މާކަންނެލި ބާނަން ލޭނު އެޅުން | ރާއްޖޭން ނުކުރަންވީ ސަބަބެއް ނެތް

ދިވެހިންނަށް ކަންނެއްޔަކީ މުދަލެއްގެ ގޮތުގައި ފާހަގަވީ 1960 ގެ އަހަރުތަކުގަ އެވެ. މަސްވެރިކަން ފެށުނީ 1995 ގެ އަހަރުތަކުގަ އެވެ. މިއަދުވެސް މި މަސްވެރިކަން ކުރަނީ އޭރު ކުރި ގޮތަށެވެ. ސުވާލަކީ ހަމަ އެގޮތުގައި ތިބެންވީ ހެއްޔެވެ؟

ރާއްޖޭން ފެށި ލޭނު މަސްވެރިކަމަށް ބޭނުންކުރި އުޅަނދުތައް ހުޅުމާލެ ފަޅުގައި

މީގެ 10 އަހަރު ކުރީގެ ވާހަކަ އެކެވެ. އެއީ ރާއްޖޭގެ އެންމެ މަގުބޫލު ދުވަހު ނޫސް "ހަވީރު" ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސް ތަކުން އެއް ދުވަހެވެ. އަހަރަކީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދުވަހެވެ. ރާއްޖޭން އަލަށް ކުރާ ކަމަށްނުވިޔަސް މި މަސްވެރިކަމަށް ދިވެހިރާއްޖެ ހުޅުވާލެވޭތީ އޭރުގެ ސަރުކާރުން މަސައްކަތް ކުރަނީ އެވެ. މި ރަސްމިއްޔާތެއް އޮތީ ސަރުކާރުގެ މާކަނޑުގައި ކުރާ މާކަންނެލީގެ މަސްވެރިކަމަށް ދައްކާލަން އާލާތްތައް ފައްކާކުރި މިފްކޯގެ ރީނދޫ އުރަހަ ދޯނީގަ އެވެ. މި މަސްވެރިމަކަކީ ދިވެހި މަސްވެރިން އާއްމުކޮށް ނުކުމެ ނޫޅޭ ހިސާބު 100 މޭލު މާކަނޑުގައި ލޭނު އަޅައިގެން ކުރާ މަސްވެރިކަމެވެ. ރާއްޖޭގެ މަސްވެރިކަމުގައި އުޅޭ މަސްވެރިންގެ ހިތުގައި ނުތަނަވަސް ކަމެއް ހުއްޓަސް ގިނަ ބަޔަކު ތިބީ ވާގޮތެއް ބަލާށެވެ. މިކަމުގައި އިސް ނަންގައިގެން އުޅުއްވީ އޭރުގެ މަސްވެރިކަމާ ބެހޭ ވަޒީރު އަދިި މަސްވެރިކަމުގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ޑރ. މުހައްމަދު ޝައިނީ އެވެ.

