ހުދުފިނިފެންމާގެ އިން މާލެ ސިޓީ ކައުންސިލް އިދާރާގެ މުވައްޒިފުން ނިކުމެ ހަސަން ޝާކިރު މުހައްމަދުއާ އިމާރާތް 48 ގަޑިއިރުގެ ތެރޭގައި ހަވާލު ކުރުމަށް ވަނީ އަންގާފަ އެވެ.
މާލޭ ސިޓީކައުންސިލުގެ މައްޗަށް ހ. ހުދުފިނިފެންމާގޭގެ ވެރިޔާ، ހަސަން ޝާކިރު މުހައްމަދު ކޯޓަށް ހުށައެޅުއްވި މައްސަލާގައި ޝާކިރު އެދިވަޑައިގެންފައިވާ ގޮތަށް ވަގުތީ އަމުރެއް ކޯޓުން ނެރެފި އެވެ.
މިއީ ހުދުފިނިފެންމާގެ އާއި ހުދުފިނިފެންމާގެއާގެއާ ދެމެދު އޮތް މައްސަލާ ގައި ސިޓީ ކައުންސިލުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކައުންސިލާ ދެކޮޅަށް ޝާކިރު ހުށައަޅުއްވާފައިވާ މައްސަލަ އެކެވެ. މި މައްސަލާ ގައި ޝާކިރު ވަނީ ވަގުތީ އަމުރަކަށް ވެސް އެދިވަޑައިގެންފަ އެވެ. އެ އަމުރު މިއަދު ކޯޓުން ވަނީ ނެރެދީފަ އެވެ.
ސިވިލްކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ޝަރީއަތުން އެހެން ގޮތަކަށް އަންގަންދެން ހުދުފިނިފެންމާގެ ގޯތީގެ އިރުމަތީގައިވާ ހައްވާ އިބްރާހިމްގެ އިމާރާތަށް ޖުލައި 11 ވަނަ ދުވަހުގެ ކުރީން ވަދެ ނިކުމެ އުޅުނު ގޮތަށް ހުދުފިނިފެންމާގެ އާއި އިވެންގެން ދެކުނަށް އޮންނަ ގޯޅިމަގުން ވަދެނިކުމެވޭނެ ގޮތް ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ހަމަޖައްސައިދިނުމަށެވެ.
އަދި ހުދުފިނިފެންމާގެއަށް މާލެ ސިޓީ ކައުންސިލް އިދާރާގެ މުވައްޒިފުން ވަނުމުގެ ކުރީން އެތަން އޮތް ހާލަތަށް ގެނެސް ހުދުފިނިފެންމާގެ އިން މާލެ ސިޓީ ކައުންސިލް އިދާރާގެ މުވައްޒިފުން ނިކުމެ ހަސަން ޝާކިރު މުހައްމަދުއާ ހަސަން ޝާކިރު މުހައްމަދުގެ އިމާރާތް 48 ގަޑިއިރުގެ ތެރޭގައި ހަވާލު ކުރުމަށް ކައުންސިލްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ. އަދި ހުދުފިނިފެންމާގެއާ އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭގޮތުން އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކައުންސިލްގެ މައްޗަށް އަންގާ ވަނީ އަމުރުކޮށްފަ އެވެ.
ސިވިލްކޯޓްގެ ގާޒީ އާދަމް ޒާލިފް ނެރުއްވި އަމުރު އެ ގޮތަށް ބިނާކުރި ސަބަބުތައް ވެސް ވަރަށް ތަފްސީލުކޮށް ވަނީ ބަޔާންކޮށް ދީފަ އެވެ.
ހުދުފިނިފެންމާގެ މުސްކުޅި ގޯތި ދެ ބައިކޮށް ހުދުފިނިފެންމާގެ އާއި ހުދުފިނިފެންމާގެއާގެ ރަޖިސްޓްރީ ކުރެވިފައި ވަނީ 1984 ވަނަ އަހަރު އޭރުގެ ކޯޓް ނަންބަރު އަށަކުން ނިންމި ނިންމުމާއި 1986 ވަނަ އަހަރު ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށެވެ. އެ ނިންމުމުގައި އެ ގެ ދެ ބައިކޮށްފައި ވަނީ ހަދީބީމަގުން ފެށިގެން ގޯތީގެ އެންމެ ދެކުނު ފަރާތުން ގޯޅިގަނޑެއް ގޯތީގެ މެދާ ހަމައަށް އޮންނަ ގޮތަކަށެވެ.
