ގަސްތު މަރުގެ ދައުވާ އިއްވަމުން ދައުލަތުން ބުނީ، ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި، ސިހުރު ހަދާ މީހުން މަރައިގެން ފާފަވެރި ނުވާނެ ކަމަށް ރިފާސް އަދި އަހުޒަމަށް ފަވާޒް ވިސްނައިދީފައިވާ ކަމަށެވެ.
ނ. މަނަދޫ އަންނާރުމާގޭ ނައީމާ މޫސާ، 62، މަރާލަން ރާވައި، އެކަމަށް ހިތްވަރާއި އިރުޝާދުދީ، ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިދިނީ މި މައްސަލައިގައި ދައުވާ ލިބޭ ހަސަން ފަވާޒު ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.
ނައީމާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ އެރަށު ތިން ޒުވާނުން ކަމަށްވާ އަބްދުލްވާހިދު ރިފާސް އާއި އަހުޒަމް އަބްދުއްޝުކޫރާއި ހަސަން ފަވާޒުގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގަ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
ތިން މީހުންގެ މައްޗަށް ވަކިވަކިން ހިންގާ ޝަރީއަތުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ދައުވާ އިއްވުމާއި ޖަވާބުދާރީވުމުގެ ބައެވެ. ފަވާޒްގެ މައްޗަށް ދައުވާތައް އުފުލި ސަބަބު ހާމަކުރަމުން ދައުލަތުން ބުނެފައި ވަނީ މި މައްސަލައިގައި ހިމެނޭ ރިފާސް އާއި އަހުޒަމްއަށް އިރުޝާދުދީ މި އަމަލު ހިންގާފައި ވަނީ ފަވާޒްގެ އެންގުމަށް ކަމަށެވެ. އޭގެ އަގެއްގެ ގޮތުގައި ދެ މީހުންނަށް ފަވާޒް ދިނީ މަސްތުވާތަކެތި ކަމަށެވެ.
ގަސްތު މަރުގެ ދައުވާ އިއްވަމުން ދައުލަތުން ބުނީ، ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި، ސިހުރު ހަދާ މީހުން މަރައިގެން ފާފަވެރި ނުވާނެ ކަމަށް ރިފާސް އަދި އަހުޒަމަށް ފަވާޒް ވިސްނައިދީފައިވާ ކަމަށެވެ. ނައީމާ މަރާލުމަށް ބޭނުންވާ އާލަތްތައް ހޯދައި، އެ ދެ މީހުން ނައީމާ ދިރިއުޅޭ ގެއަށް ގެންދިޔައީ ފަވާޒް ދުއްވާ ކާރުގައި ކަމަށާއި، އެމީހުން ނައީމާ ދިރިއުޅޭ ގެއަށް ވަނީއްސުރެ ފޯނުން އެމީހުންނަށް ކަން ކުރާނެ ގޮތުގެ އިރުޝާދު ދީފައިވާ ކަމަށެވެ.
އޭގެ ފަހުން، ފަވާޒުގެ ކާރުގައި އެމީހުން މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް، ވަޅުގަނޑެއް ކޮނުމަށްފަހު ހުރިހާ އެއްޗެއް އަންދާލަން އިރުޝާދުދީ، ފެޓްރޯލް ހަމެއް ދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ. ހެކި ނައްތާލުމަށް އެމީހުންނަށް އިރުޝާދުދީ، އެތަކެތި އަންދާލުމުން އެ ސަރަހައްދުން އަނބުރާ ގެންދިޔައީ ވެސް ފަވާޒްގެ ކާރުގަ އެވެ. އޭގެ ފަހުން މި މައްސަލައިގައި ރިފާސް ހައްޔަރު ކުރުމާއެކު ކުރިން ގެންގުޅުނު ފޯނު ނައްތާލުމަށްފަހު އާ ފޯނެއް ފަވާޒް ގަތް ކަމަށް ވެސް ދައުލަތުން ބުންޏެވެ. މިއީ އަދުލު އިންސާފު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ދައުލަތުން އުފުލި ސަބަބެވެ.
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ، ނައީމާ މަރާލުމަށްފަހު އޭނާ އޮތް ކޮޓަރި އެތެރެއިން ތަޅުލާން އިރުޝާދު ދީފައި ވަނީ ފަވާޒް ކަމަށް ވާތީ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، ނައީމާގެ ހަށިގަނޑު ފެނިފައި ވަނީ 40 ގަޑިއިރު ފަހުން ކަމަށެވެ.
މި ތިން ދައުވާ އިއްވުމުން ފަވާޒް ވަނީ ހުރިހާ ދައުވާއަކަށް އިންކާރުކޮށްފަ އެވެ. ނައީމާ މަރާލަން އެއްވެސް މީހަކަށް އެއްވެސް އިރުޝާދެއް އަދި އެއްވެސް އެހީތެރިކަމެއް ވެދީފައި ނުވާނެ ކަމަށާއި، މިކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފައިވެ އެވެ.
އެއަށްފަހު، ދިފާއު ސާބިތުކުރަން ހެކި އެބަހުރިތޯ ގާޒީ އަލީ އާދަމް އެއްސެވުމުން ފަވާޒްގެ ދިފާއީ ވަކީލް އަހުމަދު ޔާމީން ވިދާޅުވެފައި ވަނީ އަދިވެސް ރިޕޯޓްތަކެއް ނުލިބޭތީ މިއަދު ހެކި ހުށަހެޅެން ނެތް ކަމަށެވެ. ހެކި ހުށަހެޅޭނީ އެ ރިޕޯޓްތައް ވެސް ލިބުމުން ކަމަށެވެ.
އެހެންކަމުން އެހާ ހިސާބުން އަޑުއެހުން ވަނީ ނިންމާލާފަ އެވެ. ދެން އޮންނަ ދުވަހަކުން އޮންނާނީ ދެ ފަރާތުން ވެސް ހެކި ހާމަ ކުރުމެވެ.
މިއަދު ހެނދުނު ވަނީ ރިފާސްގެ މައްޗަށް ވެސް ދައުވާތައް އިއްވާފަ އެވެ. ނަމަވެސް އޭނާ ވަނީ މިއަދު ޖަވާބުދާރީވާން އުޒުރުވެރިވެފަ އެވެ. އަހުޒަމްގެ ބައި މިއަދު 1:00 އަށް ވަނީ ތާވަލުކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް ކުރިއެރުމެއް ނުލިބި އޮއްވައި، އަހުޒަމް ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އެ ތަހުގީގުގެ ތެރެއިން އޭނާ ވަނީ ނައީމާ މަރާލިކަމަށް އެއްބަސްވެ ގިނަ މައުލޫމާތުތަކެއް ދީފަ އެވެ. ރިފާސާއި ފަވާޒް ހައްޔަރު ކުރީ އޭނާ ދިން މައުލޫމާތުގެ އަލީގަ އެވެ. ތިން މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ކުއްވެރިން މުޖުރިމުން އެމިހުްނގެ އަސްލު ސޫރައިގަ މުޖުތަމައަށް ދައްކާ. ޒާތްޒާތުގެ ފޮޓޯ ޖަހައިގެން ނޫސް ހިންގަން ނަހަދާ! މުޖުރިމުންނަށް މޮޅެއްވާނެ އެއްވެސް ކަމެއް ނޫސްތަކުންވެސް ކޮށްގެން ނުވާނެ.