މިދިޔަ އަހަރުތަކަށް ބަލާއިރު އިންތިހާބުތަކާ ދިމާކޮށް ކުއްލިއަކަށް ގިނަ މަޝްރޫއުތަކެއް ވަނީ ފެށިފަ އެވެ. މިގޮތުން މަޝްރޫއު ހިންގުމުން ކުރިމަތިވާ މައްސަލަތައް ފިނޭންސް މިނިސްްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
ދައުލަތުގެ ބަޖެޓުގައި ނެތް ކަންކަން ކުއްލިއަކަށް ހިމަނައިގެން ނުހިންގޭނެ ގޮތެއް ހެދުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުން ފަށައިފި އެވެ.
މަޖިލީހުގައި ބަޖެޓު ކޮމެޓީގައި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ބަޖެޓުގައި ނުހިމެނޭ ކަންކަން ކުއްލި ކުއްލިއަކަށް ނުފެށޭނެ ގޮތެއް ހަދަން އެބަޖެހޭ ކަމަށާ މިފަދައިން އަމަލުކުރަނީ ކޮންމެ ގޮތަކުން ބާރު ލިބިގެން ތޯ ވެސް ބަލަން ޖެހެ އެވެ.
"ބަޖެޓުގައިހިމެނިފައި ނެތް މަޝްރޫއަކަށް ހަރަދެއް ނުކުރެވޭނެ. އެކަމަކު މިހާތަނަށް ކަން ކުރަމުން ދިޔައީ އެގޮތަށް. އަސްލު މިކަން މިހާރު ކުރަނީ ނަމަކަށް ޖަހަމުންދާ އަދަދުތަކެއް. މިހާރު ހާލަތުން ބަލާއިރު މި އަހަރުގެ ބަޖެޓު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ހުށަޙަޅަން ޖެހިދާނެ. މިނިސްޓަރު ވިދާޅުވި އެކަން އެނގޭނީ މި މަސް ނިމުން ކަމަށް. އަޅުގަނޑުމެން ފެންނަނީ 1.1 ބިލިއަން ޑެފިސިޓް ވާކަމަށް،" ނާޒިމް ވިދާޅުވި އެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި ބަޖެޓުގައި ނެތި ވަަރަށް ބޮޑެތި ޕްރޮކެކްޓްތަކެއް ހިންގާފައިވެއެވެ. އެކަމުގެ މިސާލު ދެއްވަމުން އޭނާ ވިދާޅުވީ އަލިފުށީ އެއާޕޯޓެއް އަޅަން އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ މަޝްރޫއު ފެށުމާއި ކޮމަންޑޫ ބައި އިލެކްޝަނާ ދިމާކޮށް 200 މިލިއަން ރުފިޔާގެ ބޮޑު ހަރަދެއް ކުރުމެވެ.
މި ކޮމެޓީގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވީ މިކަމަކީ ހުރިހާ ސަރުކާރަކުން ވެސް ކުރަމުންދާ ކަމެއް ކަމަށެވެ. އޭނާ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ މި ސަރުކާރުން އިގްތިސޯދީ ސަރަހައްދު ބަލަހައްޓަން ކޮންޓިންޖެސީ ބަޖެޓުން ހަރަދުކޮށްގެން ޑްރޯން ގަތް މައްސަލައެވެ.
ގަޕޯގެ ވާހަކަފުޅުގެ ރައްދުގައި ނައިބް ރައީސް ނާޒިމް ވިދާޅުވީ އިމަޖެންސީ ހާލަތާއި ގައުމީ ސަލާމަތަށް ކަމެއް ކުރަން ޖެހިއްޖެ ހާލަތުގައި އެކަމަށް ހަރަދު ކުރެވޭނެ އެވެ. އެކަމަށް ހުރަހެއް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ބަޖެޓުގައި ނެތް މަޝްރޫއުތައް ކުއްލިއަކަށް ފައްޓައިގެން ހިންގުމުގެ ސަބަބުން ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހުރީ ހުއްޓިފަ އެވެ. އެހެންވެ މިކަން ނުކުރެވޭނެ ގޮތެއް ހަދަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މަޖިލީހުގައި އިއްޔެ އޮތް ބަޖެޓު ކޮމެޓީގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ވަނީ މަޝްރޫއުތައް ފަށައި ވޭރިއޭޝަން ހިމަނައިގެން މަޝްރޫއުތަކުގެ އަގު ބޮޑުވަމުންދާތީ ތަރައްގީގެ މަޝްރޫއުތައް މިހާރު ހިންގާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މިކަމުގެ ސަބަބުން ބަޖެޓުގެ ހަރަދުތައް އިންތިހާ އަށް މަތިވެގެން ގޮސް އެކަމަކު ނަތީޖާއެއް ނުފެންނަ ކަމަށާ މީގެ ސަބަބުން ދައުލަތުގެ ދަރަނި މަތިވެގެންދާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.