އިންޑިއާ ކަނޑުގައި ޔޫރަޕަށް ލޭނު އެޅޭ، ރާއްޖެއަށް މަނާ؟

އީޔޫގެ ލޭނު ބޯޓު ފަހަރު އިންޑިއާ ކަނޑުގައި ގިނަ އެވެ. މި ބޯޓު ފަހަރު ބައެއް ފަހަރު ރާއްޖޭގެ 100 މޭލު އެތެރެއަށްވެސް ވަދެ ލޭނު އަޅަ އެވެ.

ލޭނު އެޅުމުގައި ހަރަކާތްތެރިވާ އީޔޫއަށް ނިސްބަތްވާ ސްޕެއިންގެ މަސް ބޯޓެއް -- ގްރީންޕީސް

ރާއްޖޭގެ މަސްވެރިކަމުގެ ސްޓޮކް ސަލާމަތް ކުރަން މިވަގުތު ކޮންމެހެންވެސް މަސްވެރިކަމުގެ "އޯލްޑް ވިސްނު" ދޫކޮށްލަން ޖެހެ އެވެ. ހާއްސަކޮށް މަސްވެރިކަމުގެ ސްޓޮކުން ރާއްޖެއަށް ލިބޭ ފަޅީގެ ބޭނުން އެންމެ ރަނގަޅަށް ކުރަން ވަނީ މަޖުބޫރުވެފަ އެވެ. އެކަމަކު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ލޮބީ ގްރޫޕްތައް އަޑީގަ ފޮރުވިގެން ތިބެގެން ދިވެހިންނަށް މި ވިސްނައިދެވޭ ތޯ ބަލާ ވާހަކަ މުޅިން ތަފާތެވެ. 

އެ މީހުން ވިސްނައިދެވޭ ތޯ ބަލަނީ މި ވާހަކަ ތަކެވެ. ރާއްޖޭގެ އިގްތިސޯދު ސަރަހައްދުގެ 100 މޭލު ބޭރުގައި ލޭނު އަޅައިގެން މަސްވެރިކަން ކުރިނަމަވެސް ދިވެހި ޓޫރިޒަމަށް އަސަރު ކުރާނެ އެވެ. ލޭނު އަޅައިފިނަމަ ބޭނޭނީ މިޔަރެވެ. ލޭނު ބުޅިތަކުގައި  ޖެހޭނީ ވެލާ ކަނހަބެވެ. ރާއްޖެއަކީ ސަސްޓެއިނަބަލް ފިޝަރީޒުގެ "ޗެމްޕިއަނެވެ" މިގޮތަށް ލޭނު އަޅައިފިނަމަ ރާއްޖެ އަށް ލިބިފައި އޮތް ތިމާވެށީގެ މަސްވެރިކަމުގެ ރީތި ނަން ގެއްލިގެން ދާނެ އެވެ. މި މަސްވެރިކަން ރާއްޖެއިން އަލުން ފަށައިފިނަމަ އީޔޫއާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ހަރާބުވާނެ އެވެ.  

އެކަމަކު ސުވާލެއް އެބައޮތެވެ. އެ ބުނާ ތިމާވެށީގެ ރިތީ މަސްވެރިކަން ކުރާތާ ގަރުނަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދިވެހިންގެ ޖީންގައި ކަޅުބިލަމަސް ޑީއެންއޭއޭ ދިވެހިންގެ ހަށިގަނޑުގައި ހުއްޓަސް މިކަމުން ހަރާމުންވީ މޮޅެއް ނެތެވެ. މި މަސްވެރިކަން 2010 އަކުން 2019 އަށް ކުރި އެވެ. އެކަމަކު މިކަމުން ތިމާވެއްޓަށް ލިބުނު ގެއްލުމެއް އެނގޭނެ ރިޕޯޓެއް ނެތެވެ. މި ލޭނު އަޅައިގެން މަދުވި ވެލައެއް ނޫނީ މަދުވި މިޔަރެއް ކޮބައި ހެއްޔެވެ؟ މިޔަރު ގިނަވެގެން އެއް ބަޔަކު ހަޅޭ ލަވަނީ އެވެ. 

ދެން އޮތީ ދިވެހިން އަބަދު މަސް ބާނަމުން ދިޔަ ތިމާވެށީގެ ޗެމްޕިއަން ސްޓައިލެވެ. މި ގޮތަށް ތިމާވެއްޓާއި ރަހުމަތެރިކޮށް މަސް ބޭނީމަ ދިވެހިންނަށް ލިބުނީ ކޮން މޮޅެއް ހެއްޔެވެ؟ އެއްޗަކުން އެއްޗަކުން މަސް ބާނައިގެން މަސް ޓަނަކަށް އިތުރަށް 150 ޑޮލަރު ލިބެ އެވެ. 

