ވާހަކަ

ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 13

ބަލާކަށް ނުހުރެ ލައިލާ ހިފީ ކާސިމްގެ ކަރުގައެވެ. ނޭވާ ނުލެވިގެން ކާސިމް ތެޅިގަތެވެ.

- އެޕިސޯޑް 13 –

"ދަރިފުޅާ! މީ ބައްޕައޭ.. ހަމަޖެހި ބަލަ! ދަރިފުޅާ.."

ކާސިމްގެ އަރު ތެެރެއިން އަޑު ނުކުންނަމުން ދިޔައީ ކިރިޔަ ކިރިޔާއެވެ. އޭރުވެސް ލައިލާ ހުރީ ނިކަން ބާރަށް ކާސިމްގެ ކަރުގައި ހިފައިލައިގެންނެވެ.

"އަހަރެންގެ ބައްޕައެއް ނުހުންނާނެ! އަހަރެންގެ ބައްޕައެއް ނުހުންނާނެ! އަޑު އިވިއްޖެތަ؟"

ލައިލާގެ އަޑު ބާރު ކަމުން ކާސިމްގެ ކަންފަތުގެ ހިނދުރި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ލަތްކަކަށް ކާސިމް ކުއްލިއަކަށް ހުރެފައި ލައިލާގެ ދެ އަތް ހޫރާލިއެވެ. އަދި ނިކަން ބާރަށް ދުވެފައި ކޮޓަރިން ނުކުމެ ދޮރު ޖެހިއެވެ. އޭރު ކާސިމްގެ ނޭވާ ހީވަނީ ހަށިގަނޑު ފަޅާލާފައި ނުކުމެެގެން ހިނގައިދާނެހެންނެވެ. ކެއްސަމުން ކެއްސަމުން ކާސިމް ދުވެފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ކާސިމް ދުވެފައި އައިލެއް ބާރު ކަމުން ކޮޓަރީގައި ނިދާފައި އޮތް މުނީރާއަށް ދެލޯ ހުޅުވާލެވުނެވެ.

ކާސިމް ހުރި ގޮތް ފެނިފައި މުނީރާގެ ދެ ލޮލުން ނިދީގެ އަސަރުތައް އެއްކޮށް ފިލައިގެން ދިޔައެވެ. މުނީރާ ދެލޯ ބޮޑުކޮށްގެން ނިކަން އަވަހަށް އެނދުން ތެދުވެ، ކާސިމްއާ ދިމާލަށް ހިނގައިގަތެވެ.

"ކާސިމް.. ކާސިމް.."

މުނީރާ ހުރީ އިންތިހާއަށް ހާސްވެފައެވެ. މިއިން ދުވަހެއްގައި ވެސް ކާސިމް އެހާ ބިރުން ހުރި ތަނެއް މުނީރާއަށް ފެނިފައެއް ނެތެއެވެ. ކާސިމަށް އެވަރު ވާނީ ނިކަން ބޮޑު ކަމެއް ވީމަ ކަން މުނީރާއަށް ކަށަވަރު ކުރެވުނެވެ.

ކާސިމް ދިޔައީ މާނޭވާ ލަމުންނެވެ. އެއްޗެއް ބުނަން ކާސިމް މަސައްކަތް ކުރާކަން މުނީރާއަށް އެނގުނެވެ. ނަމަވެސް އެ ހިތްވަރެއް ކާސިމްގެ ގައިގައި ނެތެވެ. އޭނާއަށް ނޭވާ ލެވެނީ ވެސް އެހާ އުނދަގުލުންނެވެ.

މުނީރާ އަވަސްވެގަތީ ކޮޓަރިން ނުކުމެގެން ބަދިގެއާ ދިމާލަށް ދިޔުމަށްޓަކައެވެ. ނަމަވެސް މުނީރާ އެޅި ފުރަތަމަ ފިޔަވަޅާ އެކުގައި މުނީރާގެ އަތުގައި ކާސިމް ހިފާލިއެވެ. އަދި ކޮޓަރިން ނުނިކުންނާށޭ ބުނާ ފަދަ ގޮތަކަށް ދެފަރާތަށް ބޯހޫރާލިއެވެ.

"މި ދަނީ ފެން ފޮދެއް ބަލާ.. އަހަރެން މި އަންނަނީ.."

