ލޭނު މަސްވެރިކަމަށް ހުއްދަ ދެނީ ގެއްލުންނުވާނެހެން އުސޫލުތައް ކަނޑައަޅައިގެން: ފިޝަރީޒް

މިހާރު ލިބިފައި އޮތް ކޯޓާ އިތުރަށް ކުޑަކުރުމުގެ ފުރުސަތު އޮތުމުން އެ ކޯޓާ އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ ކާރުހަނާއެއްގައި ބޮޑު ކަންނެލި ކިރަނީ: މިފްގެ ނަމްބަރުތައް މަތިވެފައިވޭ

ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދޭއިރު އެކަމުގެ ސަބަބުން މަސްވެރިކަމަށް ގެއްލުންނުވާނެކަން ކަށަވަރުކުރުމަށް ހަރުދަނާ އުސޫލުތަކެއް ގަވާއިދުގައި ހިމަނާފައިވާނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނެފި އެވެ. 

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު އެވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިޔާ ކަނޑުގައި މަސްވެރިކަން ބަލަހައްޓައި ރެގިއުލޭޓުކުރަނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އިން ކަމަށެވެ. 

އިންޑިޔާ ކަނޑުގެ މަސްވެރިކަން ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް ކޮންމެ ގައުމަކަށް ކަންނެލި ބޭނޭނެ މިންވަރު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ކަންނެލީގެ ބާވަތްތައް ރާއްޖެއަށް އެންމެ ގިނައިން ބޭނޭނެ މިންވަރުތައް އެ ބަޔާނުގައި ބުނެދީފައިވެ އެވެ. 

ކަންނެލީގެ އެކި ބާވަތްތައް ރާއްޖެއަށް ބޭނޭނެ މިންވަރު

  • ލޯބޮޑު ކަންނެލި، އަހަރަކު 2000 ޓަނު
  • ރީނދޫ އުރަހަ ކަންނެލި، އަހަރަކު 47،000 ޓަނު

މި މިންވަރަށް މަސް ބޭނުމުގެ ހުއްދަ އޮތް ނަމަވެސް ފާއިތުވި ދެ އަހަރުވެސް ރާއްޖެއަށް ބޭނިފައިވަނީ 30،000 ޓަނުގެ ބޮޑުކަންނެލި ކަމުގައި މިނިސްޓްރީން ފާހަގަކުރި އެވެ. އަދި މިހާރު ލިބިފައި އޮތް ކޯޓާ އިތުރަށް ކުޑަކުރުމުގެ ފުރުސަތު އޮތުމުން އެ ކޯޓާ އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. 

"އެހެންކަމުން، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަޤްސަދުގައި ލޭނުމަސްވެރިކަން ދިވެހިރާއްޖޭގައި އަލުން ހުޅުވާލުމަށް ވަޒީރުންގެ މަޖްލީހުން ނިންމުމާ ގުޅިގެން، ލޭނުމަސްވެރިކަން ކުރުމާބެހޭ ގަވާއިދެއް މިވުޒާރާއިން ވަނީ އެކުލަވައިލައި، މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވޭ. އަދި މި ގަވާއިދަށް 18 އޮގަސްޓު 2024 ގެ ކުރިން ޚިޔާލު ފާޅުކޮށް، ކޮމެންޓުކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފަ.،" ބަޔާނުގައި ބުނެފައިވެ އެވެ. 

އިތުރަށް މިނިސްޓްރީން ބުނީ ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ގަވާއިދު އެކުލަވައިލިއިރު ކުރީގެ ތަޖުރިބާތަކަށް ރިއާޔަތްކޮށް، މި މަސްވެރިކަމުން އެންމެ ބޮޑު މަންފާއެއް ދިވެހިންނަށް ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް އިސްކަންދީ މާއްދާތަކެއް ހިމަނާފައިވާ ކަމަށެވެ. 

އެގޮތުން މިނިސްޓްރީން ބުނެފައިވަނީ، އުޅަނދުގެ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އުޅަނދުގައި ކޮންމެހެން ހުންނަންޖެހޭނެ ހަމަތަކެއް ކަނޑައަޅާ ބަޔާންކުރެވިފައިވާނެ ކަމަށެވެ. އަދި އުޅަނދުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނީޓަރކޮށް ބެލެއްޓުމުގެ ގޮތުން އުޅަނދުގައި ވެސެލް ލޮކޭޓިން ޑިވައިސްއެއް އަދި އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމްއެއް ހަރުކުރުމުގެ އިތުރުން ކޮންމެ މަސްދަތުރަކަށް ފުރުމުގެ ކުރިން ޑިޕާޗަރ ކްލިއަރެންސް ހުއްދައެއް ހޯދުމަށް ލާޒިމް ކުރެވިފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.  