އޭގެ ފަހުން 2007 ވަނަ އަހަރު ހުދުފިނިފެންމާގެއާގެ ދެބައިކޮށްފައި ވަނީ އެގޯތީގެ ހުޅަނގު ފަރާތުން ގޯޅިމަގެއް ނެގުމަށް ފަހު މުސްކުޅި ގޯތި ބެހިއިރު ހަދާފައި އޮތް ގޯޅިމަގަށް ނިކުމެވޭ ގޮތަށެވެ. ހުދުފިނިފެންމާގޭގެ އޭރުގެ ވެރިފަރާތް ކަމުގައިވާ އިބްރާހިމް އަހްމަދު، ކުޅަ ހިބައަކުން އެ ގޯތީގެ ތިންބައިކުޅަ ދެބައި ވަނީ 1992ވަނަ އަހަރު ހަސަން ޝާކިރު މުހައްމަދަށް ދީފަ އެވެ. އިބްރާހިމް އަހްމަދަކީ ހަސަން ޝާކިރުގެ މަންމައާ އެއްބަނޑުއެއްބަފާ ބޮޑުދައިތައާ ކައިވެނިކޮށްގެން އުޅުނު މީހެކެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން ޝާކިރު ބަލާބޮޑުކުރީ އެދެމަފިރީންނެވެ. އަދި އިބްރާހިމް މުސްކުޅިވީ ދުވަހު އޭނާ ބެލެހެއްޓުމުގައި ޝާކިރުގެ ބޮޑު ބައިވެރިވުމެއް އޮތެވެ.
ހުދުފިނިފެންމާގެ ދެބައިކޮށް ހުޅަނގުބައި ލިބިފައި ވަނީ ޝާކިރަށެވެ. އިރުމަތީބައި ލިބިފައިވަނީ އިބްރާހިމަށެވެ. އެކަން މާލެ ސިޓީ ކައުންސިލްގައި ހުރި ލިޔެކިޔުންތަކުން ސާބިތުވެ އެވެ. އިބްރާހިމަށް ލިބުނު ބައި 2000 ވަނަ އަހަރު، މާފަންނު އާންމުއުފާ އަހްމަދު ސައީދަށް އަށް އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމާއި ގުޅިގެން، މިހާރުވެސް ހުދުފިނިފެންމާގޭ އިރުމަތީބައިގައި ހުރި ދެބުރި އިމާރާތަކީ އެ މީހުން ހަދާފައިވާ އިމާރާތެކެވެ. އެ އިމާރާތް ހަދާފައި ވަނީ ވެސް ހުދުފިނިފެންމާގެ މުސްކުޅިގޯތި ބައިކޮށް ހަދާފައިވާ ގޯޅިމަގުން ވަދެ ނިކުމެވޭ ގޮތަށެވެ.
އިބްރާހިމްގެ ދަރިފުޅު، ހައްވާ އިބްރާހިމަށް އެ އިމާރާތް ލިބިފައި ވަނީ ކުއްޔަށް ދިން މުއްދަތު ހަމަވެ ދޫކޮށްލުމުންނެވެ. އެހެން ކަމުން ވޭތުވެދިޔަ 24 އަހަރުވެސް އެ އިމާރާތުގައި ދިރިއުޅުނު މީހުން ވަދެނިކުމެ ހަދާފައި ވަނީ މުސްކުޅިގޯތި ބައިކޮށް ހަދާފައިވާ ގޯޅިމަގުންނެވެ.
