ކާބޯތަކެތީގެ މައްސަލަތައް ރިޕޯޓްކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމްކުރަނީ

އެމްއެފްޑީއޭ އަށް މައްސަލަތައް ރިޕޯޓު ކުރުމަށް މިހާރު ބޭނުން ކުރަނީ 7200321 ނަންބަރެވެ. މި ނަންބަރަށް ގުޅައިގެންނާއި ވަޓްސްއަޕް އަދި ވައިބާ މެދުވެރިކޮށް ޝަކުވާ ހުށަހެޅެ އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް --

ކާބޯތަކެތި އުފައްދާ އަދި ވިއްކާ ތަންތަނުން ފާހަގަ ކުރެވޭ މައްސަލަތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ފަސޭހައިން ރިޕޯޓު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު އެމްއެފްޑީއޭ އަށް ރިޕޯޓް ކުރުމަށް ގާއިމް ކުރެވިފައި އޮންނަނީ އުނދަގޫ ނިޒާމެއް ކަމަށެވެ.

"މިހާ ހިސާބަށް އައިއިރުގަ ކޮމްޕްލެއިން ކުރުމަށްޓަކައި މި އޮންނަނީ ތަންކޮޅެއް އުނދަގޫ ޕްރޮސީޖާއެއް، އެހެންވީމަ މިހާރުވެސް އަޅުގަނޑުމެން ވާނީ އެމްއެފްޑީއޭގައި ނަންބަރެއް ގާއިމު ކުރެވިފައި. އެ ނަންބަރުގެ ޒަރީއާއިން ވަޓްސްއަޕް ނޫނީ ވައިބާ މެދުވެރިކޮށް އެތަންތަނުގެ ފޮޓޯ އަޅުގަނޑުމެންނަށް ލިބޭ ހިސާބުން އަޅުގަނޑުމެން ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ނިޒާމު ގާއިމް ކުރާނީ މާދަމާއިން ފެށިގެން އަމަލުކުރަން ފަށާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު އެ އޮތޯރިޓީއަށް މާ ބޮޑު ގާނޫނީ ބާރުވެރިކަމެއް ނެތް ނަމަވެސް، އާ ގާނޫނާއެކު އެމްއެފްޑީއޭ އަށް ވަރަށް ގިނަ ބާރުތައް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމްއެފްޑީއޭ އިން މިހާރު އަމަލުކުރަމުންދާ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ނުކޮށް ހިންގާ ކާބޯތަކެތި އުފައްދާ ތަންތަން ބަލައި ފާސްކޮށް ފިޔަވަޅު އެޅުމުގެ ބާރެއް ނޯވެ އެވެ. އެފަދަ ތަންތަން ބަލައިފާސްކުރަން ބޭނުންވާނަމަ ޖެހެނީ ކޯޓު އަމުރެއް ހޯދާށެވެ.

މިނިސްޓަރު ވިދާޅުވީ އާ ގާނޫނާއެކު އެފަދަ ތަންތަން ބަލައި ފާސްކޮށް، ފިޔަވަޅު އެޅުމުގެ ބާރު އެމްއެފްޑީއޭ އަށް ލިބިގެންދާނެ ކަމަށެވެ. އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ވެސް މި ގާނޫނުން ލިބޭނެ ކަމަށެވެ.

އެމްއެފްޑީއޭ އަށް މައްސަލަތައް ރިޕޯޓު ކުރުމަށް މިހާރު ބޭނުން ކުރަނީ 7200321 ނަންބަރެވެ. މި ނަންބަރަށް ގުޅައިގެންނާއި ވަޓްއަޕް އަދި ވައިބާ މެދުވެރިކޮށް ޝަކުވާ ހުށަހެޅެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.