މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި ޖުލައި މަސް ނިމޭއިރު ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 17.7 މިލިއަން ޑޮލަރަށް ދަށްވެ، އޯގަސްޓުގައި ޔޫޒަބަލް ރިޒާވް ހުސްވުމުގެ ފުރުސަތު ބޮޑު
ދައުލަތުގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް ހުސްވެދާނެކަމުގެ ކަންބޮޑުވުން މަރުކަޒީ ބޭންކު އެމްއެމްއޭއިން ފާޅުކުރުމާއެކު ދައުލަތުގެ ކުންފުނިތަކުން ބޭރު ފައިސާ އެތެރެވާނެ ގޮތަށް އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބައެއް ކުންފުނިތަކަށް ފޮނުވާފައިވާ ސިޓީއެއް "މިރާ"އަށް ލިބިފައިވާއިރު އެ ސިޓީއާއެކު އެ މިނިސްޓްރީއަށް އެމްއެމްއޭއިން ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް އެއް ކަރުދާސްކޮށް ފޮނުވާފައިވެ އެވެ.
ޔޫޒަބަލް ރިޒާވަކީ ބޭރު ފައިސާގެ ބާޒާރު މެނޭޖުކުރުމަށް މަރުކަޒީ ބޭންކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ފައިސާ އެވެ. އަދި އެއީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ބޭނުންޖެހޭ ހާލަތުގައި ބޭނުންކުރެވޭ ގޮތަށް ހުންނަ ފައިސާ އެވެ.
ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފޮނުވި ސިޓީއާ އެއްކަރުދާސްކޮށްފައިވާ އެމްއެމްއޭގެ ސިޓީގައި ބުނެފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 365.44 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް 21.97 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށެވެ.
މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި ޖުލައި މަސް ނިމޭއިރު ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 17.7 މިލިއަން ޑޮލަރަށް ދަށްވާނެ އެވެ. އަދި އެ އޮތޯރިޓީން ލަފާކުރާ ގޮތުގައި އޯގަސްޓު މަހުގައި ޔޫޒަަބަލް ރިޒާވް އެކީ ހުސްވުމުގެ ފުރުސަތު ބޮޑެވެ.
އެމްއެމްއޭގެ ސިޓީއާއެކު ފިނޭންސް މިނިސްޓްރީން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކަށް ފޮނުވި ސިޓީގައި އެދިފައިވަނީ ޑޮލަރުން މުސާރަ ދިނުން ފަދަ ކަންކަން ހުއްޓައިލުމަށެވެ.
އޭގެ އިތުރަށް ބޭރު ފައިސާގެ އާމްދަނީ އެމްއެމްއޭ މެދުވެރިކޮށް މާރުކުރުމަށް އެދުމާއެކު އެ މިނިސްޓްރީން ކުންފުނިތަކަށް އިލްތިމާސްކޮށްފައިވަނީ މާލިއްޔަތު ގަވާއިދާއި ގާނޫނުގެ އިމުގެ ތެރޭގައި ބާރު ފައިސާގެ މުއާމަލާތްތައް ހިފަހެއްޓުމަށެވެ.
މި ސިޓީއާ ގުޅިގެން "މިރާ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވީ ދައުލަތުގެ ރަސްމީ ރިޒާވްގެ ހާލަތު ހީނަރުވިޔަނުދިނުމަށްޓަކައި އެ މިނިސްޓްރީން އެމްއެމްއޭއާ ވަރަށް ގާތުން ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އަދި މިހާތަނަށް އައިއިރު އެމްއެމްއޭއިން އަންދާޒާކުރި މިންވަރަށްވުރެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅު ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.