ލޯންގް ލޭން މަސްވެރިކަން ނުވަތަ ލޭނު އަޅައިގެން މާކަންނެލި ބޭނުން ތައާރަފު ކުރަން ބޭއްވި ހަފުލާގައި ޝައިނީ ދެއްކެވި ވާހަކަ މިއަދު ވެސް ހަނދާން އެބަހުއްޓެވެ. މަސްވެރިކަމުގެ ތަޖުރިބާކާރު ވިދާޅުވި ގޮތުގައި ސަރުކާރުން ލޯންގް ލޭން މަސްވެރިކަން ތައާރަފު ކުރާ އެއް ސަބަބަކީ ރާއްޖޭގައި އާއްމުކޮށް ކުރާ މަސްވެރިކަމަށް އަންނަ ލޮޅު ންތަކުން ސަލާމަތް ކޮށް ދިނުނެވެ. ދިވެހިންނަަށް މިހާރުގެ މަސްވެރިކަމުގައި ތިބެވޭނީ މިފަދަ ހައި ސްކޭލްގެ މަސްވެރިކަމެއް ކޮށްގެން ކަމަށް ސަރުކާރަށް ފެންނާތީ އެވެ. އަދި ލޭނު އަޅައިގެން ކަންނެލި ބޭނުމަކީ އެއްޗަކުން ބާނާ މަސްވެރިކަން ނަގާފައި އެންމެ ތިމާވެއްޓާ ރަހުމަތްތެރި މަސްވެރިކަމެވެ. މީގެ 10 ވަރަކަށް އަހަރު ކުރީގައި ފެށި މި މަސްވެރިކަން ތައާރަފުކުރިތާ ތިން އަހަރު ފަހުން މި މަސްވެރިކަމަށް ސަރުކާރުން ދީފައިވާ ފަހުން އައި އެމްޑީޕީ ސަރުކާރުން ބާތިލްކޮށް މި ބާވަތުގެ މަސްވެރިކަން ކުރުން ހުއްޓާލި އެވެ. ސަބަބެއް ކަމަށް އެ ސަރުކާރުން ބުނީ މި މަސްވެރިކަމުގަައި ހަރަކާތްތެރިވަމުން ދިޔަ ކުންފުނިތަކުން ގަވައިދާ ހިލާފު ގިނަ ކަންތައް ތަކެއް ކުރަމުން ދިއުމެވެ. މިކަމުގެ ސަބަބުން ދިވެހި މަސްވެރިކަމަށް ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތުމެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މި މަސްވެރިކަން އަލުން އިސްލާހީ ފިޔަވަޅުތަކާއެކު ފަށަން ނިންމައި ގަވައިދުގެ ޑްރާޓް އެކުލަވާލައި އެ ގަވާއިދު އާއްމުންގެ ހިޔާލަށް ވެސް ހުޅުވާލާފަ އެވެ.

ހަގީގީގަތުގައި މި މަސްވެރިކަން އޭރު ހުއްޓުވި ސަބަބެއް ވެސް އޮންނާނެ އެވެ. މިކަމުން ރާއްޖެ އަށް ކިހާ ވަރެއްގެ އާމްދަނީއެއް ލިބޭ ހެއްޔެވެ؟ މިކަން ފަށައިގެން ލިބޭނެ ގެއްލުމަކީ ކޮބައި ހެއްޔެވެ؟ ނޫނީ ނުފަށައިފިނަމަ މަސްވެރިކަމަށް ގެއްލުމެއް ވެދާނެ ހާލަތެއް އަތުވެދާނެ ހެއްޔެވެ؟ 

ލޭނު މަސްވެރިކަން ފުރަތަމަ ފެށުމުގެ ގޮތުން ދިވެހިން ތަމްރީން ކުރަނީ -- މިފްކޯ

މާކަނޑުގައި ލޭނު އަޅައިގެން މާކަންނެލި ބާނާ މަސްވެރިކަން އަލުން ފަށަން އުޅުމުން އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިކަމުގެ ސަބަބުން ގައުމުތަކާއެކު ހަދާފައިވާ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރަން އުނދަގޫވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމާ ދެކޮޅަށް ކަންނެލި މަސްވެރިން "ކައްކަން" ވަނީ ފައްޓަވާފަ އެވެ. މިއާއެކު ޓޫރިޒަމް މުވައްޒަފުންގެ ޖަމިއްޔާ ހަދައިގެން އުޅުއްވުމަށްފަހު އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު  ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފަ އެވެ. އެކަމަކު ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ގަރާރު ބޭރުކޮށްލާފަ އެވެ.