ހުދުފިނިފެންމާގެއިން ޝާކިރަށް ލިބުނު ބައި ހަ ބުރިއަށް އިމާރާތް ކުރުމުގެ މަސައްކަތް 2006 ވަނަ އަހަރު، ސިޓީ ކައުންސިލުން ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން ކުރަމުން ދަނިކޮށް ގޯޅިމަގަށް ދޮރުކަނޑާ ގޮތަށް އޮތުމުން ހުށައެޅިފައިވާ މައްސަލައެއް ބަލަމުން ގެންދާ ކަމަށް ބުނެ އެ މަސައްކަތް ވަނީ 18 ޖޫން 2009 ގައި ވަގުތީ ގޮތުން ހުއްޓުވާފަ އެވެ. އެއަށް ފަހު އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އަލުން ހުއްދަ ދީފައިނުވާތީ ޝާކިރު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު ހުކުމުން ކޮށްފައި ވަނީ ޖަނަވަރީ، 25، 2011 ގެ 4:00 ގެ ކުރީން ޝާކިރަށް އިމާރާތް ކުރުމުގެ ހުއްދަ އަލުން ދިނުމަށާއި އޭރުގެ މާލޭ މުނިސިޕަލްޓީން އެ ގޭގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން އެންގުމަށް ފަހު ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އެ މަސައްކަތް ހުއްޓުވާފައި ބާއްވަން ޖެހޭފަދަ ގާނޫނީ އެއްވެސް ސަބަބެއް މެދުވެރިވެގެން ނޫން ކަމަށެވެ. އަދި އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ޝާކިރަށް ލިބުނު ގެއްލުމުގެ ޒިންމާ މާލޭ މުނިސިޕަލްޓީން އުފުލަން ޖެހޭނެ ކަމަށެވެ.
އެ މައްސަލައިގެ ބަދަލު ހޯދުމަށް ހައިކޯޓަށް ހުށައެޅުމުން އެ ކޯޓުން ވަނީ ތިންލައްކަ ރުފިޔާގެ ބަދަލެއް ޝާކިރަށް ދިނުމަށް ހުކުމް ކޮށްފަ އެވެ. އެއީ ފެބްރުއަރީ 8، 2017 ގަ އެވެ. އެ ފައިސާ ދައުލަތުން ވަނީ ޝާކިރަށް ދީފަ އެވެ.
2000ވަނަ އަހަރު މާލޭ މުނިސިޕަލްޓީ "ކަމާބެހޭފަރާތަށް" ޖަހައި ދޫކޮށްފައިވާ ލިޔުމެއްގައި އެ ގޯޅިމަގަކީ ސަރުކާރުގެ އެހެނިހެން މަގުތަކެކޭވެސް އެއްގޮތަށް ހެދިފައިވާ 6ފޫޓުގެ މަގެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 2002ވަނަ އަހަރު ދަފުތަރު ކުރެވިފައިވާ ލިޔުމެއްގައި އެގޯޅިގަނޑަކީ ހ.ހުދުފިނިފެންމާގޭއާގޭ ގޯތީގެ ބައެއްކަމަށް އެއޮފީހުގައިހުރި އެއްވެސް ލިޔުމެއްގައި ލިޔެފައިނެތްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މިހެން މިކަން ހިނގާފައި ވަނިކޮށް މިދިޔަ މެއި މަހުގެ ތެރޭގައި ސިޓީކައުންސިލުން ވަނީ ހުދުފިނިފެންމާގެއާގެ މީހުންނަށް ގޯއްޗަށް ވަނުމަށް އޮންނަ ގޯޅިމަގުގެ އިރުމަތީ އިންފާރު ރޭނުމަށް ކަމަށް ބުނެ ހުއްދައެއް ދީފަ އެވެ. މި ހުއްދަ ދިނީ މަސް ދުވަހުގެ ތެރޭގައި އެކަން ކުރުމަށެވެ. ނަމަވެސް މިފާރު ރާނާ ވަނީ މުއްދަތު ހަމަވެ 20 ދުވަސް ފަހުންނެވެ. އަދި ފާރުނާރާގައި ވަނީ ގޯޅިމަގުގެ އުތުރުފަރާތުގަ އެވެ. މި ގޯޅިއަކީ، ހުދުފިނިފެންމާގޭއާގެ ބައިކޮށް ހަދާފައިވާ ހ.ހުދުރިހީގެ މީހުންވެސް ވަދެނުކުމެ ހަދާ ގޯޅި މަގަށް ވުމާއެކު ހަމައެކަނި ހުދުފިނިފެންމާގޭ މީހުންނަށް އެ ގޯޅި މަގުގައި ފާރެއް ނޭރުމުގެ ހުއްދަ ދިނުމުން ހ. ހުދުހިރީގެ މީހުން ވަދެ ނުކުމެ އުޅެން ޖެހޭނީ ހުދުފިނިފެންމާގޭއާގޭގެ އިމުގެ ބައެއް ކަމަށް ބުނާ ގޯޅި މަގުގެ ތެރެއިންނެވެ. މިއީ ކުރިޔަށް އޮތް ތާގައި އިތުރު މައްސަލަތަކެއް އުފެދިދާނެ ކަމެއްކަންވެސް ފާހަގަ ކުރެވެއެވެ.
