ފޮރިން އިންވެސްޓްމެންޓްގެ އުސޫލުތައް ހަރުދަނާ ކުރަން ބިލެއް ހުށަހަޅައިފި

އިންވެސްޓް ކުރުމަށް ހުއްދަ ދޭއިރު، އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރު ބަލަން ވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ފޮރިން އިންވެސްޓްމެންޓްގެ އުސޫލުތައް ހަރުދަނާކޮށް، ޒަމާނަށް ފެއްތުމަށް "ފޮރިން އިންވެސްޓްމެންޓްގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާ ގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތައް ކަނޑައެޅުމެވެ.

މި ބިލުގައިވާ ގޮތުން، ފޮރިން އިންވެސްޓް ނުކުރެވޭނެ ދާއިރާތައް މިނިސްޓަރު ކަނޑައަޅުމަށްފަހު ގެޒެޓް ކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. މިނިސްޓަރު ކަނޑައަޅާ ދާއިރާތައް ފިޔަވައި އެ ނޫން ކޮންމެ ދާއިރާއަކުން އިންވެސްޓް ކުރަން ހުރަހެއް ނެތް ކަމަށް ބަޔާންކޮށްފައިވެ އެވެ.

އިންވެސްޓް ކުރުމަށް ހުއްދަ ދޭއިރު، އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރު ބަލަން ވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ އިތުރުން، އެ ފަރާތްތަކުން ކުރާ އިންވެސްޓްމެންޓްގެ ސަބަބުން ވަކި ދާއިރާއެއްގެ ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި، އެ ދާއިރާއެއްގައި ދިވެހި ވިޔަފާރިތައް ތަރައްގީވެފައިވާ މިންވަރު އަދި އެ ދާއިރާއެއް ތަރައްގީ ކުރުމަށް ބޭރުގެ އިންވެސްޓްމެންޓްތައް ބޭނުންވާ މިންވަރަށް ވެސް ރިއާޔަތް ކުރަން ވާނެ ކަމަށެވެ.

އިންވެސްޓްމެންޓުން ލިބޭ ފައިސާ ރާއްޖޭން ބޭރަށް ގެންދިއުމުގެ ހައްގު އިންވެސްޓަރަށް މި ގާނޫނުން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އިގުތިސޯދީ ބޮޑު ހީނަރު ކަމެއްގައި ރާއްޖޭ އޮތް ދަނޑިވަޅެއްނަމަ އެ ފައިދާ ރާއްޖޭން ބޭރަށް ގެންދިއުމަށް ވަކި ޝަރުތުތަކެއް ކަނޑައެޅުމުގެ އިހުތިޔާރު ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ލިބިގެންވާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. 

ގާނޫނާ ހިލާފުވާ ފަރާތްތަކުން ޖޫރިމަނާ ކުރާނެ އަދަދުތަކެއް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން، ލައިސަންސްގެ ޝަރުތުތަކާ ހިލާފުވުމާއި، ލައިސަންސް ހޯދަން ސައްހަ ނޫން މައުލޫމާތު ހުށަހެޅުންފަދަ ކަންކަން ކުރާ ފަރާތްތައް އެއްލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ވެސް ބިލުގައި ހިމަނާފައިވެ އެވެ. ނުވަތަ ކުރާ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި، އެފަރާތުން ހިންގާ ވިޔަފާރީގެ އަގުގެ 10 ޕަސެންޓުން ޖޫރިމަނާ ކުރެވޭނެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން ދަނީ 1979 ގައި އަމަލުކުރަން ފެށި "ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނު" އަށެވެ. މި ގާނޫނުގައި އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރުން ފަދަ ކަންކަން އެހާ ބޮޑަށް ހިމަނާފައެއް ނުވެ އެވެ. ގާނޫނުގައި އޮތީ އެންމެ 17 މާއްދާ އެވެ. ނަމަވެސް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި 45 މާއްދާ ހިމަނާފައިވެ އެވެ.

ކުރީ ސަރުކާރުން 19 ވަނަ މަޖިލީހަށް ވެސް މިފަދަ ބިލެއް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.