300 މިލިއަންގެ އާމްދަނީއެއް ލިބުނު ކަމެއް

ކުރީގެ ފިޝަރިޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ

ލޭނު މަސްވެރިކަން އަލުން ފަށަން ސަރުކާރުން ދަނީ ވިސްނަމުންނެވެ ؛ ފުރަތަމަ މި ބަލައިލަނީ އޭރު މި މަސްވެރިކަން ކުރި ގޮތާއި އެކަމުން ލިބުނު އާމްދަނީ އަށެވެ. ލޭނު މަސްވެރިކަމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަސް ކުންފުންޏެއްގެ 28 އުޅަނދަކަށް ލައިސަންސް ދިނެވެ. ލަކުނޑިން ބަނދެފައިވާ ރާއްޖޭގައި ރަޖިސްޓްރީ ކުރި ކުދި މި ބޯޓު ފަހަރުގައި އެވްރެޖުކޮށް ނުވަ ބިދޭސީންނާއި ދިވެއްސެއް މަސައްކަތް ކުރަމުން ދިޔަ އެވެ. މި އުޅަނދު ތަކުން ލޭނު އަޅަމުން ގޮސްފައިވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ އެތެރޭގައި 100 މޭލު ބޭރުގަ އެވެ. 

ހިސާބުތަކުން އެނގެން އޮތް ގޮތުގައި 2017 ވަނަ އަހަރު ލޯބޮޑު ކަންނެލީގެ މަސްވެރިކަމުން 310 މިލިއަން ރުފިޔާގެ އާމްދަނީއެއްގެ އިތުރުން ބޯޓު ފަހަރުން ލައިސަންސް ފީގެ ގޮތުގައި 2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިވަރުގެ އާމްދަނީއެއް ލިބެމުން ދިޔަ މި ވިޔަފާރި ހުއްޓުވަން 17، ޖުލައި 2019 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ނިންމި އެވެ. އެކަމަކު އެމްޑީޕީ މަޖިލީހުގައި އޭރު އެންމެ ވަރުގަދަ މެންބަރު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި "ބޭރުގެ މަސް ބޯޓު ފަހަރު ރާއްޖެ ސަރަހައްދުގައި މަސްވެރިކަން ހުއްޓުވުމުގެ ގަރާރު" ގެ ފައިނަލް ނިންމުމުން ފެންނަން އޮތީ މިހާރު ދައްކާ ވާހަކައާ މުޅިން ތަފާތު އެހެން ސްޓޯރީ އެކެވެ. އެ ވާހަކަ އިން ތިލަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ލޭނު އެޅުމުގެ ވިޔަފާރި ކުރިއަށް ރާއްޖެ ހުޅުވާލުމުގެ ފުރިހަމަ ނިޔަތް އެބައޮތެވެ. އެ ނިންމުން އެނގޭ ގޮތުގައި ގަވައިދުތަކާއެކު އިސްލާހުކޮށް މަސްވެރިކަން ފެށުމަކީ އެ ސަރުކާރުގެ ވެސް އަޒުމެކެވެ.

މަޖިލީސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް

  • 1.ލޯބޮޑު ކަންނެލީގެ މަސްވެރިކަމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ރީނދޫ އުރަހަ ކަންނެލި ބޭނުން
  • 2.ލޯބޮޑު ކަންނެލީގެ މަސްވެރިކަން ރަނގަޅަށް ބަލަހައްޓާ ދެމެހެއްޓިއްޖެނަމަ މިއަށްވުރެ ރަނގަޅު އާމްދަނީއެއް ހޯދޭނެކަން
  • 3.އިންޑިއާ ކަނޑުގައި މަނާކޮށްފައިވާ އެންޓި ޓްރާންޝިޕްމަންޓް (އެއް ބޯޓުން އަނެއް ބޯޓަށް މަސް ބަދަލު ކުރުމުގައި) މި ބޯޓުތައް ހަރަކާތްތެރިވުން
  • 4.ހިއުމަން ޓްރެފިކިންނާއި ފޯސްލޭބާގެ އަލާމާތްތައް މި ބޯޓުތަކުން ފާހަގަވުން
  • 5.އީޔޫގެ މެރިޓައިމް އެފެއާޒްގެ ވަފުދަކުން ރާއްޖެ ވަޑައިގެން ލޭނު މަސްވެރިކަމުގައި ކުރާ ގާނޫނާ ހިލާފު ކަންކަން ފާހަގަ ކޮށްފައިވުން
  • 6.ބައެއް އުޅަނދު ފަހަރުން މަންފާ ލިބޭ ބަޔަކީ ބޭރު މީހުންނަށްވުމުގެ ތުހުމަތުތަކެއް ކުރެވުން
  • 7.މި މަސްވެރިކަން ކޮންޓްރޯލް ނުކޮށްފިނަމަ ދިވެހި މަސްވެރިކަމުގެ ތަސްވުރު ކިލަނބުވުމާއި ދިވެހި މަސް ޔޫރަޕަށް ގެންދަން ދަތިވުން
  • 8.ލޭނު މަސްވެރިކަމަކީ ހަގީގީ މަންފާ ލިބޭ މަސްވެރިކަމެއްގެ ގޮތުގައި ފައްޓަން ގަވައިދެއް ހަދައި، ދިވެހި މަސްވެރިންނަށް އެކަށީގެންވާ އުޅަނދު ފަހަރުގައި ހުޅުވާލުމަކީ އެމްޑީޕީ ސަރުކާރުގެ އުންމީދެއް
  • 9.މަސްވެރިކަމުގެ ގާނޫނުން އެކަން ކުރެވޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވުން

