ފުވައްމުލަަކު ސިޓީގެ ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް ހޯދުމަށް އެ ސިޓީއަށް 1200 ކިލޯ ވޮޓުގެ ޖަނަރޭޓަރެއް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.
ފުވައްމުލަކަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
އެ ކޯޕަރޭޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 1200 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދާ އެސިޓީއަށް ފޮނުވުމުގެ މަސައްކަތް މިހާޜު ކުރަމުންދާ ކަމަށެވެ. އަދި މިއާއެކު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ފެނަކައިން މީގެ ކުރިން ބުނެފައިވަނީ ފުވައްމުލަކުގައި ބޭނުންކުރަމުންދިޔަ ޖަނަރޭޓަރެއް ހަލާކުވެ ކަރަންޓު ލޯޑު ހިފެހެއްޓޭވަރަށް ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ނެތުމުގެ ސަބަބުން ވަގުތީ ހައްލެއްގެ ގޮތުން އިމަޖެންސީ ޕްރޮކިއުމަންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓަކާއި، އެހެން ރަށެއްގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ފުވައްމުލައް ސިޓީއަށް ފޮނުވި ކަމަށެވެ. އެކަމަކު އެއީ ދާއިމީ ހައްލެއް ނޫންކަމަށާއި ހޫނުގަދަވެ ލޯޑް މަތިވާ މަސްތަކުގައި އިތުރު ޖަނަރޭޓަރު ބޭނުންވާނެކަމަށްވެސް އެ ކޯޕަރޭޝަނުން އޭރު ބުންޏެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގަމުންދާ ބައެއް އިންޖީނުގެތަށް މިދިޔަ ސަރުކާރުން ރަނގަޅަށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން އެތައް ތަކުލީފެއް ރައްޔިތުން އުފުލަންޖެހޭ ކަމަށްވެސް އެ ކޯޕަރޭޗަނުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އަދި ގިނަ ޖަނަރޭޓަރުތަކުގައި ފޭކު ސްޕެއާ އެޅުވުމާއި، އޯވަހޯލް ނުކުރުމާއި ރަނގަޅަށް ނުބެލެއްޓުމުން ޖަނަރޭޓަރުތައް ހަލާކުވެ ކަރަންޓު ކެނޑޭ މައްސަލަ ގިނަ ރަށްތަކަށް ދިމާވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.