ހައިދަރު ވިދާޅުވި ގޮތުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރަންޖެހޭ ހުރިހާ ގޯއްޗެއް އަންނަ ނޮވެންބަރުމަހާއި އޮކްޓޯބަރު މަހުގައި ހަވާލުކޮށް ނިންމަވައިލެއްވޭނެ އެވެ.
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް އެކުލަވައިލި ޕްލޭންތައް އެންމެ އެއްގޮތީ ވަޅޯމަސް ހިއްކުމަށް އަޅާ އަށިތަކަކާ ކަމުގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމަށްފަހު، އިތުރު ސުވާލުގެ ގަޑީގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އާ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަަހު ކުރީ ސަރުކާރުން ގޯތިތައް ދޫކުރަން ހަދާފައިވާ ޕްލޭނުތައް ބައްލަވައިލެއްވި ކަމަށެވެ. އެ ޕްލޭނުތަކަކީ ސަރުކާރަކުން ރައްޔިތުންނަށް ގޯތި ދޫކުރުމަށް އެކުލަވައިލަންޖެހޭ ޕްލޭނުތައް ހުންނަންޖެހޭ ގޮތަށް ހުރި ޕްލޭނުތަކެއް ނޫންކަމަަށާއި، އެ ޕްލޭނުތައް އެންމެ އެއްގޮތީ ވަޅޯމަސް ހިއްކަން އަޅާ އަށިތަކަކާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އައިސް ކުރީ ސަރުކާރުން ތައްޔާރުކޮށްފައި ހުރި ޕްލޭންތައް ބެލިން. އަޅުގަނޑަށް އެ [ޕްލޭންތައް] ސިފަކުރެވެނީ ވަޅޯމަސް އަވީލާފައި ހުންނަ އަށިތަކެއްހެން.،" މިނިސްޓަރު ވިދާޅުވި އެވެ.
"އެއްގޮތަކަށްވެސް އަޅުގަނޑުމެން ހިއެއްނުކުރަން ސަރުކާރުން އަދި އާބަންކޯ މެދުވެރިކޮށް އެކަހަލަ ޕްލޭންތަކެއް ކުރައްވައިގެން ރައްޔިތުންނަށް އެހާ ތަކުލީފުގައި އުޅެވޭނެ ގޮތަކަށް ގޯތިތަކެއް ކަނޑައަޅާއިރު ދޫކުރައްވާނެ ކަމަކަށް. އެއްގޮތަކަށްވެސް ސިކުނޑި ގަބޫލުކުރެވޭ ކަމެއް ނޫން،"
އާބަން ޕްލޭނިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެ ދާއިރާގައި އެތައް އަހަރަކު މަސައްކަތް ކުރެއްވި ޑރ.ހައިދަރު ވިދާޅުވި ގޮތުގައި ޕްރޮފެޝަނަލް އާބަން ޕްލޭނަރެއްގެ ހައިސިއްޔަތުން އެފަދަ ޕްލޭންތަކެއް ހަދައިގެން ރައްޔިތުންނަށް އެހާ ބޮޑު ދެރައެއް ދިނުމަކީ ގަބޫލުކުރެއްވޭ ކަމެއް ނޫނެވެ.
އޭގެ ކުރިން މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރިއިރު ބައެއް ގޯތިތަކުގެ ތެރެއަށް މަގުތަކާއި، ކަރަންޓު ބޯޑުތަކާއި ފެނާއި ނަރުދަމާގެ ވިއުގަތައް ހުރީ ވަދެފަ އެވެ.
އަދި ސަރުކާރުން މިހާރު އެ މައްސަލަތައް ހައްލުކުރަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ 1400 އަށްވުރެ ގިނަ ގޯތި ދެވަނަ ފިޔަވަހިން ދޫކުރަން ކަނޑައަޅާފައިވާއިރު މިހާރުވެސް މައްސަލަތައް ހައްލުކުރުމަށްފަހު 600 އަށްވުރެ ގިނަ ގޯތި ހައްގުވެރިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިތައް ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކޮށްފައި ހުރި ގޮތުން އެޗްޑީސީން އަންނަނީ އެ ގޯތިތައް ހަވާލުކުރުމަށް ހުރި ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހައިދަރު ވިދާޅުވި ގޮތުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރަންޖެހޭ ހުރިހާ ގޯއްޗެއް އަންނަ ނޮވެންބަރުމަހާއި އޮކްޓޯބަރު މަހުގައި ހަވާލުކޮށް ނިންމަވައިލެއްވޭނެ އެވެ. އަދި ހުޅުމާލެއިން ހިއްކަން ނިންމާފައިވާ ތިންވަނަ ފިޔަވަހިން ދޫކުރަންޖެހޭ ގޯތިތައްވެސް އެ ދެ މަސްދުވަހުގެ ތެރޭގައި ދޫކޮށް ނިމޭނެ އެވެ.