މުނީރާ އަނެއްކާ ވެސް ކުރިއަށް ފިޔަވަޅެއް ނެގުމާ އެކުގައި ކާސިމް ހިފައިލީ މުނީރާ އަތުގައެވެ. މިފަހަރު ކާސިމަށް ހިފުނީ ވެސް ނިކަން ބާރަށެވެ. މުނީރާއަށް ތަދު އިޙްސާސް ކުރެވުނެވެ.

"ނު... ނު... ނުދޭ!"

ކާސިމްގެ ދުލުން އަކުރުތައް ނުކުތީ ވަކިވަކިން ފަޅިފަޅި ވެގެންނެވެ. މުނީރާ މިފަދަ ގަޑިއެއްގައި ބޭރަށް ނެރެން ކާސިމް ބޭނުން ނުވީއެވެ. މުނީރާއަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.

"ކީއްވެ؟ ކިހިނެއްވީ؟ ކިހިނެއްވެފަ ތިހުރީ؟ ވާހަކަަދަައްކަބަލަ! އޭރުން ދޯ އަހަންނަށް ވެސް އެނގޭނީ.. އަހަރެން މިހާރު ވަރަށް ހާސްވޭ.. ވީ ގޮތް ބުނީމަ ދޯ އެނގޭނީ.. ލައިލާއަށް ކަމެއް ވީތަ؟ ބުނެބަލަ! ކޮބާ ލައިލާ؟"

ސުވާލު ފުންޏެއް މުނީރާ އަމުނާލިއެވެ. އެއިން އެއްވެސް ސުވާލަކަށް ކާސިމަކަށް ޖަވާބެއް ނުދެވުނެވެ.

މުނީރާ މަޑުމަޑުން ކާސިމްގެ އަތުގައި ހިފާލިއެވެ. އަދި ކާސިމް ގޮވައިގެން އައިސް އެނދުގައި އޭނާ ބޭންދިއެވެ.

"އަހަރެން މި އަންނަނީ.. ހަމަޖެހިގެން އިނދޭ! ފެން ފޮދެއް ބޯލީމަ ތިކަން ރަނގަޅު ވެދާނެ.."

މުނީރާ އޭނާގެ ކަނާ އަތުން ކާސިމްގެ ބޮލުގައި ފިރުމާލަމުން ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.

"އަހަންނަށް.. މާފު ކުރޭ!"

މުނީރާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ކާސިމްގެ ޖުމުލައިންނެވެ. މުނީރާ ފަހަތް އެނބުރި ބަލައިލީ ކާސިމްއަށެވެ. ކާސިމްގެ ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދަނީއެވެ. މުނީރާ އިތުރަށް ޖެހިލުންވިއެވެ.

"އަހަރެންނަށް. ވަރަށް ބޮޑު ކުށެއް.. ކުރެވެއްޖެ.. މުނީރާ ދުވަހަކު ވެސް.. މާފު ނުކުރާނެ ވަރުގެ.." 

ކާސިމްގެ އަޑު ދިޔައީ ތުރުތުރު އަޅަމުންނެވެ.

"ކޮން ކުށެއް؟ ކިހިނެއްވީ؟" 

މުނީރާގެ ހަތަރު ކަޅި އަމާޒް ވެފައި ވަނީ ސީދާ ކާސިމްގެ މޫނަށެވެ.

މުނީރާ މަޑުމަޑުން ހިނގަމުން ގޮސް ކާސިމްގެ ގާތުގައި، ޖެހިގެން އިށީންނެވެ. އަދި ކާސިމްއަށް ހިތްވަރު ދިނުމުގެ ގޮތުން މުނީރާގެ އަތުން ކާސިމްގެ ބުރިކަށީގައި އަތް ހިންގާލިއެވެ.

"އަހަރެން މީނީ އަޑު އަހަން.." 

މުނީރާ ބަލަން އިނީ ކާސިމްގެ މޫނަށެވެ. ކާސިމް އިސްޖަހާލަމުން ވާހަކަދައްކަން ފެށިއެވެ. ހުރިހާ ވާހަކައެއް ކާސިމް ކިޔައި ދޭން ފެށިއެވެ. ކާސިމްގެ މުޅި ހަށިގަނޑު ރޫރޫ އަޅާ ވަރުން، އޭނާ ގަތްފައިވާ ބިރު ވަރަށް ސާފުކޮށް ދިޔައީ ހާމަ ވަމުންނެވެ.

