ސްކޭމު މައްސަލަ ހައްލުކުރެވޭނެ ގޮތެއްކަމަށް އަޒާން ވިދާޅުވީ އެހެން ގައުމުތަކުގައިވެސް ބޭންކިން ނިޒާމުގެ ތެރެއިން އަޅާފައި ހުންނަ ފިޔަވަޅުތައް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ތައާރަފުކުރުމެވެ.
ސްކޭމުތައް ހުއްޓުވުމަށްޓަކައި ބޭންކިން ގާނޫނަށް އިސްލާހުތަކެއް ގެނެސް ބޭންކިން ނިޒާމުގެ ތެރެއިން ސްކޭމުތަކުގައި ފައިސާ ގެއްލުން ހުއްޓުވަން ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.
އަޒާން މިފަދައިން ވިދާޅުވީ ސްކޭމް ހުއްޓުވުމުގައި ފުލުހުންނަށް ކުރިމަތިވެފައިވާ ދަތިތައް ހުއްޓުވުމުގެ ގޮތުން ސްކޭމުތަކުގެ ތެރެއިން ފައިސާ ފޭރިގަތުމުގެ ކުރިން އެކައުންޓުތައް ފުރީޒުކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުންނެވެ.
އަމިއްލަ މެންބަރަކު 20 ވަނަ މަޖިލީހަށް ހުށަހެޅުއްވި ފުރަތަމަ ބިލުގައި ބުނެފައިވަނީ ކުށް ކޮށްގެން ނުވަތަ ސްކޭމެއް ހިންގައިގެން އެކައުންޓުގެ ވެރިފަރާތަށް އޮޅުވާލައިގެން އެކައުންޓުން ފައިސަ ނަގަމުންދާކަން ފާހަގަކުރެވިއްޖެނަމަ އެ ފައިސާއާއި ކުށްކުރުމަށް ފައިސާ ޓްރާންސްފާ ކުރި އެކައުންޓުގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފަހެއްޓުމަށް ކޯޓު އަމުރެއް ނެރެދިނުމަށް އެެދެވިދާނެ ކަމަށެވެ.
އަދި އެފަދައިން ފައިސާ ހިފަހެއްޓުމަށް ކޯޓުން އަމުރެއް ނެރުމަށް ނަގާ މުއްދަތުގައި އެ އެކައުންޓުގައި ހުރި ފައިސާ ހިފަހެއްޓުމަށް ފުލުހުންގެ ހިދުމަތުން އަމުރެއް ނެރެވިދާނެ ކަމުގައިވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އެ އިސްލާހާމެދު ބަހުސްކުރައްވަމުން އަޒާން ވިދާޅުވީ މި އިސްލާހުގެ ސަބަބުން ސްކޭމުގެ މައްސަލައަށް ހައްލެއް ނުލިބޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ސްކޭމުތަކުން ހޯދާ ފައިސާ ބަދަލުކުރާ ގޮތެވެ. އެގޮތުން މީހެއްގެ އެކައުންޓުން ފައިސާ ހޯދުމަށްފަހު މަދު ހިނދުކޮޅެއްގެ ތެރޭގައި އެ ފައިސާ ގިނަގުނަ އެކައުންޓުތަކަށް ޓްރާންސްފާކުރުމުގެ ސަބަބުން އެ ފައިސާ ވަރަށް އަވަހަށް ދައުރުކުރުމެވެ.
މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ސްކޭމުތަކާ ގުޅޭ ގޮތުން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކާ ހަވާލާދެއްވައި އަޒާން ވިދާޅުވީ އެކައުންޓެއްގައި ހުރި ފައިސާ ހިފަހެއްޓުމަށް ކޯޓު އަމުރެއް ނެރޭއިރު ނުވަތަ ކޯޓު އަމުރެއް ނެތި ފުލުހުން އެފަދަ އަމުރެއް ނެރެ ބޭންކުތަކާ މުއާމަލާތްކުރާއިރު އެކައުންޓުތަަކުގައި ހުންނަ ފައިސާ އެތައް ސަތޭކަ އެކައުންޓަކަށް ޓްރާންސްފާކޮށް ނިންމައިލާ ކަމަށެވެ.
ދުނިޔޭގެ އެހެނިހެން ބައެއް ގައުމުތަކުގައި ސްކޭމު މައްސަލަ ހައްލުކުރުމަށް ބޭންކިން ނިޒާމުތަކުގެ ތެރެއިން ފިޔަވަޅުތަކެއް އަޅާފައި ހުންނަކަން އަޒާން ފާހަގަކުރެއްވި އެވެ. އެގޮތުން އެއް ގޮތަކީ އެކައުންޓުތަކުގެ ފައިސާ ދައުރުކުރާ ޕެޓާން ދެނެގަނެ އޮޓޮމެޓިކުން ފައިސާގެ މުއާމަލާތްތައް ހުއްޓުވުން ކަމަށާއި، ދެވަނަ ގޮތަކީ ޓްރާންސެކްޝަންތައް ޑިލޭކުރުން ކަމަށެވެ. އެއީ ބޮޑެތި މުއާމަލާތްތައް ވަގުތުކޮޅަކަށް މަޑުޖެއްސުން ކަމަށްވެސް އަޒާން ވިދާޅުވި އެވެ.
"ހައްލުކުރަން އަސްލު ކުރަންވީ ކަމަކީ އެހެން ގައުމުތަކުގައި މިކަންކުރާ ގޮތަަށް ބަލައިގެން ބޭންކިން ގާނޫނަށް އިސްލާހުތަކެއް ގެންނަންވީ،"" އަޒާން ވިދާޅުވި އެވެ.