މި އިންފާރު ރާނަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުދުފިނިފެންމާގެ އިރުމަތީ ބައިގައި އުޅޭ މީހުން ވަނީ އެ ފާރު ރާނައިފިނަމަ އެ މީހުންނަށް ނިކުމެވޭނެ އެހެން ގޮތެއް ނޯންނާތީ ހުދުފިނިފެންމާގެ ގޯތިތެރެއިން އެ މީހުންނަށް ނިކުމެވޭނެ ގޮތެއް ހަދައިދިނުމަށް އެދިފަ އެވެ. ނަމަވެސް އެއީ ވަކީން ރަޖިސްޓްރީ ހެދިފައިވާ ވަކި ގޯއްޗަކަށްވާތީ އެކަން އެހެން ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ޝާކިރު ވަނީ އަންގާފަ އެވެ.
މިކަން އެ މީހުންނަށް އަންގާފައި ވަނިކޮށް އެ މީހުން ވަނީ ޝާކިރު ހަދާފައިވާ އިމާރާތުން ކުއްޔަށް ދީފައިހުރި ގުދަނެއްގެ އިންފާރު ތަޅާލާ އިންފާރު ކައިރީގައި ހުރި އައިސްކޮންޓެއިނާއެއް ކަފާލުމުގެ މަސައްކަތް ކޮށްފަ އެވެ. އެ މަސައްކަތް ކުރަނިކޮށް ފުލުހުން އައިސް ވަނީ ކުށުގެ ވެށީން އެ މީހުން ހުއްޓުވާފަ އެވެ. އެއީ ޖޫން މަހުގެ ހަތްވަނަ ދުވަހު އެވެ. އޭގެ ފަހުން ޖޫން 23 ވަނަ ދުވަހު މެންދުރު ގުދަނުގެ މީހުން ކާންދިޔަ ވަގުތު އަނެއްކާ ވެސް އިންފާރު ތަޅާލާ ގުދަނުގެ މަގުމަތީ ދޮރު ނައްޓާލާ ގުދަނުގެ ތެރެއިން އެމީހުން ދިރިއުޅޭ ބަޔަށް ވަދެ ނިކުމެ ހަދަން ފެށި އެވެ. އެކަން ވެސް ފަހުން ފުލުހުން ހުއްޓުވި އެވެ.
ނަމަވެސް މި ދެ ފަހަރުވެސް އެ މީހުންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އަދި ޖުލައި 11 ވަނަ ދުވަހުގެ ހެނދުނު އެ މީހުން ހޭލިއިރު ހުދުފިނިފެންމާގެ މުސްކުޅި ގޯތިބަހައިގެން ހަދާފައިވާ ގޯޅިމަގަށް ނިކުންނަން ހުރި އެގޭގެ މައި ދޮރު ބެދޭ ގޮތަށް ހުރީ ފާރެއް ރާނާފަ އެވެ. އެހެން ކަމުން އެގޭތެރޭ ތިބި މީހުންނަށް ނިކުމެވޭ ގޮތެއް ނުވެ ބަންދުވި އެވެ. އެކަމާ ގުޅިގެން އެ ދުވަހުގެ މެންދުރު ފަހު ހެންވޭރު ފުލުހަށް ހާޒިރުކޮށް ހުދުފިނިފެންމާގެ އެތެރޭގައި ބަންދުވެފައި ތިބި މީހުންނަށް ޝާކިރުގެ ގޯތީގެ ތެރެއިން ނިކުމެވޭނެ ގޮތެއް ހަދައިދޭން އެދުނެވެ. ނަމަވެސް ހުދުފިނިފެންމާގެއަކީ ވަކީން ރަޖިސްޓްރީ ކުރެވިފައިވާ ވަކި ގޯއްޗަކަށް ވާތީ އެކަން އެގޮތަށް ކޮށްދެވެން ނެތް ކަމަށް ޝާކިރު ދެންނެވި އެވެ.
