ރައީސް ވިދާޅުވީ އޭގެތެރެއިން ބައެއް ކްލާސްތައް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ސްމާޓް ކުލާސްތަކުގެ ގޮތުގައި ކަމަށެވެ.
މަޖީދިއްޔާ ސްކޫލަށް އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ބިނާ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ މިއަންނަ އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްކޫލް މަޝްރޫއުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލަށް އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ބިނާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެތެރެއިން ބައެއް ކްލާސްތައް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ސްމާޓް ކުލާސްތަކުގެ ގޮތުގައި ކަމަށެވެ.
މި އިމާރާތް އަޅާނީ ކުރިން ދަރުމަވަންތަ ސްކޫލް ހުރިތަނުގައި ކަމަށް ވެސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ފަހުރެއްކަމުގައިވާ ދާރުލް އުލޫމާ ކުރިބޯށި އިމާރާތް ނެޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވެސް ނިންމާފައިވާ ކަމުގަ އެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގޭ ތާރީހީ ތައުލީމީ ހަޔާތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ ވަނީ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގައި ވެސް ކާމިޔާބީއާ ހަމައަށް ދިއުމަށް ހިންމަތާ އެކު ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރެއްވުމަށް ދަރިވަރުންނަށް ގޮވާލައްވާފަ އެވެ.
މި ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި އޮތް ފޮޓޯ މައުރަޒު ބައްލަވާލައްވާފަ އެވެ.
މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތައުލީމީ ބިނާ އެވެ. މަޖީދީ "ސައްތަވީ ބިނާ" ރަމްޒުކޮށްދެނީ މަޖީދިއްޔާ ސްކޫލްގެ އިލްމީ ހިޔާވައްސެވެ. މި ސައްތަވީ ބިނާ އުފަންކުރުމުގެ އެންމެހާ މަސައްކަތެއް ކުރި ބަޔަކީ މަޖީދިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުންނެވެ.