އެމްޑީޕީ މެންބަރުންގެ ތުހުމަތު؛ ވަޒީރު އުޅުއްވީ ބުލީ ކުރަން

"އަޅުގަނޑު ކުޑަވީމަ ބުލީ ކޮށްލާނަމޭ ހިތާ، ހަމަ އެގޮތަށް ކަންކުރީ. ބޮޑު ލަޝްކަރެއް ފަހަތުގަ އޮންނާތީ ވަޒީރަށް ފެންނަނީ މީ ކުޑަކުޑަ މީހެކޭ، އެގޮތަށް ސިފަވީ. އެހެންވީމަ އަޅުގަނޑު އަދި ކުޑަޔަކަސް އެހެން ބުލީއެއް ނުކުރެވޭނެ،"

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަދު ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރު ކުރެއްވި ޖަލްސާގައި އެމްޑީޕީ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ނުދީ އުޅުއްވީ މެންބަރުން ބުލީ ކުރައްވަން ކަމަށް އެޕާޓީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވައިފި އެވެ.

މިނިސްޓަރު ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ އެމްޑީޕީ މެންބަރުން މިއަދު ވަނީ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖުކޮށްފަ އެވެ. މަޖިލީހުގެ ޖަލްސާގައި މެންބަރުން އިހުތިޖާޖު ކުރައްވަން ފެއްޓެވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ވަޒީރު ޖަވާބުނުދެއްވާ ކަމަށް ވިދާޅުވެ ނިޒާމީ ނުކުތާއެއް ނެންގެވުމުން އެއީ މަޖިލީހުގެ ނިޒާމާ ގުޅުންހުރި މައްސަލައެއް ނޫންކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

އެ މައްސަލަ ހޫނުވެ ހަތަރު މެންބަރެއްގެ ނަން އިއްވައި ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ. ރިޔާސަތުގެ މޭޒުކޮޅު ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރައްވަން ފެއްޓެވުމުން އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުގެ ނަން ވަނީ އިއްވާފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ފަރާތުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓު ސަރުކާރުން މުރާޖައާކުރާއިރު ގޯތީގެ ލިސްޓު މުރާޖައާނުކުރައްވަނީ ކީއްވެގެންތޯ ކުރެއްވި ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ. 

އެތައް ހާސް ބަޔަކު ގޯއްޗާއި ފްލެޓްގެ އިންތިޒާރުގައި ތިބިއިރު، އެ ސުވާލުތަކުގެ ޖަވާބު ރައްޔިތުން ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، އަޑުގަދަ ކުރަން ޖެހުނީ ނިޒާމުގެ ތެރެއިން ފުރުސަތު ހޯދަން އުޅެ އެ ފުރުސަތު ނުދިނުމުންކަމަށެވެ. ނަމަވެސް މިނިސްޓަރު ކަން ކުރެއްވީ ބުލީ ކުރާ އުސޫލުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑު ކުޑަވީމަ ބުލީ ކޮށްލާނަމޭ ހިތާ، ހަމަ އެގޮތަށް ކަންކުރީ. ބޮޑު ލަޝްކަރެއް ފަހަތުގަ އޮންނާތީ ވަޒީރަށް ފެންނަނީ މީ ކުޑަކުޑަ މީހެކޭ، އެގޮތަށް ސިފަވީ. އެހެންވީމަ އަޅުގަނޑު އަދި ކުޑަޔަކަސް އެހެން ބުލީއެއް ނުކުރެވޭނެ،" ޒިޔާދު ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ކުރީ ސަރުކާރުން ދޫކޮށްފައި ހުރި ގޯއްޗާއި ފްލެޓް ސަރުކާރުން ދޫކުރަން ބޭނުން ނުވާ ކަމަށެވެ. އެކިފަހަރު އެކި ގޮތަށް ވާހަކަ ދައްކަނީ އެހެންވެގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ވަރަށް ސާފުކޮށް އެބަ އެނގޭ މި ބޭފުޅުން ބޭނުންފުޅެއް ނުވޭ މިގޮތަށް ރައްޔިތުންނަށް މިކަން ކޮށްދޭކަށެއް. އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން އެބަ އަޑުއިވޭ އަލުން އަނެއްކާ ފްލެޓްތަކަށް ހުޅުވާލާށޭ އުޅެނީ، ހަގީގަތުގަ މީ ކޮށްގެންވާނެ ކަމެއް ނޫން،" ނާޒިލް ވިދާޅުވި އެވެ.

އެމްޑީޕީ މެންބަރުން ވިދާޅުވި ގޮތުގައި، މިއަދު މަޖިލީހުގައި މިނިސްޓަރު ހައިދަރު ދެއްކެވީ ގަބޫލުކުރެވޭ ވާހަތަކެއް ނޫން ކަމަށެވެ. އެމްޑީޕީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ނުދީ ސިޔާސީ ވާހަކަ ދައްކަވަން އުޅުނު ކަމުގެ ތުހުމަތު ވެސް މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ މިނިސްޓަރަށް ތުހުމަތު ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.