މަގުމަތީގައި ބަހައްޓާފައި ހުރި މޭޒުތަކާއި ގޮނޑިތައް ނަގަން އެޗްޑީސީން ފެށީ އެތަކެތި ބެހެއްޓި ފަރާތްތަކަށް އަމިއްލައަށް އެތަކެތި ނެގުމަށް ދިން މުހުލަތު ހަމަވުމުންނެވެ.
ހުޅުމާލޭ މަގުތަކުގެ ދުވާރު މަތީގައި ބަހައްޓާފައި ހުރި ގޮނޑިތަކާއި މޭޒުތައް ނެގުމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފި އެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ކެފޭތަކާއި ޓޭކްއަވޭ ހިދުމަތްދޭ ތަންތަނުގައި ދުވާރު މަތީގައި ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ފެށީ، އެތަކެތި ނެގުމަށް އެ ކުންފުނިން ދިން މުއްދަތު ހަމަވުމުންނެވެ.
އެގޮތުން ފާއިތުވި މަހުގެ 23 ވަނަ ދުވަހުގައި އެ ކުންފުނިންވަނީ މަގުމަތީގައި ބަހައްޓާފައި ހުރި ހުރިހާ މޭޒާއި ގޮނޑިތައް ނެގުމަށް އަންގާފަ އެވެ. އަދި އެ އެންގުމަށް އަމަލުނުކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި އެ ކުންފުނިން އެ އިއުލާނުގައި ބުނެފައިވެ އެވެ.
ގޮނޑި މޭޒު ނެގުމަށް އެޗްޑީސީން ކަނޑައެޅި މުއްދަތު ހަމަވުމާއެކު އިއްޔެ އެ ކުންފުނިންވަނީ ދުވާރުތައް މަތީގައި ބަހައްޓާފައި ހުރި ގޮނޑިތަކާއި މޭޒުތައް ނެގުމަށް ނިކުމެ ރަސްމީކޮށް އެ މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތްކުރަނީ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެންނެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދައިން ބަހައްޓާފައި ހުންނަ ގޮނޑި މޭޒުތަކުގައި ކެފޭތަކުން ހިދުމަތް ދޭތީއާއި އެތަނުގައި ތިބޭ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާތީ އުނދަގޫވާކަމުގެ ޝަކުވާއަކީ އާންމުން ވަރަށް ގިނައިން ފާޅުކުރަމުން އަންނަ ޝަކުވާއެކެވެ.