ހުއްޓުވީ އެމްޑީޕީގެ 100 ދުވަހުގެ ވައުދަކަށް ވެގެން

މި ރިޕޯޓުން ދޭހަވަނީ މިކަމަކީ ކޮންމެހެން ތިމާވެއްޓަށް ގެއްލުންވެދާނެ ތީ ނޫނީ މިޔަރުގެ މަސްވެރިކަން ކުރާތީ ނުވަތަ އެހެންކަމެއް އޮވެގެން ނޫނީ މިއީ  ކުރަން ހެޔޮނުވާ ވަރުގެ ކަމަކަށް ވެގެންނެއް ނޫޅެ އެވެ. މިކަން ހުއްޓާލުމުގެ ސަބަބުތަކުގެ ތެރޭގައި އެމްޑީޕީ ވެރިކަމަށް އަންނަން ކުރި ވައުދަކަށްވުމަމކީ މައިގަނޑު ސަބަބެވެ. އެކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެއް ވައުދެކެވެ. 

މަސްވެރިންގެ ލޮލުގައި މި އަނދުން އަޅުވާފައި އޮއްވައި ހުއްޓުވި މި މަސްވެރިކަމުގައި ހުރި މައްސަލަތަކެއް ޔޫޕިއަން ޔޫނިއަނުން ފާހަގަ ކުރުމަކީ އިތުރަށް މިކަން ހުއްޓުވަން އެޅުނު ބާރަކަށްވީކަމެވެ. އެކަމަކު ރިޕޯޓުގައި ވަރަށް ސާފުކޮށް ބުނެފައިވާ ގޮތުގައި މިކަންކަން އިސްލާހުކޮށް މި މަސައްކަތް ފެށުމަކީ ސަރުކާރުގެ އުންމީދެވެ. ސަބަބެއް ކަމަށް މި މަސައްކަތުގައި އުޅުއްވި ބައެއް މެންބަރުން ކިޔައި ދެއްވި ގޮތުގައި މިއީ ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދޭނެ މަސައްކަތެއްގެ ގޮތުގައި ފެންނަން އޮތުމެވެ. އަނެއްކާ އަނެއް ކަމަކީ އިންޑިއާ ކަނޑުން މަސްވެރިކަން ކުރަން ރާއްޖެ އަށް ދީފައިވާ ސްޓޮކް އެންމެ ފުރިހަަމަ ގޮތުގައި ބޭނުން ހިފަން ވެސް ލޭނުގެ މަސްވެރިކަމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެ ސަރުކާރުން ވެސް ގަބޫލު ކުރުމެވެ. 

