ޝަފީއު ވިދާޅުވި ގޮތުގައި މި ހިސާބަށް ކުދިން ދަނީ އޯލެވެލް އޭލެވެލް އާ ހިސާބަކުން ނޫނެވެ. އެއީ މާ ކުރިން ފެށިގެން ނަތީޖާ ދަށް ވެ އެވެ.
އޭލެވްގައި ބައިވެރިވާ ކުދިންގެ ތެރެއިން ދެ މާއްދާއިން ފާސްވާ ކުދިންގެ އަދަދު 50 އިންސައްތައަށްވުރެ ދަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރ، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
"ތައުލީމީ އިންގިލާބީ ބަދަލު" އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝަފީއު ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށާއި ޓިޗަރުން ލިބުމުގެ ދަތިކަމަށް ހައްލު ގެނައުމަށް މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.
ޝަފީއު ވިދާޅުވީ އެކި ގައުމުތަކުންނާއި ވޯލްޑްބޭންކާއި ޔުނިސެފް ފަދަ ތަންތަނުން ތައުލީމީ ދާއިރާއަށް ގިނަަގުނަ އެހީތައް ވަމުންދާއިރު ސާނަވީ މަރުހަލާ ނިންމާ ދަރިވަރުންގެ އަދަދު މަދުވަމުންދާ ކަމަށެވެ. އަދި އޭލެވެެލް ނިންމާ ދަރިވަރުންގެ ތެރެއިން ދެ މާއްދާއިން ފާސްވާ ކުދިންގެ އަދަދު 50 އިންސައްތަ މަދުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރުވެސް އަޅުގަނޑުމެން ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް 9.5މިލިއަން ޑޮލަރުގެ ގްރާންޓެއް ވަނީ ލިބިފަ. އެކަމަކު ތައުލީމީ ދާއިރާ އަށް ވަންނަ ކުދިންނާ ސާނަވީ ނިންމައި ޔުނިވާސިޓީތަކަށް މަތީ ތައުލީމު ހާސިިލް ކުރަން ވަންނަ ކުދިންގެ އަދަދު މިދަނީ ދަށަށް. ސާނަވީ އިމްތިހާނުން ދެ މާއްދާއިންވެސް ފާސްވާ ކުދިންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް މިދަނީ ދަށަށް. މިސާލަކަށް ބަލާނަމަ 7000 ދަރިވަރުންނާއެކު ފަށާއިރު ގުރޭޑް 12 އާ ހަމަޔަށް އެންރޯލް ވާއިރު ތިބެނީ މަދު ކުއްޖެއް. މި ދެންނެވި 7000 ކުދިންގެ ތެރެއިން 1500 އެއްހާ ކުދިން ޔުނިވާސިިޓީ ތަކުން މަތީ ތައުލީމު ހާސިލް ކުރަނީ،" އޭނާ ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވި ގޮތުގައި މި ހިސާބަށް ކުދިން ދަނީ އޯލެވެލް އޭލެވެލް އާ ހިސާބަކުން ނޫނެވެ. އެއީ މާ ކުރިން ފެށިގެން ނަތީޖާ ދަށް ވެ އެވެ. އެގޮތުން ގުރޭޑް ތިނަކާ ހަމައިން ކުދިން ވަކި ވަކި މާއްދާތަަކުން ދަށްވަމުންދާ ކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް އިނގިރޭސިި، ދިވެހި އަދި ހިސާބު މާއްދާގެ ނަތީޖާ ދަށްވާކަން 2015 ވަނަ އަހަރުން ފެށިގެން ފާހަގަވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ސާނަވީ ނަތީޖާ ރަނގަޅުކުރުމަށް ޕްރައިމަރީ ގުރޭޑުތަކުގެ ކިޔެވުން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި އެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ ޓީޗަރުންގެ ފެންވަރު މަތިކުރަން ޖެހޭ ކަމެވެ.