އަޒާން ވިދާޅުވި ގޮތުގައި އެ ބިލުން ބޭރުގެ އިންވެސްޓަރުންގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ އިތުރަށް ދިވެހި އިންވެސްޓަރުންނާއި ވިޔަފާރިތައް އަދި ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައްވެސް ހިމާޔަތްކުރެވެ އެވެ.
އިންވެސްޓުމެންޓާ ބެހޭ ބިލު ފާސްވުމުން ރާއްޖޭގައި ވިޔަފާރިކުރަން ފަސޭހަވުމާއެކު، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަަތުތައް ރައްކާތެރިކުރެވޭނެ ކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން އަޒާން މަޖިލީހަށް ހުށަހެޅުއްވި ބިލާމެދު ވާހަކަދައްކަވަމުން އަޒާން ފާހަގަކުރެއްވީ ދުނިޔޭގެ ގައުމުތަކުގައި ވިޔަފާރި ފެށުމާއި ވިޔަފާރިކުރަން ފެސޭހަ މިންވަރު ބެލުމަށް ބޭނުންކުރާ އީޒް އޮފް ބިޒްނަސް އިންޑެކްސްގައި ރާއްޖެ އޮތީ 190 ގައުމުގެ ތެރެއިން 144 ވަނައިގަ ކަމަށެވެ.
ރާއްޖޭގައި ވިޔަފާރިއެއް ފެށުމަކީ ދިވެއްސަކަށްވެސް ފަސޭހަކަމެއް ނޫން ކަމުގައި ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ އަމުދުން ބިދޭސީ ވިޔަފާރިތަކަށް ރާއްޖޭގައި ވިޔަފާރި ފެށުންވެސް އަދި ވިޔަފާރިކުރުންވެސް ވަރަށް ބޮޑަށް އުނދަގޫވާނެ ކަމުގަ އެވެ.
"ދިވެހިރާއްޖޭގައި ދިވެއްސަކު ވިޔަފާރިއެއް ފަށާނަމަ އެއީ ފަސޭހަކަމެއް ނޫން. ބިޒްނަސް ޕާމިޓުތައް ހޯދުމާއި، އެކިއެކި ޓެކްސްތަކާ ގުޅޭ ހުއްދަތައް ހޯދުމާއި، ބޭންކު އެކައުންޓުތައް ހުޅުވުމާ މިއީކީ ފަސޭހަ ކަންކަމެއް ނޫން. އަދި އަމުދުން ބޭރުގެ ފަރާތްތަކަށްވާނީ އުނދަގޫ ކަންކަމަށް،" އަޒާން ވިދާޅުވި އެވެ.
ފާއިތުވި 15 ވަރަކަށް އަހަރު ތެރޭ ރާއްޖޭގައި އިންވެސްޓު ކުރި ބޭރުގެ އިންވެސްޓަރުން ހިތި ތަޖުރިބާތަކެއް ކުރަންޖެހުނުކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ އެ މައްސަލަތަކަށް މިހާރު ހުށަހަޅާފައިވާ ބިލުން ހައްލުތަކެއް ލިބޭނެ ކަމަށެވެ.
އަޒާން ވިދާޅުވި ގޮތުގައި އެ ބިލުން ބޭރުގެ އިންވެސްޓަރުންގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ އިތުރަށް ދިވެހި އިންވެސްޓަރުންނާއި ވިޔަފާރިތައް އަދި ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައްވެސް ހިމާޔަތްކުރެވެ އެވެ. އެގޮތުން ރާއްޖޭގައި ބޭރު މީހުންނަށް އިންވެސްޓުނުކުރެވޭނެ ދާއިރާތައް ކަނޑައެޅުމުގައި ބަލާނެ ކަންކަން ގާނޫނުގައި ބަޔާންކޮށްފައިވާކަމާއި، ގައުމީ ސަލާމަތާ ގުޅިގެން އިންވެސްޓުކުރުން ލިމިޓުކުރެވޭނެ ދާއިރާތައް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ކާބޯތަކެއްޗާއި ހަކަތައިގެ ދާއިރާތަކަށް ބޭރުގެ އިންވެސްޓަރުން ހޯދުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައި އެ ބިލުގައި ހިމަނާފައިވާ އުސޫލުތައް އެކުލެވޭ ގާނޫނެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ ރާއްޖެ ދުނިޔޭގެ އެއްވަނަ ފަންތީގެ ގައުމަކަށް ހެދުމަށް މިފަދަ ގާނޫނުތައް ވުޖޫދުވުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ބިލު ފަރުމާކޮށްފައި އޮތީ ވަރަށް ރަނގަޅަށްކަން ފާހަގަކުރައްވަމުން އަޒާން އެދިވަޑައިގަތީ މަޖިލީހުގެ މެންބަރުންގެ އިތުރަށް ކަމުގެ ތަޖުރިބާ ލިބިފައިވާ އެކަމުގެ އިލްމު ހުރި ބޭފުޅުން ފުޅާ ދާއިރާއެއްގައި ބިލާމެދު ހިޔާލު ފާޅުކުރެއްވުމެވެ.