މަޖިލީހުގައި ބޮޑު ދުވަހެއް؛ ހަތް ބިލެއްގެ މަސައްކަތް ނިންމައި ތަޅުމަށް

މިއަދު މަޖިލީހުގެ ޖަލްސާއަށް ކޮމިޓީތަކުން މަސައްކަތް ނިންމުމަށް ފަހު ތަޅުމަށް ހުށަހަޅާ ބިލުތަކަކީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ގެދޮރުވެރިކަމާ ބެހޭ ކޮމެޓީ އަށް މެންބަރުން އިންތިހާބު ކުރާނެ ކަމަށް ވަނީ ވިދާޅުވެފައި--

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މި ދައުރަށް ހުށަހެޅި ހަތް ބިލެއްގެ މަސައްކަތް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅަން އެޖެންޑާކޮށްފި އެވެ. 

މިއަދު މަޖިލީހުގެ ޖަލްސާއަށް ކޮމިޓީތަކުން މަސައްކަތް ނިންމުމަށް ފަހު ތަޅުމަށް ހުށަހަޅާ ބިލުތަކަކީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކެކެވެ. އެ ބިލުތަކުގެ ތެރޭގައި ހިމެނެނީ އިގުތިސާދީ ކަންކަމާ ގުޅޭ ބިލުތަކާއި އިދާރީ ހިންގުމާ ގުޅޭ ބައެއް ބިލުތަކެވެ. 

އިގުތިސާދީ ކަންކަމާ ގުޅޭ ބިލުތަކުގެ ތެރޭގަައި ފޮރިން އިންވެސްޓުމެންޓުގެ ބިލާއި، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރަށް ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލު ހިމެނެ އެވެ. މި ބިލުތަައް ދިރާސާކުރީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީންނެވެ. 

އޭގެ އިތުރަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލާއި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށްފަހު އެ ބިލުތަކާ ގުޅޭ މަސައްކަތްކުރި ކޮމިޓީތަކުން އެކުލަވައިލި ރިޕޯޓުތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ. 

މި ބިލުތަކުގެ ތެރެއިން ފޮރިން އިންވެސްޓުމެންޓު ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލަކީ ފާއިތުވި ދެތިން ހަފުތާ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކެވެ. 

ސަރުކާރު ހިންގާ ޕީއެންސީގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ މަޖިލީހުން ބިލުތަކުގެ މަސައްކަތް ކުރަމުންދަނީ އެކަށީގެންވާ މިންވަރަށް ދިރާސާކުރާނެ ވަގުތު މެންބަރުންނަށް ނުދީކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތުހުމަތުކޮށްފައިވެ އެވެ. 

މަޖިލީހުގެ ހިނގަމުންދާ ދައުރު ގަވާއިދުގައިވާ ގޮތުގެ މަތިން ނިމެން އޮތީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ހިނގަމުންދާތީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހަޅުއްވައިގެން މަޖިލީހުގެ ދައުރުވަނީ މި މަހުގެ 26 ވަނައަށްވާ ހޯމަދުވަހާ ހަމައަށް ދަންމައިލާފަ އެވެ. 

ޗައިނާގައި ކުރިއަށްދާ އިންޓަ-ޕާލިމަންޓަރީ ޔޫނިއަނުގެ ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންދާތީ މިއަދު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ކަމަށް ބެލެވެނީ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.