އެމްޕީއެލް އިން ގަތަރު އެއާވޭސްއާއެކު ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ފަށަނީ

އެމްޕީއެލްއިން މި އަހަރު ފުރަތަމަ މި ވިޔަފާރި ފެށީ ޓާކިޝް އެއާލައިންއާއެކުގަ އެވެ. އަދި މި ވިޔަފާރިދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ.

ރާއްޖެއަށް ކަނޑުގެ މަގުން އަންނަ ކާގޯގެ ބާވަތްތައް ވައިގެ މަގުން ބޭރު ކުރުމުގެ ވިޔަފާރި ފަށަން އެމްޕީއެލް އާއި ގަތަރު އެއާވޭސްގެ ރާއްޖޭގެ ޖެނެރަލް ސާވިސް އޭޖެންޓް އޭސްޓްރެވަލްސްއާ ދެމެދު ސޮއިކޮށްފި އެވެ. 

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ. އޭސް ޓްރެވަލްސްގެ ފަރާތުން އެެއަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގެވެ.

މިކަމާ ގުޅޭގޮތުން އެމްޕީއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން، ގަތަރު އެއާވޭސް މެދުވެރިކޮށް ސީ-ޓު-އެއާ ޓްރާންޝިޕްމަންޓް ކާގޯގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ މި އަހަރުގެ މެއި މަހު ސީ-ޓު-އެއާ ޓްރާންސިޕްމަނަޓްގެ ކާގޯގެ ހިދުމަތް އަމަލީކޮށް ފެށި ފަހުން ދެ ތިން މަހުގެ ތެރޭގައި ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

"މި ތިން މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަޅުގަނޑުމެން ކާގޯ ފޮނުވައިފިން. މިއީ ކުރިން ވެސް އެއާލައިން ތަކުން ފެށުމަށް އެދެމުން އައި ހިދުމަތެއް. އެކަމަކު މިހާތަނަށް ކޮންމެ ވެސް ސަބަބުތަކަކާހެދި މިކަން ނުވެފައި އޮތީ. މި ސަރުކާރުން އައިސް މި ހިދުމަތް މި ފެށީ،" އޭނާ ވިދާޅުވިއެވެ. 

ވަޖީހް ވިދާޅުވީ މިއީ އެހެން ގައުމުތަކުގައި ކުރިންސުރެ ކުރަމުން އަންނަ ކަމެއް ކަމަށާއި އެގޮތުން ސްރީލަންކާ އިން ވެސް މިކަން ކުރާ ކަމަށެވެ. އެކަމަކު ރާއްޖެ އަށް މި ލިބޭ އެޑްވާންޓޭޖަކީ ރާއްޖެ އިން ވައިގެ މަގުގެ ކަނެކްޝަންތައް ހާއްސަކޮށް ޔޫރަޕަށް ރަނގަޅުވުން ކަމަށް ވެސް ވިދާޅުވި އެވެ.

ވަޖީހް ވިދާޅުވީ ދިވެހިރާއްޖޭގެ އިގުތިސާދީ ހަރަކާތްތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ހިދުމަތް ފުޅާކުރުމަށްވެސް ސަރުކާރުން ބާރު އަޅާ ކަމަށާއި އެހެންކަމުން ގަތަރު އެއާވޭސްއާއެކު، ސީ-ޓު-އެއާ ކާގޯގެ ހިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޖީހް އިތުރަށް ވިދާޅުވީ މިއީ ޑޮލަރުން އާމްދަނީ ލިބޭ ހިދުމަތެއް ކަމަށާއި މި ހިދުމަތް ލިބިގެން ފުޅާވެގެންދާ ވަރަކަށް، އާމްދަނީއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު ފިރާގް ވިދާޅުވީ ސީ-ޓު-އެއާ ޚިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް ފަހިކޮށް ކަމަށެވެ.

"އަޅުގަނޑުމެން މި ނުކުންނަނީ މި ހިދުމަތަށް ތަޖުރިބާއާއެކު. ގަތަރު އެއާވޭސް އަކީ މިހާރުވެސް ދުވާލަކު ތިން ފްލައިޓް ރާއްޖެއަށް ބާއްވާ އެއާލައިނެއް. އަދި ވިންޓާ [ފިނި މޫސުން] ގައި ހަތަރު ފްލައިޓް އެބަ ބާއްވާ. އެހެންވީމަ މި ހިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް ފެހިކޮށް،" އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އާ ވިޔަފާރިއެއް

މި އަހަރުގެ މާޗު މަހު އެމްޕީއެލް އިން ތައާރަފްކުރި ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ކާގޯގެ ހިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ އިން ފޮނުވީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި ހިދުމަތް ފެށީ ޓާކިޝް އެއާލައިންސްއާ ގުޅިގެންނެވެ. ފުރަތަމަ ޝިޕްމަންޓަކީ ބަންގްލަދޭޝް އިން ރާއްޖެ އަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓެކެވެ. 

ރާއްޖެ އިން ޓާކިޝް އެއާލައިންސް މެދުވެރިކޮށް މި ޝިޕްމަންޓް ވައިގެ މަގުން ފޮނުވާލީ ޖަރުމަނަށެވެ. އޭގެ ފަހުން، ސީ-ޓު-އެއާ ޓްރާންޝިޕްމަންޓް ކާގޯގެ ހިދުމަތް މެދުވެރިކޮށް، ބަންގްލަދޭޝްއިން ކަނޑުމަގުން ރާއްޖެ ގެނައި ޖުމްލަ 41 ޓީއީޔޫގެ ގާމެންޓް ވަނީ ރާއްޖެ އިން ދުނިޔޭގެ އެކި މަންޒިލްތަކަށް އެކްސްޕޯޓްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓަލީ އާއި ޖަރުމަން އެމެރިކާ އާއި ކެނެޑާ އަދި ތުރުކީ ހިމެނެ އެވެ. ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފްކުރާ ފަސޭހަ އަދި އަވަސް ހިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައ ބެލެހެއްޓިގެން ދާނެއެވެ.

މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ގައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ހިދުމަތެކެވެ. އެގޮތުން ރާއްޖެ އަށް މި ހިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ގައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.