600 މިލއަންގެ އާމްދަނީ ލިބެން އޮތް ފުރުސަތެއް

ލޭނު މަސްވެރިކަމުގައި އެންމެ ފަސް ކުންފުނިން ހަރަކާތްތެރި ވެގެން އެންމެ އަހަރެއްގެ މައްޗަށް 300 މިލއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. މީގެމާނައަކީ މިކަން މެނޭޖުކޮށްފިނަމަ މި އަދަދު 600 މިލިއަން ރުފިޔާ އަށް މައްޗަށް ޖެއްސުމުގެ ބޮޑު ފުރުސަތެއް އޮތުމެވެ. ދެން އޮތީ މިހާރު މި މަސައްކަތް ކުރަން މި ސަރުކާރުން ގެންގުޅޭ ޕްލޭނާއި ކުރާ މަސައްކަތް ތަކެވެ. 

ލޭނު މަސްވެރިކަމަށް ސަރުކާރުން ހުޅުވާލާ ސަބަބެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ އިންޑިއާ ކަނޑުގެ މަސްވެރިކަން ބަލަހައްޓާ ސަރަޙައްދީ ޖަމުއިއްޔާ ކަމަށްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ ނިންމުން ތަންފީޒު ކުރުމެވެ. އަދި ރާއްޖެ އަށް ލިބިފައިވާ ކޯޓާ އެންމެ ރަނގަޅު ގޮތުގައި ބޭނުން ހިފުމެވެ.

އާ ގަވައިދާއެކު އަލުން ފެށޭނެ ވިޔަފާރިއެއް

  • 1.އައިއޯޓީސީ އިން ރާއްޖެއަށް ދިފައިވާ ލޯބޮޑު ކަންނެލި އަދި ރީނދޫ އުރަހަ ކަންނެލީގެ ކޯޓާގެ ބޭނުން ހިފުން
  • 2.ލޯ ބޮޑު ކަންނެލީގެ އެންމެ މަތީ ކޯޓާއެއްގެ ގޮތުގައި ދީފައިވަނީ އަހަރަކަށް 2000 ޓަނު
  • 3.ރީނދޫއުރަހަ ކަންނެލީގެ ކޯޓާއަކީ އަހަރަކަށް 47000 ޓަނު
  • 4.އެކަމަކު ރާއްޖެއަށް ބޭނެނީ ރީނދޫއުރަހަ ކަންނެލީގެ 30،000 ޓަނު
  • 5.އެހެންވެ ރާއްޖޭގެ ކޯޓާ ގެއްލިގެން ދިއުމުގެ ފުރުސަތު އޮތުން
  • 6.މިފަހަރު ފަށަނީ ކުރީގެ ތަޖުރިބާއިން އިބްރަތް ހޯދައިގެން
  • 7.މިފަހަރުގެ ގަވައިދަށް މަސްވެރިކަން މެނޭޖު ކުރުމުގެ ގިނަ ބައިތަކެއް ހިމެނޭ
  • 8.ކުރިން ނެތް މޮނީޓަރކޮށް ބެލެހެއްޓުމުގެ ނިޒާމް ވެސެލް ލޮކޭޓިން އާއި އިލެކްޓްރޯނިކް މޮނިޓަރިން ސިސްޓަމް ހަރުކުރަން ޖެހޭ
  • 9.ކޮންމެ މަސްދަ ތުރަކަށް ފުރުމުގެ ކުރިން ޑިޕާޗާ ކްލިއަރެންސް ހުއްދައެއް ހޯދުމަށް ލާޒިމް
  • 10.ލޭނު މަސްވެރިކަން ކުރަން ވަނީ ވަކި ސަރަހައްދުތަކެއް ކަނޑައަޅާފަ
  • 11.މަސްވެރިކަން ކުރަން ހުއްދަ ދެނީ 100 މޭލު ބޭރު، 6 ޑިގުރީ އުތުރު ޠޫލްއިން ފެށިގެން ދެކުނުގައި
  • 12.ލޭނު މަސްވެރިކަމުގައި ބޭނޭ މިޔަރު ޕްރޮސެސްކުރުމުގެ ހުއްދަ އޮތް ފެސިލިޓީތަކުން ޕްރޮސެސްކުރުމުގެ ފުރުސަތު ލިބޭނެ މި އެކަމަކު މިއީ ރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމެއް ނޫން
  • 13.މިޔަރުފަދަ މަހުގެ ބާވަތްތައް މަދުކުރަން އުޅަނދުގައި ލޭނުކޮޅު (ބްރާންޗް ލައިން) ގެ މިޔަވާލި (ލީޑަ) ގެ ގޮތުގައި ވަޔަރު ނުވަތަ ނަރު (ވަޔާ ޓްރޭސް) ބޭނުން ނުކުރެވޭނެ
  • 14.ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާ ވެސް އަވަހަށް ދޫކޮށްލަން ޖެހޭ
  • 15.މިޔަރު ދޫކޮށްލާއިރު އަނިޔާ ކުޑަ ކުރުމުގެ ގޮތުން ބުޅި ނައްޓާ އާލާތެއް ބޭނުންކޮށްގެން ލޭނުކޮޅު ބުރި ވީހާ ވެސް ކައިރިން ނަނު ބުރިކޮށްލަން ޖެހޭ

