ބަނދަރުގެ މަސައްކަތް ހުއްޓައިލަން އުޅޭކަމަށް ބުނެ ތިނަދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ކައުންސިލުން ބުނީ އީއައިއޭ ރިޕޯޓު ނިމިފައިވަނިކޮށް ބަނދަރުގެ މަސައްކަތް މަޑުޖައްސައިލުމަކީ އެ ރަށުގެ ރައްޔިތުންނަށް ދެވޭނެ ވަރަށް ބޮޑު ދެރައެއް ކަމަަށެވެ.

ވ.ތިނަދޫއަކީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ރަށެއް

ވ.ތިނަދޫ ބަނދަރުގެ މަސައްކަތް ހުއްޓައިލާ އެ މަސައްކަތް ކުރުމަށް އެރަށަށް ފޮނުވާފައިވާ އެމްޓީސީސީގެ ޓީމު އަނބުރާ ގެންދަން އުޅޭކަމަށް ތުހުމަތުކޮށް އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

އެ ރަށު ކައުންސިލުގެ ފަރާތުން ލޯގަލް ގަވަމެންޓު މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. އޭޕްރީލު 2023 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއު ކުރީ ސަރުކާރުން ކުރިއަށް ނުގެންގޮސް އޮއްވަައި އާ ސަރުކާރުން ވަރަށް ބާރު ދުވެލީގައި މަސައްކަތް ފެށިކަން ކައުންސިލުން ފާހަގަކުރި އެވެ. 

ވެރިކަމާ ސަރުކާރު ހަވާލުވިއިރު އީއައިއޭ ރިޕޯޓުގެ މުއްދަތު ހަމަވެފައި އޮތުމުން އަލުން އެ ރިޕޯޓު ހެދުމުގެ މަސައްކަތް ސަރުކާރުން ފެށިކަމަށާއި، އެމްޓީސީސީގެ އެކްސްކަވޭޓަރަކާއި 5 މުވައްޒަފުންގެ ޓީމެއް އެ ކުންފުނިން ބަނދަރުގެ މަސައްކަތް ކުރުމަށް ފޮނުވި ކަމުގައިވެސް ކައުންސިލުން ބުންޏެވެ. 

އެ ޓީމުން މަސައްކަތް ކުރަން ސައިޓެއް ހަމަޖެއްސުމަށް ހުސްބިމަކާއި، މަސައްކަތްކުރަން އިމާރާތެއް ކައުންސިލުން ހަމަޖައްސައިދީފައިވާނެ ކަމަށާއި، އަދި ރަށުގެ ރައްޔިތުންގެ ތެރެއިން ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ހަމަޖެއްސި އިމާރާތުގައި އެމްޓީސީސީގެ ޓީމުގެ ބޭފުޅުންނަށް ދިރިއުޅެއްވޭނެ އިންތިޒާމުތައްވެސް ހަމަޖައްސައިދީފައިވާނެ ކަމުގައި ކައުންސިލުން ބުނެފައިވެ އެވެ. 

ކައުންސިލުން އެހުރިހާ ކަމެއް އެގޮތަށް ކުރި ސަބަބަކީ ތިނަދޫ ބަނދަރު ބާވެ، ފުރާލަފާވެ އުޅޭ މީހުންނާއި ބަނދަރުގައި އަޅާފައި ހުރި އޮޑިފަހަރަށްވެސް ނުރައްކާވާ ހިސާބަށް ބަނދަރު ވީރާނާވުން ކަމަށް ކައުންސިލުން ފާހަގަކުރި އެވެ. އެ ރަށުގެ ބަނދަރަކީ އަމިއްލަ ފަރާތަކުން އަޅައިދީފައިވާ ބަނދަރެކެވެ. 

ތިނަދޫއަކީ ގެސްޓުހައުސް ފަތުރުވެރިކަން ފުޅާވަމުންދާ ރަށެއްކަމަށާއި މިހާރުވެސް 400 އެއްހައި އާ ކޮޓަރި ރަށުގައި އަޅަމުންދާކަން ފާހަގަކޮށް ކައުންސިލުން ބުނީ ބަނދަަރުގެ ޖާގަ ބޮޑުކޮށް ތަރައްގީކުރުމަކީ ކޮންމެހެން ބޭނުންޖެހިފައިވާ ކަމެއް ކަމަށެވެ. 

އީއައިއޭ ރިޕޯޓުގެ މަސައްކަތް ނުނިމިގެން މަޝްރޫއު ނުފެށި އޮތް ނަމަވެސް މިހާރު އީއައިއޭގެ މަސައްކަތް ނިންމައި އީޕީއޭގެ އެޕްރޫވަލް ހޯދުމަށް ހުށަހަޅާފައިވާކަން ފާހަގަކުރަމުން ކައުންސިލުން ބުނީ އެ މަރުހަލާގައި މަސައްކަތް އޮއްވައި އެ މަޝްރޫއު ހުއްޓައިލުމަށްފަހު އެމްޓީސީސީގެ ޓީމު 14 އޯގަސްޓުގައި ރަށުން ފައިބަން އުޅޭ ކަމުގެ ހަބަރުތައް ލިބިފައިވާ ކަމަށެވެ. 

އަަދި ތިނަދޫ ބަނދަރުގެ މަސައްކަތް މަޑުޖައްސައިލުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިސްނަމުންދާކަމުގެ މައުލޫމާތު އެ މިނިސްޓްރީން ލިބިފައިވާ ކަމަށާއި، މިހާރު އެ މަޝްރޫއު ކުރިއަށްގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ މަޝްރޫއަށް އިސްކަންދެއްވައިގެން ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. 

ބަނދަރުގެ ބޭރު ތޮށި ހަލާކުވެފައިވުމުގެ އިތުރަށް ޖާގައެއް ނެތް މިންވަރަށް ބަނދަރު ތޮއްޖެހި ފުރިފައިވާކަން ފާހަގަކުރަމުން ކައުންސިލުން ބުނެފައިވަނީ ތިނަދޫ ބަނދަރަކީ ވ.އަތޮޅުގައި ބަނދަރުން ތެޔޮ އަޅައިދޭ ހަމައެކަނި ބަނދަރަށްވާއިރު ޖާގައިގެ ދަތިކަމުގެ ސަބަބުން ހިދުމަތް ހޯދުމަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާ ކަމަަށެވެ. 

ކުރިއަށް އޮތް އިރުވައި މޫސުމުގައި ބަނދަރު ސަލާމަތުން އޮންނާނެ ކަމުގެ ޔަގީންކަމެއް ނެތްކަން ފާހަގަަކުރަމުން ކައުންސިލުން ބުނީ އީއައިއޭ ރިޕޯޓު ނިމިފައިވަނިކޮށް ބަނދަރުގެ މަސައްކަތް މަޑުޖައްސައިލުމަކީ އެ ރަށުގެ ރައްޔިތުންނަށް ދެވޭނެ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އަރިހުން ކައުންސިލުން އެދިފައިވަނީ އެ މައްސަލަ ބައްލަވައިދެއްވުމަށެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.