އޭގެ ފަހުން އެރޭ 7:58 ގައި ސިޓީކައުންސިލުން ކަމަށް ބުނެ އާންމު ނަންބަރަކުން ވައިބަރުން ޝާކިރަށް ފޮނުވި އެންގުމެއްގައި އޮންނަނީ ތާށިވެފައި ތިބި އާއިލާއަށް ވަދެނިކުމެވެ އިންސާނީ ހައްގު ކަށަވަރުކޮށް ދިނުމަކީ ހުދުފިނިފެންމާގެ ވެރީންގެ ޒިންމާއެއް ކަމަށެވެ. އަދި މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން އެ އެންގުން ލިބޭ ވަގުތުން ފެށިގެން އެއްގަޑިއިރުގެ ތެރޭގައި އެ މީހުންނަށް ނިކުމެވޭނެ ގޮތް ހަދައިދިނުމަށާއި ޝާކިރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބައިގެ އުތުރުފަރާތު ސިޑިގޮޅީގައި ބަންދުކޮށްފައިވާ ލަކުޑި ދޮރު ހުޅުވާ އެ އާއިލާއަށް ވަދެ ނިކުމެވޭނެ ގޮތެއް ހަދައިދިނުމަށް އަންގާފަ އެވެ. ނަމަވެސް މި ލަކުޑި ދޮރު ހުޅުވުމުން ވަދެވޭނީ އެ އިމާރާތުގެ މޮޓަރު ގޮޅިއަށެވެ. އެންގުން ފޮނުވާފައި އޮތްކަން ޝާކިރަށް އެނގުނީ ވެސް ފޮނުވިތާ ދޮޅުގަޑިއެއްހާއިރު ފަހުންނެވެ.
މި އެންގުމާ ހިލާފަށް ސިޓީ ކައުންސިލުން ފުލުހުންގެ އެއްބާރުލުމާ އެކު ވަނީ އެ ދޮރު ހުޅުވުމަށް ފަހު ޝާކިރު، ކުއްޔަށް ދީފައިހުރި ގުދަނުގެ ފާރުތަޅާލާ ގުދަންތެރެއަށް ވަދެ ހުދުފިނިފެންމާގެ އިންފާރުވެސް ތަޅާލާ އެ މީހުންނަށް ނިކުމެވޭ ގޮތް ހެދި އެވެ. އެކަން ކައުންސިލުން ކޮށްފައި ވަނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުމާއި ގޯތިގެދޮރުގެ ހުރުމަތްތެރި ކަމުގެ ހައްގާއި ގާނޫނު އަސާސީގެ 40 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ މުދާ ހޯދުމާއި މުއާމަލާތު ކުރުމުގެ ހައްގާއި 47 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ގޯތިގެދޮރާއި މީހުން ދިރިއުޅޭ ތަންތަނުގެ ހުރުމަތްތެރިވުމުގެ ހައްގާއި ހިލާފަށެވެ.
އެ ދުވަހުން ފެށިގެން ހުދުފިނިފެންމާގެ ގޯތީގެ ތަޅާލި ސަރަހައްދު ބަލަހައްޓަން ސިޓީ ކައުންސިލުގެ ވޮޗަރުން ބައިތިއްބަ އެވެ. ކައުންސިލުން އަމަލުކުރި ގޮތުގެ ސަބަބުން ގުދަން ކުއްޔަށް ހިފައިގެން ތިބި މީހުން ވަނީ އެތަން ދޫކޮށްލާފަ އެވެ. އެ މީހުން އެތަން ދޫކޮށްލީ ތަން ކުއްޔަށް ނެގި މުއްދަތު، ޖަނަވަރީ 2025 އަށް ހަމަވުމުގެ މާކުރީންނެވެ. އެކަމުގެ ސަބަބުން ވެސް ޝާކިރަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.