މި ދަތުރުފުޅުގެ ތެރެއިން ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ސިޓީފުޅެއް ރައްދު ކުރައްވާނެ ކަމަށް ހާރިޖިއްޔާ އިން ބުނެ އެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހްމަދު މުނައްވަރާއި ފޮރިންް މިނިސްޓަރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއް ގައި ސައުދިއަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
ދިވެހި ހާރިޖިއްޔާ އިން ބުނި ގޮތުގައި މިއީ ސައުދީ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ސައުދީގެ ވަލީއަހުދު / އަދި ނުފޫޒު ގަދަ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ސިޓީފުޅެއް ރައްދު ކުރައްވާނެ ކަމަށް ހާރިޖިއްޔާ އިން ބުނެ އެވެ.
މީގެ އިތުރުން ދެ ގައުމުގެ މެދުގައި މަޝްވަރާތައް ވެސް ބާއްވާނެ އެވެ. އެ ގޮތުން ގުޅުން ބަދަހި ކުރުމާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމާ މެދު ދެ ގައުމުގެ އިސް ބޭފުޅުން ހިމެނޭހެން މަޝްވަރާ ބައްދަލްވުންތަކެއް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ކަމާގުޅޭ އިދާރާތަކުގެ ވެރީންނާއެކު ވެސް މިނިސްޓަރު ޒަމީރާއި ގަވަރުނަރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ވެރީންނާއި ބައްދަލު ކުރައްވާނެ އެވެ.
ރާއްޖެ-ސައުދީގެ ސިޔާސީ ގުޅުމަށް މި އަހަރު 43 އަހަރު ފުރޭނެ އެވެ. ރާއްޖެ އަކީ އަބަދުވެސް ސައުދީއާ ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. މުސްލިމު ގައުމުތަކާއި ގުޅުން ހުރި ވަރަށް ގިނަ މައްސަލަތަކުގައި ރާއްޖޭން ގެންގުޅެނީ ސައުދީގެ ސްޓޭންޑެވެ. ސައުދީގެ ވިސްނުމާއި އެ ގައުމުގެ ނިންމުންތަކަށް ރާއްޖެއިން ތާއީދު ކުރުމަށް ސައުދީގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮވެ އެވެ.