެ މީހުން ކުށްވެރިވުމުން ހުކުމް ތަންފީޒު ކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ކުރީން ވާހަކަ ދެއްކެވި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެ ބަޣާވާތުގެ އަޑީގައި އޮތީ އެމްޑީޕީ ކަމަށް ސިފަކޮށް ވާހަކަ ދައްކަވާފަ އެވެ.
މި ތުހުމަތު ފެންމަތި ކުރުމުގެ ކުރީން ސަރުކާރުގެ ވެރީންނާއި މަޖިލީސް މެންބަރުން ވަނީ އެ ނިންމުމަކީ އެ ނޫން ގޮތެއް ނެތިގެން ނިންމި "މަޖުބޫރީ" ނިންމުމެއް ކަމަށް ސިފަކޮށް އެ ނިންމުން ދިފާއު ކުރަން ވެސް މަސައްކަތް ކޮށްފަ އެވެ.