މި 150 ޑޮލަރު ބޮޑު ދާޅައިގެން ކަނޑު ކަހާލައިގެން މަސް ގެންދާ ގައުމު ތަކަށް ވެސް ލިބެ އެވެ. މި އަގު ލިބުމުގެ އިތުރުން އެ މީހުންގެ ކަނޑު ކަހާލައިގެން ނަގާ މަހަށް ޔޫރަޕަށް ޑިއުޓީއެއް ވެސް ނުނަގަ އެވެ. އެކަމަކު ރާއްޖޭން ޔޫރަޕަށް ފޮނުވާ މަހަށް 24 ޕަސެންޓު ޑިއުޓީ ދައްކަން ޖެހެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ މަހަށް ރާއްޖޭން ނަގާ ޑިއުޓީ ކަނޑާލަދޭ ތޯ މަސައްކަތް ކުރާތާ 12 އަހަރުވެއްޖެ އެވެ. މިކަމަށް އދ. ގެ އާއްމު މަޖިލީހުގެ އެންމެ ބާރުގަދަ މަގާމު ކަމަށްވާ އާއްމު މަޖިލީހުގެ ރައީސްކަމަށް ދިވެއްސެއް، އަބްދުﷲ ޝާހިދުލައިގެން ވެސް ވީކަމެއް ނެތެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް އީޔޫ އިން އެކަން ދަންމަމުން ދާ ސަބަބަކީ އެ މީހުންގެ މައްސަލަހަތު ހިމެނޭ މި ބިލިއަން ޑޮލަރުގެ ވިޔަފާރީގެ ޕޯޝަނެއް ގެއްލުމުގެ ފުރުސަތު އޮތުމެވެ. 

އިންޑިއާ ކަނޑުގެ މަހުގެ ކޯޓާ ރާއްޖޭން ހޯދަން ޖެހޭ

ރާއްޖޭން ލޭނު މަސްވެރިކަމަށް ދީލައިލަން މަސައްކަތް ކުރާ އެއް ސަބަބަކީ ރާއްޖެ އަށް ލިބިފައިވާ 47،000 މެޓްރިކް ޓަނުގެ ކޯޓާ ފުރިހަމަ ބޭނުން ރާއްޖޭން ހިފުމަށެވެ. ތަފާސް ހިސާބު ތަކުން ފެންނަން އޮތް ހަގީގަތަކީ މި ވަގުތު ރާއްޖެ އަށް ބޭނުން ހިފެނީ މި ކޯޓާ އިން 30،000 މެޓްރިކް ޓަނުގެ މަހެވެ. ބާކީ އޮތް ރީނދޫ އުރަހަ ކަންނެލީގެ 17،000 ކޯޓާގައި ދިވެހިންނަށް އަތެއް ނުލެވެ އެވެ. ދުނިޔޭގެ ކަނޑުމަހާއި ކަންނެލީގެ ނީލަން ބާޒާރުތަކުގައި ބޮޑު އަގު ލިބޭ ލޯބޮޑު ކަންނެލީގެ 2،000 ކޯޓާގައި އޮތީ އަތް ނުލަ އެވެ. 

ކަންނެލީގެ ސައިޒު ކުދިވުމުގެ މައްސަލަ ބޮޑު

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝިފާޒް ވިދާޅުވި ގޮތުގައި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އަތުނަނުގައި ބާނާ ކަންނެލީގެ ސައިޒުތައް ދަނީ ކުދި ވަމުންނެވެ.

"ހިސާބުތަކުން އެނގެން އެބައޮތް 2016 އިން ފެށިގެން ކަންނެލީގެ އަދަދު ވެސް މަދުވާކަން. ކުރިން 2016 ހިސާބު އަހަރަކު 50،000 ޓަނު ބޭނިޔަސް މިހާރު 30،000 އަށް ވަނީ ދަށްވެފަ،" ޝިފާޒު ވިދާޅުވި އެވެ.

