އައްބާސް ވިދާޅުވީ ޓޫރިޒަމް ދާއިރާއަށް އިންވެސްޓުކޮށްގެން ތިބި ވިޔަފާރިވެރިންގެ ތެރެއިން ގާބިލު ވިޔަފާރިވެރިންނަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ގާބިލު ވިޔަފާރިވެރިންނަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޭންޖެހޭކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކުރާނަމަ ފައިސާ ދައްކަންޖެހޭ މުއްދަތު ކުރުކުރުމާއެކު، ދިގު މުއްދަތުގައި ފައިސާ ދައްކާނަމަ ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރުކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓުކޮށްފައިވާ ދިވެހި އަދި ބިދޭސީ ވިޔަފާރިވެރިންނަށް ރައްކާތެރިކަން ލިބެންޖެހޭ ކަމަށެވެ.
އިތުރަށް އައްބާސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓުކޮށްފައިވާ ދޭސީ ވިޔަފާރިވެރިންނަށް އިހުތިރާމުކުރަންޖެހޭ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ ސިނާއަތްތަކުގެ ތެރޭގައި ގުނައިލެވޭ ސިނާއަތަކަށް ހެދުމުގައި ދިވެހި އިންވެސްޓަރުންގެ ދައުރު ބޮޑު ކަމެވެ. އަދި ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައިސް އިންވެސްޓުކޮށްގެން ތިބީ ދިވެހި އިންވެސްޓަރުންގެ ހިންމަތާއި މިންނަތުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުބާރު ހޯދުމުން ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
"ލޯކަލް އިންވެސްޓަރުންނަށް ޓޫރިޒަމަށް އިންވެސްޓުކޮށްގެން ތިބި އިންވެސްޓަރުންނަށް އިހުތިރާމުކުރަންޖެހޭނެ. އެބޭފުޅުންގެ އަނބުރު ހިމާޔަތްކުރަންޖެހޭނެ. މިގައުމު ގައުމަކަށް ހެދުމުގައި އެބޭފުޅުންގެ ހިއްސާ ކުޑައެއް ނުވާނެ. އަދި އެބޭފުޅުން ކުރެއްވި މިންނެތް ބުރަ މަސައްކަތުން ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ލިބިގެން ފޮރިން އިންވެސްޓަރުން އައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓުކޮށްގެން ތިބީ،" އައްބާސް ވިދާޅުވި އެވެ.
ދިވެހި އިންވެސްޓަރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބުމާއެކު އެބޭފުޅުންނަށް އިހުތިރާމުކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވުމަށްފަހު އައްބާސް ވިދާޅުވީ ޓޫރިޒަމް ދާއިރާއަށް އިންވެސްޓުކޮށްގެން ތިބި ވިޔަފާރިވެރިންގެ ތެރެއިން ގާބިލު ވިޔަފާރިވެރިންނަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީއެއް ދޭންޖެހެންޏާމު އެއީ އޭގެ ކެޕޭސިޓީ ހުރި އެކަމަށް ގާބިލު ބޭފުޅެއްވެއްޖެއްޔާ އެބޭފުޅަކަށް ސޮވެރިން ގެރެންޓީވެސް ދޭންޖެހޭނެ. ރާއްޖޭގެ ފަތުރުވެރިކަން އެބަޖެހޭ ތިން ހަތަރު ސަތޭކަ ގުނަ ކުރިއަރަށްޖެހެން،" އައްބާސް ވިދާޅުވި އެވެ.
"ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދިވެހި ސަރުކާރުން ހިފަހެއްޓުމެއް ނެތި ހުރިހާ އިންވެސްޓަރުންނަށް ހިދުމަތް ދޭންޖެހޭނެކަމަށް އަޅުގަނޑު ދެކެނީ،"
އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު އޭނާ ނިސަބަތްވެވަޑައިގަންނަވާ މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ)ގެ ރައީސް އަދި މީދޫ ދާއިރާގެ މަަޖިލިސް މެންބަރު އަހްމަދު ސިޔާސު (ސަން ސިޔާމު)ވަނީ އޭނާގެ ކުންފުންޏަކުން ތަރައްގީކުރަމުންދާ ފަޅެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަން ލޯނެއް ނެންގެވުމަށް ދައުލަތުން ގެރެންޓީ ދިނުމަށް އެދިވަޑައިގެންފަ އެވެ.
ނަމަވެސް އެ އެދިވަޑައިގަތުން ދިރާސާކުރުމަށްފަހު ސަރުކާރުން ނިންމާފަައިވަނީ ސިޔާމުގެ ކުންފުންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ނުދިނުމަށެވެ.