ގާނޫނާ ހިލާފުވެގެން 1579 ކާބޯތަކެތި ވިއްކާ ތަން ބަލައި ފާސްކޮށްފި

އެތަންތަން ރަޖިސްޓްރީ ނުކޮށް ހިންގާތީ، އެތަންތަން ބަންދު ކުރުމުގެ ބާރު އެމްއެފްޑީއޭއަށް ނޯންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް --

އާންމު ސިއްހަތުގެ ގާނޫނާ ހިލާފުވެގެން ވޭތުވެ ދިޔަ އަށް މަސް ދުވަހުގެ ތެރޭގައި 1579 ތަނެއް ބަލައިފާސްކޮށް، 14 ތަނެއް ބަންދުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މާދަމާ އިން ފެށިގެން އަމަލު ކުރަން ފަށާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަމަލު ކުރަމުންދާ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ބަލައި ފާސްކުރެވެނީ ހަމައެކަނި ރަޖިސްޓްރީ ކޯށްފައިވާ ތަންތަން ކަމަށެވެ.

މިއަހަރުގެ ޖެނުވަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް، ބަލައިފާސްކޮށްފައިވާ ހުރިހާ ތަނަކީވެސް ރަޖިސްޓްރީ ކޮށްގެން ހިންގާ ތަންތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އާންމު މިންގަނޑުތަކާ ހިލާފުވެގެން ބަންދު ކުރި 14 ތަނުގެ ތެރެއިން 13 ތަން މިހާރު ރަގަޅު ކުރުމަށްފަހު އަލުން ހުޅުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނުތާހިރުވުމާއި ކުޑަކުޑަ ގޮޅި ގޮޅީގައި ސިއްރުން ކެއްކުން ފަދަ ކަންކަން އާންމު ގޮތެއްގައި ކުރަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކަމަށެވެ. އެތަންތަން ރަޖިސްޓްރީ ނުކޮށް ހިންގާތީ، އެތަންތަން ބަންދު ކުރުމުގެ ބާރު އެމްއެފްޑީއޭއަށް ނޯންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ބޮޑު މައްސަލައަކަށް އަޅުގަނޑުމެންނަށް މިހާރުވެސް މި ދިމާވާ ކަމަކީ ކަންމަތީ ހުންނަ ފިހާރައިގަ މިހުންނަ ގުޅަ ޕެކެޓް، ނޫނިއްޔާ މިހުންނަ ހެދިކާ ޕެކެޓް، ނޫނިއްޔާ ގެނެއްސަ މިހުންނަ ކޭކު މި އުފައްދާފަ ހުންނަނީ ކޮންތަނެއްކަން ނޭންގޭތީ ޓްރެކް ކުރަން ނޭންގެނީ. އެހެންވީމަ ކާކު އުފެއްދި ކޯއްޗެއްކަން ނޭންގުމުގެ ނަތީޖާއަކީ އޭގަ ގޯހެއް ހުއްޓަސް ޒިންމާ ކުރުވާނެ ފަރާތެއް ފެންނާކަށް ނޯވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް އަމަލުކުރަން ފަށާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ވަރަށް ގިނަ ބާރުތައް އެމްއެފްޑީއޭ އަށް ލިބިގެންދާނެ ކަމަށެވެ. އަދި އެގޮތަށް ކާކުކަން ނޭންގޭ ކާބޯތަކެތި މާކެޓަށް ނެރުން މަނާ ވެގެން ދާނެ ކަމަށާއި، އެފަދަ ތަންތަން ބަންދު ކުރުމުގެ ބާރު ވެސް އެމްއެފްޑީއޭ އަށް ލިބިގެންދާނެ ކަމަށެވެ.

އެ ގާނޫނުގައި، ކާބޯތަކެތި އުފައްދާ އަދި ވިއްކާ ތަންތަނުގެ ސާފުތާހިރުކަން ހުންނަންވާ މިންގަންޑުތައް ބަޔާންކޮށްފައި ހުންނާނެ ކަމަށާއި، ގާނޫނާ ހިލާފުވާ ތަންތަން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންދާނެ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އާ ގާނޫނަށް އަމަލުކުރަން ފަށަން ތައްޔާރުވެފައިވާއިރު، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން، ގަވާއިދާ ހިލާފަށް ކާބޯތަކެތި ހަދާ ތަންތަނާއި ނުތާހިރު ތަންތަން ބަންދު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެތަންތަން ހިންގާ މިހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ދަނީ ގެންދަމުންނެވެ. އާ ގާނޫނުގެ ދަށުން އެފަދަ މީހުން ޑީޕޯޓް ކޮށްލުމުގެ ބާރު ހެލްތު މިނިސްޓްރީއަށް ވެސް ލިބިގެންދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.