100 މޭލު ބޭރުގެ 300 މީޓަރު ފުނުގެ މަސްވެރިކަމެއް

ލޭނު އެޅުން ފަށާފައި ކުރެވޭނެ ސަރަހައްދުތައް ފާހަގަކޮށްފައި

ދުނިޔޭގައި ލޭނު މަސްވެރިކަން ކުރާ ގޮތާއި ދުނޔޭގެ އެހެން ގައުމުތަކުގައި މި މަސްވެރިކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ފެންމަތިވަމުން ދޭ ހެއްޔެވެ؟ މިއީ ސުވާލެކެވެ.

ލޭނު އަޅައިގެން ލޯބޮޑު ކަންނެލި ބޭނުމަކީ އީޔޫގައި އެންމެ ސަސްޓެއިނަބަލް އެއް މަސްވެރިކަމުގެ ގޮތުގައި މިން އަޅާ މަސްވެރިކަމެވެ. ސަބަބެއްގެ ގޮތުގައި ބެލެވެނީ ދެން އޮތް މަސްވެރިކަމުގެ އަނެއް ބާވަތް ކަމަށްވާ ޕާސެއިނިން ނުވަތަ ދާއަޅައިގެން ކުރާ މަސްވެރިކަމަކީ ތިމާވެށީގެ ގެއްލުން ބޮޑު ކަމަށްވުމެވެ. ލޭނު އަޅައިގެން އާއްމުކޮށް ކުރާ މަސްވެރިކަމުގައި ލޭނު ކޮޅުތައް ހުންނާނީ މާކަނޑުގެ 300 މީޓަރު ފުން ނިމުގަ އެވެ. މިއީ ނިސްބަތުން މިޔަރު ދަތުރު ކުރުން މަދު މަގެކެވެ. މިޔަރު ގިނައީ އެއަށްވުރެ ތިލަ ހިސާބުތަކުގަ އެވެ. 

ލޭނު މަސްވެރިކަމުގައި ބޮޑު އަގު ލިބޭ ލޯބޮޑު ކަންނެލި އުޅެނީ ކަނޑުގެ ސަތަހައިން ފެށިގެން 250 މީޓަރުގެ ފުނުގަ އެވެ. އަތު ނަނަމުގައި ލޯ ބޮޑު ކަންނެލި ބޭނޭ މިންވަރު ނިސްބަތުން މަދުވަނީ ވެސް އެހެންވެ އެވެ. 

