ޝިޔާމް ވަނީ އެމްޑީޕީ ގައި އިސްކޮށް ތިއްބެވީ ލަދުވެތި ކަމެއް ނެތް ބޭފުޅުންތަކެއް ކަމަށާ ބަޣާވާތް ކުރަން މަސައްކަތް ކުރުން ނޫން ކަމެއް ކުރަން ނޭންގެނީތޯ ސުވާލު ކުރައްވާފަ އެވެ.
އިއްޔެ އުޅުނީ މާލީ ބަޣާވާތެއްގެ ތެރެއިން ގާނޫނީ ސަރުކާރު ބަދަލު ކުރަން ކަމަށާ އެކަމުގެ އަޑީގައި އޮތީ އިދިކޮޅު މައި ޕާޓީ -- އެމްޑީޕީ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފި އެވެ.
ދިވެހި މައި ބެންކު -- ބީއެމްއެލް އިން އިއްޔެ ނިންމި ކުއްލި ނިންމުންތަކަށް ފާޑު ވިދާޅުވެ މިރޭ އޮތް ޕީއެންސީ ހަރުގެ ޖަލްސާ ގައި މިނިސްޓަރު ޝިޔާމް ސިފަ ކުރެއްވި ގޮތުގައި އިއްޔެ އަކީ ރާއްޖެއަށް މާލީ ބަޣާވާތެއް ގެންނަން ބަޔަކު މަސައްކަތް ކުރި ދުވަހެކެވެ. ބެންކުގެ އެ ނިންމުމަކީ އިއްތިފާގެއް ނޫން ކަމަށާ އެއީ ރޭވިގެން ހިންގި ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެކަމަށް އިދިކޮޅު އެމްޑީޕީ އޮތީ ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށެވެ. ކުއްލި ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާ ރައްޔިތުންނާއި ސަރުކާރާއި ޖައްސާ ސަރުކާރާއި ދެކޮޅަށް ނިކުތުމަށް ގޮވާލި ގޮވާލުމަކީ ރޭވިގެން ހިންގި ކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ.
ޝިޔާމް ވަނީ އެމްޑީޕީ ގައި އިސްކޮށް ތިއްބެވީ ލަދުވެތި ކަމެއް ނެތް ބޭފުޅުންތަކެއް ކަމަށް ސިފަކުރައްވާ ބަޣާވާތް ކޮށް ސަރުކާރުން ބަދަލު ކުރަން މަސައްކަތް ކުރުން ނޫން ކަމެއް ކުރަން އެ ބޭފުޅުންނަށް ނޭންގެނީތޯ ސުވާލު ކުރައްވާފަ އެވެ. އޭނާ ވަނީ ބީއެމްއެލްގެ އެންމެ އިސްވެރީންގެ އިސްތިއުފާއަށް ވެސް ގޮވާލައްވާފަ އެވެ.
ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް އިއްޔެ ވަނީ ކުއްލި ގޮތަކަށް ބަދަލުކޮށްފަ އެވެ. އެ ގޮތުން ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ ގޮތަށް ހެދި އެވެ. މާނައަކީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުވުމެވެ. މި ބަދަލާއެކު ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ.
މި ބަދަލުގެ އިތުރުން މިހާރު ދޫކުރާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކުރަން ވެސް ނިންމި އެވެ. ކުރިން ބޭރުގައި 750 ޑޮލަރު ބޭނުން ކުރެވެ އެވެ.
ނަމަވެސް މިއީ ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކާ ހިލާފަށް ބީއެމްއެލްގެ ބޯޑުން ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެކަމުން ރެކެން ވެސް ވަޒީރުން އެކުވެ ނޫސްވެރީންގެ ބައްދަލްވުމެއް ބޭއްވެވި އެވެ. ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ބެންކުގެ ނިންމުމަކީ ސަރުކާރުގެ ބައިވެރިވުން އޮވެގެން ނިންމި ނިންމުމެކެވެ. ޕްރެޝަރު ބޮޑުވުމުން އެ ނިންމުން އަވަސް އަރުވާލައިގެން ބަދަލު ކުރީ އެވެ.