"އެހެން ކަމުން މި ފުރުސަތުގައި ގޮވާލަން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދިނުމަށް. ފުލުހުންގެ ހުރުމަތް ހިފެހެއްޓުމަށް ވެސް އިސްތިއުފާ ވެސް ދޭން އެބަޖެހޭ،"
ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު، މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލު ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ދިވެހި ފުލުުހުންގެ ހިދުމަތުން ހާއްސަ ތަހުގީގެއް ފެށުމާއި ގުޅިގެންނެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް (ފައްޔަ) ވިދާޅުވީ މިދިޔަ ފަސް އަހަރު ފުލުހުންގެ މުއައްސަސާގެ މިނިވަންކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެކަން މިއަދު މުޅީން ބަދަލުވެފައިވާކަން ފުލުހުން ރޭ ނެރުނު ބަޔާނުން ހާމަވެފައިވާ ކަމަށެވެ.
"އެހެން ކަމުން މި ފުރުސަތުގައި ގޮވާލަން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދިނުމަށް. ފުލުހުންގެ ހުރުމަތް ހިފެހެއްޓުމަށް ވެސް އިސްތިއުފާ ވެސް ދޭން އެބަޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.
ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރު ދީ ހަދާފައިވާ ކަމަށެވެ.
މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް އިއްޔެ ވަނީ ކުއްލި ގޮތަކަށް ބަދަލުކޮށްފަ އެވެ. އެ ގޮތުން ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ ގޮތަށް ހެދި އެވެ. މާނައަކީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުވުމެވެ. މި ބަދަލާއެކު ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ.
މި ބަދަލުގެ އިތުރުން މިހާރު ދޫކުރާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކުރަން ވެސް ނިންމި އެވެ. ކުރިން ބޭރުގައި 750 ޑޮލަރު ބޭނުން ކުރެވެ އެވެ.
ނަމަވެސް މިއީ ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކާ ހިލާފަށް ބީއެމްއެލްގެ ބޯޑުން ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެކަމުން ރެކެން ވެސް ވަޒީރުން އެކުވެ ނޫސްވެރީންގެ ބައްދަލްވުމެއް ބޭއްވެވި އެވެ. ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ބެންކުގެ ނިންމުމަކީ ސަރުކާރުގެ ބައިވެރިވުން އޮވެގެން ނިންމި ނިންމުމެކެވެ. ޕްރެޝަރު ބޮޑުވުމުން އެ ނިންމުން އަވަސް އަރުވާލައިގެން ބަދަލު ކުރީ އެވެ.