އަތުން ދަމައިގެން ލޯބޮޑު ކަންނެއްލި ނެގުމަކީ ބުރަ އަދި އެހާމެ ގިނަ ވަގުތުވެސް ދާނެ ކަމެކެވެ. އެހެންވެ ލޭނު މަސްވެރިކަމުގައި 2،000 އެއްހާ ބުޅި އަޅާފައިވާ ލޭނު ބައެއް މާކަނޑުގައި އަޅައިގެން ދުނިޔޭގައި މި މަސްވެރިކަން ކުރެ އެވެ. އާއްމުކޮށް ލޭނު އަޅާ ބޯޓު ފަހަރު ދުވާލެއްގެ 24 ގަޑިއިރު ޑިއުޓީ ބަހައިގެން މި މަސައްކަތުގައި މުވައްޒަފުން ތިބެން ޖެހެ އެވެ. 

ލޯންގް ލޭން މަސްވެރިކަމަށް ދުނިޔޭގައި އެންމެ މަޝްހޫރު ބަޔަކީ އެމެރިކާ އެވެ. އެމެރިކާގެ ހަވާއީއަކީ މި މަސްވެރިކަން އެންމެ ފުރިހަ އަށް މޮނީޓަރު ކުރުމުގެ ނިޒާމުތަކާއެކު ކުރާ އެއް ތަނެވެ. ހަވާއީގައި މި މަސްވެރިކަން ފެށިފައިވަނީ 1917 ވަނަ އަހަރު ޖަޕާނުން އެ ސަރަހައްދަަށް އިޖުރަކުރި ޖަޕާނު ރައްޔިތުންގެ ފަރާތުންނެވެ. މިހާރު އެތަނުގައި މަލްޓި މިލިއަން ޑޮލަރުގެ މި އިންޑަސްޓްރީއެއް އޮވެ އެވެ. އަދި ނިއުޒިލޭންޑާއި އީޔޫގެ ގިނަ ގައުމުތަކުގައި ވެސް މި މަސްވެރިކަން ކުރެ އެވެ. ބައެއް ފަހަރު މައްސަލަތައް ނުކުތްނަމަވެސް ޖުމްލަކޮށް މި މަސްވެރިކަމުގައި މައްސަލައެއް ފެންމަތިވެފައެއް ނެތެވެ. އެހެންވީއިރު ރާއްޖޭގައި މި މަސްވެރިކަން ނުކުރަންވީ ސަބަބެއް ކޮބައި ހެއްޔެވެ؟ 

ލޭނު އެޅިޔަސް ކަންނެލި މަސްވެރިކަމަށް ގެއްލުމެއް ނެތް

އިހަވަންދޫ މަސްވެރިން ބޭނި ކަންނެލި ދޯންޏަށް ނެގުމާއެކު މަސްވެރިންތަކެއް ހުއްޓިގެން -- މަސްވެރިން އިހަވަންދޫ

