މައުރޫފް ނިސްބަތްވާ ދާއިރާގެ ރަށެއްގެ ރައްޔިތަކަށް އެ ގޮތަށް "ފޮށެން" ލަދު ނުގަނޭތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައިވެ އެވެ.
ކަމަދޫއަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ ނަން ބޭނުންކޮށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު، މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ދެއްކެވި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެ އެ ވާހަކަތަކަށް މާފަށް އެދެން ގޮވާލާ އަޑު ގަދަވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ޖިނާއީ އިޖުރާތުގެ ބިލަށް އިސްލާހު ގެނައުމުގެ ބަހުސް ގައި މައުރޫފް ވަނީ ސްކޭމްގެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކަމަދޫއަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ ނަން ބޭނުންކޮށްގެން މިސާލެއް ގެނެސްފަ އެވެ.
އޭނާ މިސާލެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ މިދިޔަ އީދުގައި އާންމުންގެ ބޮޑު ސަމާލު ކަމެއް ހޯދި ކަމަދޫއަށް ނިސްބަތްވާ ޒާރާ ކިޔާ އަންހެނެއްގެ ނަމެވެ. ވިދާޅުވީ ޒާރާގެ ފޮޓޯއެއް ލާގައި ލިންކެއް ފޮނުވާލާއިރަށް ވެސް ބައެއް ދިވެހީން ސްކޭމްތަކުގައި ޖެހޭ ކަމަށެވެ.
ވަރަށް ގިނަ ބަޔަކު ވަނީ މައުރޫފްގެ އެ ވާހަކަތަކަށް ފާޑުކިޔާފަ އެވެ. މަަޖިލީސް މެންބަރަކަށް ވުމަކީ މަޖިލީސް ތަޅުމުގައި އެހެން މީހުންްގެ ނަން ބޭނުންކޮށްގެން ހިތުހުރި ވާހަކައެއް ދެއްކުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަދި އަންހެނެއްގެ ނަން ބޭނުންކޮށް މައުރޫފް ދެއްކީ "ހުތުރު" ވާހަކަތަކެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
މައުރޫފް ނިސްބަތްވާ ދާއިރާގެ ރަށެއްގެ ރައްޔިތަކަށް އެ ގޮތަށް "ފޮށެން" ލަދު ނުގަނޭތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައިވެ އެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ މީހެއްގެ ޒާތީ ކަމަކާ ފާޅުގައި ބެހި ފުރައްސާރަ ކުރުމުގެ އަމަލެކެވެ. އަދި ދިވެހީންނަކީ ނުބައި ހިޔާލުތަކުގެ ބައެއްގެ ގޮތުގައި މައުރޫފް ސިފަ ކުރުމެވެ.
އެ މީހުން ވަނީ ދެއްކި ވާހަކަތަކާމެދު އާންމުކޮށް މާފަށް އެދުމަށް ވެސް މައުރޫފަށް ގޮވާލާފަ އެވެ. މައުރޫފަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރެކެވެ.