ގުޅިފަޅުން ގޯތި ދެވޭނީ ބްރިޖް މަސައްކަތް ނިމި، ހިއްކައި ނިމިގެން: ހައިދަރު

"ކުރިން ވެސް އަޅުގަނޑު ބުނިފަދައިން ބިން ހިއްކައެއް އަދި ނުވެއް ނިމޭ. އެ ގޯތިތައް ދީފަ ހުރީ ކަނޑުންނާ ފަޅުން. އެހެންވީމަ އަޅުގަނޑުމެން ބިން ހިއްކާ ނިންމާފަ ނޫނިއްޔާ އެ ގޯތިތައް ހަވާލެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު މަޖިލީހުގައި ޑރ.ހައިދަރު ސުވާލުތަކަށް ޖަވާބުދެއްވަނީ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީ ސަރުކާރުން ގުޅިފަޅުން ދޭން ކަނޑައަޅާފައިވާ ގޯތިތައް ހަވާލުކުރެވޭނީ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ނިމުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ގުޅިފަޅުން ގޯތި ދޫކުރުމާ ގުޅޭ ގޮތުން ގަލޮޅު އިތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެތަނުން މިވަގުތު ގޯތި ދޫކުރުމަށް ދަތިވާ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ.

އެ ސަބަބުތައް ސާފުކޮށްދެއްވަމުން ފުރަތަމަ ކަމަކަށް މިނިސްޓަރު ވިދާޅުވީ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް އެތަނުގައި ކުރާތީ ބިން ދޫކުރެވެން ނެތް ކަމަށެވެ. އެ މަސައްކަތް ނިންމާލެވޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރަށް ކަމަށެވެ.

"އެތަނުގަ ބިން އެލޮކޭޓް ކޮށްގެން ބިން ދޫކުރެވޭނީ އެތަނުގެ މަސައްކަތް ނިމުނީމަ، އެއީ އެތާނގަ ވަރަށް ބޮޑެތި ހެވީ ވެހިކަލްތައް ދުއްވާ، ކޮންމެ ދުވަހަކުވެސް އެތާނގަ ދަތުރުކޮށް ހަދާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުގައި އިން ވަކިކުރުމަށްފަހު އެތަނުގައި ޖަހާފައި ހުރި ކަންމުޑިތައް ވެސް މި ވެހިކަލްތަކުގެ ސަބަބުން މިހާރު ހަލާކުވެފައިވާ ކަމަށެވެ. 

އޭގެ އިތުރުން، އެތަނުން އަދިވެސް 85 ހެކްޓަރު ހިއްކަން ޖެހޭ ކަމަށާއި އެ މަސައްކަތް ނިމޭނެ ވަކި ތާރީހެއް އެނގެން ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ.

"ކުރިން ވެސް އަޅުގަނޑު ބުނިފަދައިން ބިން ހިއްކައެއް އަދި ނުވެއް ނިމޭ. އެ ގޯތިތައް ދީފަ ހުރީ ކަނޑުންނާ ފަޅުން. އެހެންވީމަ އަޅުގަނޑުމެން ބިން ހިއްކާ ނިންމާފަ ނޫނިއްޔާ އެ ގޯތިތައް ހަވާލެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ހައިދަރު ވިދާޅުވީ ގުޅިފަޅުން ބިން ހާވާލުކުރުމުގައި ބަލަން ޖެހޭ އިތުރު ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ. ކުރީ ސަރުކާރުގައި އެތަނުން ބިން ދޫކޮށްފައި ހުރީ އެކަށީގެންވާ ގޮތަށް ނޫން ކަމަށާއި، މިހާރު ސަރުކާރުން އެކުލަވާލަމުންދާ ލޭންޑް ޔޫސް ޕްލޭންގައި އެތަނުގައި ތަކުލީފަކާ ނުލައި ދިރިއުޅެވޭނެ ހުރިހާ ވަސީލަތްތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން، އެތަނުގައި އުމްރާނީ، އިގްތިސޯދީ އަދި އިޖްތިމާއީ ވަސީލަތްތައް ގާއިމްކުރަން ހިމަނާފައިވާކަން ފާހަގަކުރެއްވި އެވެ.

"އެލްޔޫޕީ ފާސްކޮށް ލެޔޫޕީއަށް ބޭސްކޮށް އަޅުގަނޑުމެން ސާވޭކޮށްފަ ބިން ކަނޑައެޅިދާނެ އަޅުގަނޑުމެންނަށް. ބިން ކަނޑައަޅާ ނިންމިގެން އެތަނުގައި ކަންމުޑި ޖަހައިގެން ވެސް މިވަގުތަށް އެތާނގަ އެ ކަންމުޑިތައް ހުންނާނެ ކަމުގެ ޔަގީންކަމެއް ނެތީމަ އަޅުގަނޑަށް ހީވަނީ އަލުން އެކަންތައް ކުރަން އަނެއްކާ އިތުރު ހަރަދުތަކެއް ކޮށްގެން ކުރަން ޖެހޭ ކަމަކަށްވާތީ، އެކަންތައް މިވަގުތު ކުރަން އެކަށީގެން ނުވަނީ ބްރިޖް ސައިޓުގެ މަސައްކަތްތައް އެތާ ކުރިއަށް ގެންދާތީ،" މިނިސްޓަރު ސާފުކޮށްދެއްވި އެވެ.

މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ ގުޅިފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ގޯތި ހަވާލުކުރެވޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށެވެ.

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޯށްދިނުމަށް 5000 ގޯތި ދޫކުރަން ނިންމާފައިވެ އެވެ. އޭގެތެރެއިން ގުޅީފަޅުން 2،218 ގޯތި ކަނޑަން ނިންމާފައިވެ އެވެ. މި ސްކީމުގެ ދަށުން ހުޅުމާލެ ފަޅާއި ގިރާވަރު ފަޅުން ވެސް ގޯތިދޭން ނިންމައި ދަނީ ހިއްކަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.