ލޭނު މަސްވެރިކަން ތައާރަފު ކުރަން ކުރާ މަސައްކަތާމެދު ކަންނެލި މަސްވެރިންގެ ހިތްހަމަ ނުޖެހުމަކީ މިކަން ތައާރަފުކޮށްފިނަމަ އެ މީހުން ބާނާނެ މަހެއް ކަނޑުގައި ނެތުމެވެ. ނުވަތަ އެ މީހުންނަށް ލިބޭ އަގު ކުޑަވުމެވެ. އެކަމަކު ލޭނު މަސްވެރިކަން ތައާރަފުކުރި 2014-2017 ގެ ތާރީހަށް ބަލާއިރު ފެންނަ އޮތް ހަގީގަތަކީ ރާއްޖޭން ކަންނެލި ބޭރުކުރި މިންވަރު އެންމެ ތަން ކޮޅެއް ވެސް މަދު ވެފައިނެތް ކަމެވެ. އަދި ހާއްސަކޮށް ރީނދޫ އުރަހަ ކަންނެލީގެ އެކްސްޕޯޓް ބޮޑުތަނުން ދަށްވެ ނުވަތަ އަގު ދަށްވެފައެއް ނެތެވެ. ލޭނު މަސްވެރިކަން ކުރަމުން ދިޔަ 2015 ވަނަ އަހަރު އެވްރެޖުކޮށް ރާއްޖެ އަށް 2،000 މެޓްރިކް ޓަނާއި 6،000 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ބާނާފައިވެ އެވެ. ލޭނު މަސްވެރިކަން ހުއްޓާލި 2017 ވަނަ އަހަރު ވެސް އެ އަދަދަށް ބާނާފައިވެ އެވެ. އަދި އޭގެ ފަހުން އައި އަހަރުތަކުގައި ބައެއް ފަހަރު ކަންނެލި ބާނާ އަދަދު ދަށްވެފައި ހުރިކަން ހިސާބުތަކުން ދައްކަ އެވެ. މިދިޔަ 20 އަހަރު ތެރޭގައި ކަންނެލި އެންމެ ގިނައިން ބޭރުކޮށްފައިވަނީ 2020 ވަނަ އަހަރު އެވެ. އެ އަހަރު ވަނީ 14،460 މެޓްރިކް ޓަނުގެ ކަންނެލީ ބޭރުކޮށްފަ އެވެ. އެހެންވެ މިކަމުން އެނިގެން ދަނީ ލޭނު މަސްވެރިކަން ކުރުމާ ކަންނެލި މަސްވެރިކަމާ ގުޅުމެއް އޮތް ކަމެއް ނޫން ކަމެވެ. މިއީ މުޅިން އެހެން ހިސާބަކުން ކުރާ މަސްވެރިކަމެކެވެ.

ދިވެހިންނަށް ކަންނެއްޔަކީ މުދަލެއްގެ ގޮތުގައި ފާހަގަވީ 1960 ގެ އަހަރުތަކުގެ ފަހު ކޮޅުން ފެށިގެންވެ އެވެ. އޭރު އެކި ސަބަބުތަކާހުރެ ރާއްޖެ އަށް ލިބުނު ބޯޓު ފަހަރުގައި ހުރި ކަންނެލި ނީލަން ކިޔުމާ ހަމައިންނެވެ. އެކަމަކު ކަންނެލި ރަސްމީކޮށް މަސްވެރިކަމެއްގެ ގޮތުގައި ކުރަން ފެށުނީ 1995 ވަނަ އަހަރުން ފެށިގެންނެވެ. މި މަސްވެރިކަން ރާއްޖެ އަށް ގެނެސްދިނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ކުރި އަށް ގެންދިޔަ ތާޒާ ފިނިކުރި މަސް ޖަޕާނުގެ ޝަމިޝީ މާކެޓަށް ތައާރަފުކުރި ހިސާބުންނެވެ. މި ހިސާބުން ޕްރައިވެޓް ސެކްޓަރު ރޭކާލައި ކަންނެލީގެ ބާޒާރަށް ވަނެވެ.

އެކަމަކު އެއީ މާޒީ އެވެ. މިއަދު މަސްވެރިން ސްމާޓެވެ. ވިސްނުން ވެސް ތަފާތެވެ. މަސްވެރިކަން ކުރަނީ އެނގިގެންނެވެ. އެހެންވެ މިހާރު ވިސްނަން ޖެހިފައި މިވަނީ މިކުރާ މަސްވެރިކަން އެހެން ލެވަލް އަކަށް ގެންދިއުމަށެވެ. އެކަން ކުރަން ލޭނު މަސްވެރިކަމަށް ދިވެހިން ނުނިކުންނަން ޖެހޭ ސަބަބެއް ނެތެވެ. އެކަމަށް މީހުން ތަމްރީން ވެސް ކުރަންވީ އެވެ. ކޮންމެހެން ދިވެހިންނަކީ އެއްޗަކުން އެއްޗަކުން ބާނާ ބައެކޭ ކިޔަން ނުތިބެ ދުނިޔޭގައި މިކަން ކުރާ ގޮތަށް ކުރަން މަސައްކަތް ކުރަންވީ އެވެ. މިއަދުގެ ދުނިޔޭގައި އޮތީ އެގޮތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.