މީގެ އިތުރުން ލޭނު މަސްވެރިން ކުރުމަށް ހުއްދަ ސަރަޙައްދެއް ކަމަށް ކަނޑައަޅާފައިވަނީ މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތާއި ތަފާސް ހިސާބުތަކަށް ރިޢާޔަތްކޮށް، ކަންނެލީގެ އަތު ނަނުގެ މަސްވެރިން ޢާއްމުކޮށް ހަރަކާތްތެރިވާ ސަރަޙައްދުން ބޭރުގެ ސަރަޙައްދެއްކަމަށާއި، އެ ސަރަހައްދަކީ މިއީ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 (ސަތޭކަ) މޭލު ބޭރުގެ ސަރަޙައްދުގެ ތެރެއިން 6 ޑިގުރީ އުތުރު ޠޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދެއް ކަމަށް ބުނެފައިވެ އެވެ. 

އޭގެ އިތުރަށް ލޭނު މަސްވެރިކަމުގެ ތެރެއިން އަތުލައިގަނެވޭ މިޔަރު އަދި މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތައް ދުނިޔޭގައި އަމަލުކުރާ އެންމެ ރަނގަޅު ހަމަތަކުގެ މަތިން މިޔަރު ޕްރޮސެސްކުރުމުގެ ހުއްދަ އޮންނަ ފެސިލިޓީތަކަށް ގެންގޮސް ޕްރޮސެސްކުރުމުގެ ފުރުސަތު ގަވާއިދުން ދީފައިވީ ނަމަވެސް، މިޔަރުގެ މަސްވެރިކަމަށް ހުޅުވައިނުލާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

އަދި މިޔަރަށް އަމާޒުކޮށް ލޭނު މަސްވެރިކަންކުރުމުގެ ހުއްދަ ދޭ އުޅަނދުފަހަރުން މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމަށާއި، އެކަން ނުކުރާކަން ކަށަވަރުކުރުމަށް ގަވާއިދުގައި އުސޫލުތަކެއް އެކަށައަޅާފައިވާ ކަމަށް މިނިސްްޓްރީން ބުނެފައިވެ އެވެ. 

"މިގޮތުން ބައިކެޗްގެ ގޮތުގައި ހިފޭ މިޔަރު މަދުކުރުމުގެ ގޮތުން އުޅަނދުގައި ބޭނުންކުރާ ލޭނުކޮޅު (ބްރާންޗް ލައިން) ގެ މިޔަވާލި (ލީޑަރ) ގެ ގޮތުގައި ވަޔަރު ނުވަތަ ނަރު (ވަޔަރ ޓްރޭސް) ބޭނުންކޮށްގެން ނުވާނެކަމަށް ގަވާއިދުގައި ބަޔާންކުރެވިފައިވާނެއެވެ. ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަށް ދޫކޮށްލަންވާނެކަމަށާއި، މިގޮތަށް މިޔަރު ދޫކޮށްލާއިރު މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި ބުޅި ނައްޓާ އާލާތް (ޑީ-ހުކަރ) އަދި ލޭނުކޮޅު ބުރި ކުރާ އާލާތް (ލައިންކަޓަރ) ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކޮށްލަން އިރުޝާދު ދީފައިވާނެ. އަދި މިއާލާތްތައް ހުރިހާ ވަގުތެއްގައިވެސް އުޅަނދުގައި ހުންނަންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. މީގެއިތުރުން، ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ވަކިނުކޮށް ކަމުގައިވެސް މިގަވާއިދުގައި ބަޔާންކުރެވިފައިވާނެ.،" ބަޔާނުގައި ބުނެފައިވެ އެވެ. 

އަދި ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކުރުމަށް ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ވަކި ލައިސެންސެއް ދޫކުރަން ގަވާއިދުގައި ހިމަނާފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ، އެ ލައިސެންސް ދޫކުރާ ފެސިލިޓީތަކަށް ކިިރާ މިޔަރުގެ މައުލޫމާތު އެ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ފޮނުވަންޖެހޭނެ ކަމުގައި މިނިސްޓްރީން ފާހަގަކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.