ކާސިމްގެ ވާހަކަ އަޑު އަހާފައި މުނީރާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ.

"އަހަރެން މި ހުރިހާ ކަމެއް ކުރީ ލައިލާގެ މުސްތަޤުބަލަށް ވިސްނާފަ.. މުނީރާ އަބަދު އަހަރެން ގާތުގަ ރޮނީ.. އެ މަންޒަރުތައް ބަލަން އަހަރެންނަށް ކެތް ނުވީ.. މުނީރާގެ އެތައް ހުވަފެނެއް ލައިލާއާ މެދުގައި ވާނެ.. އެ ހުރިހާ ހުވަފެނެއް ފެނަށް ވެގެން ދާތަން ބަލަން މުނީރާއަށް ފަސޭހަ ނުވާނެކަން އަހަންނަށް އެނގޭ.. އަހަރެންނަށް ގޮތް ހުސްވީ.. މީހާއަށް ހެޔޮ ވިސްނުން ގެއްލި، ޝައިތާނެއްގެ އަވާގަ ޖެހުނީ.. އަހަރެން މި ދަނޑިވަޅުގަ ބާކީކޮށް ނުލާ! އަހަރެންނަށް މުނީރާގެ ހިތްވަރު، މުނީރާގެ އެހީތެރިކަން ބޭނުން ވާނެ.. މިކަން ބަޔަކަށް އެނގޭ ހިސާބުން އަހަރެން ޖަލަށް ދާނެ.. އަހަރެމެން ދެމީހުން މަސައްކަތް ކޮށްގެން މިކަމުން ސަލާމަތް ވެވިދާނެ.. އަހަރެމެންގެ ދަރިފުޅު ސަލާމަތް ކުރެވިދާނެ.." 

ކާސިމް ވާހަކަދައްކަމުން ދިޔައީ ރޮމުންނެވެ.

"އަހަރެން ވަރަށް ބިރުގަނޭ!" 

މުނީރާއަށް ބުނެވުނީ އެވަރަށެވެ. މުނީރާއަށް ރޮވިއްޖެއެވެ. އިންތިޙާއަށް ރުޅި ވެސް އައެވެ. ނަމަވެސް މިފަދަ ދަނޑިވަޅެއްގަ ރުޅިވެރިކަން އިޚްތިޔާރު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން މުނީރާއަށް ވެސް ވިސްނެއެވެ. ކާސިމް ގަސްދުގައި ލައިލާއަށް އެފަދަ ބޮޑު އަނިޔާއެއް ނުދޭނެކަން މުނީރާއަށް ޔަޤީންނެވެ.

"ދެން ކިހިނެއް ހަދާނީ؟ ކޮބަ ލައިލާ؟" 

މުނީރާގެ ހިތުގެ ހިނގުން ހީވަނީ ރޭހެއްގައި އުޅޭ ހެންނެވެ.

"އަހަރެން ބުނާ ގޮތެއް ހަދާނަންތަ؟" ކާސިމް ބަލައިލީ މުނީރާއަށެވެ.

"ކޮން ގޮތެއް؟" މުނީރާ ބިރުން ހުރެ އަހައިލިއެވެ.

ކަންތައް ވާން ޖެހޭ ގޮތް ކާސިމް ކިޔާ ދޭން ފެށިއެވެ. ކާސިމްގެ ވާހަކަތައް ނިންމާލުމާ އެކުގައި މުނީރާއަށް ބޭއިޚްތިޔާރުގައި ނޫނެކޭ ބުނެވުނެވެ. ކާސިމްގެ ޚިޔާލަށް މުނީރާއަށް އެއްބަސް ނުވެވުނެވެ. ނަމަވެސް އެންމެ ފަހުން ކާސިމްގެ އާދޭސްތަކަށް ބޯލެނބުގެ ގޮތުން މުނީރާ އާނ ބަސް ބުންޏެވެ. ނަމަވެސް ހިތާ ދެކޮޅަށެވެ. (ނުނިމޭ)


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.