ބާނާ މަހުގެ ސައިޒު ކުދިވުމުގެ ސަބަބު ގުޅިފައިވަނީ މޫސުމީ ބަދަލަކާކަން ސައިންޓިފިކް ތަހުލީލް ތަކުން އެނގެ އެވެ. ކަނޑުގެ މަތީ ފަށަލައިގެ ފިނި ހޫނުމިނަށް އަންނަ ބަދަލު މިއީ އެއް ސަބަބެވެ. މި ސަބަބު އަހަރުން އަހަރަށް މަހުން މަހަށް ދުވަހުން ދުވަހަށް ދަނީ ފެންނަމުންނެވެ. 

މި ވަގުތަކީ އަތު ނަނުން ކަންނެލި ބާނަން މަސްވެރިން ކުރާ ހިޔާލު ބަދަލު ކުރަން ޖެހޭ ވަގުތެވެ. ކަނޑުގެ ފުނުން ކަންނެލި ނެގެން އޮތީ ފުނުގައި ލޭނު އަޅައިގެންނެވެ. މި މަސްވެރިކަމަށް 100 މޭލު ބޭރަށް ދޯނި ފަހަރު ނުކުމެ އެ މަސައްކަތް ކޮށްގެންނެވެ. އެ ފުރުސަތު ދޭން ލުއިތަކާއެކު ސަރުކާރުން ނިންމި ސަބަބަމީ މިއީ ކަމަށް ފިޝަރިޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވި އެވެ. 

މި ހަގީގަތް ފެންނަން އޮތަސް ފާޑުފާޑުގެ ވާހަކަ ފަތުރައިގެން ރާއްޖެ އަށް ބޮޑު އާމްދަނީއެއް ލިބެން އޮތް މި މަސްވެރިކަން ނުކުރަން ދަނީ ހިތްވަރު ދިނުމުގެ އަޑީގައި ތިބީ ބޭރު މީހުންނެވެ. އެކަމަކު ފެންނާން އޮތް ހަގީގަތަކީ އީޔޫގެ ގައުމުތަކުގެ އެތައް ހާސް އުޅަނދެއް މި ވަގުތު ވެސް އިންޑިއާ ކަނޑުގައި ލޭނުބައި ކަނޑަށް ބާލައިގެން އެ ތިބީ ލޭނު އަޅާށެވެ. 

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާ ކަނޑުގެ އެހި ހިސާބުތަކުގައި ހާއްސަކޮށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ގޮނޑޮޅު ކައިރި އާއި އެތެރޭގައި 19 ގައުމަކުން ދާއެޅުމާއި ލޭނު އެޅުމުގެ މަސައްކަތް ކުރެ އެވެ. މީގެތެރޭގައި އީޔޫގެ ތިން ގައުމެއްގެ އުޅަނދުތައް ވެސް ހިމެނެ އެވެ. މި ގައުމު ތަކުން ލޭނު އަޅައިގެން މިހާރު އަހަރެއްގެ މައްޗަށް 142،973 މެޓްރިކް ޓަނުގެ މަސް ބާނަ އެވެ. 

މި ކަނޑުގައި ލޭނު އަޅާ އީޔޫ ގައުމުތަކާއި އުޅަނދު

  • ފްރާންސް - 21 އުޅަނދު | ކެޕޭސިޓީ 1،349 މެޓްރިކް ޓަން | ބާނާ އަދަދު - 1،735 މެޓްރިކް ޓަން
  • ޕޯޗުގަލް - 16 އުޅަނދު | 5،534 މެޓްރިކް ޓަން | ބާނާ އަދަދު - 578 މެޓްރިކް ޓަން
  • ސްޕެއިން 41 އުޅަނދު | 13،594 މެޓްރިކް ޓަން | ބާނާ އަދަދު - 1،772 މެޓްރިކް ޓަން

ޔޫރަޕުގެ ގައުމުތަކުގެ ކުންފުނިތަކުން އަހަރެއްގެ މައްޗަށް ލޭނު އަޅައިގެން އެތައް ހާސް މެޓްރިކް ޓަނެއްގެ މަސް ބާނަ އެވެ. އެކަމަކު މި ގައުމުތަކުން ރާއްޖެ ފަދަ ގައުމުތަކުން ލޭނު އަޅަން އުޅުމުން އެކަމާ ދެކޮޅަށް "ޕްރޮޕެގެންޑާ" ފަތުރަ އެވެ. ސުވާލަކީ އިންޑިއާ ކަނޑުގައި ލޭނު އަޅައިގެން މަސް ބާނާއިރު ރާއްޖެއަށް ނުބޭނެންވީ ސަބަބެއް ކޮބައި ހެއްޔެވެ؟ 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.