ހާރިޖީ ސިޔާސަތާ ދެކޮޅު އަމަލުތައް ހިންގުމަށް ޖާގަނުދޭނަން: ރައީސް

"އެއާ ދެކޮޅަށް މިގައުމުގެ ހަމަޖެހުން ނަގައިލާ މިގައުމުގެ ތަރައްގީ ހުއްޓޭނެ ގޮތަކަށް މިގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ގެއްލޭނެ ގޮތަކަށް ދިވެހި ރައްޔިތުންވެސް ފުރުސަތެއް ނުދެއްވާނެ،" ރައީސް ވިދާޅުވި

ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ސަރުކާރުގެ ހާރިޖީ ސިޔާސަތާ ދެކޮޅު ހަރަކާތްތައް ހިންގުމަށް ފުރުސަތު ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން، އިންޑިޔާ އައުޓް ހަރަކާތް ހިންގުމަށް ޖާގަދެއްވާނަންތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ މެނިފެސްޓޯއެއް ހުށަހަޅުއްވައިގެން ކަމަށާއި، އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު އެމެނިފެސްޓޯގައި ހިމެނޭ ކަމަށެވެ. 

އަދި އެމަނިކުފާނަށް ރައްޔިތުން ވޯޓުދީ ވެރިކަން ހަވާލުކުރީ އެމަނިކުފާނު އެއިރު މެނިފެސްޓޯގައި ހާމަކުރެއްވި ހާރިޖީ ސިޔާސަތު ބަލއިގަނެގެން ކަމަށްވެސް ވިދާޅުވި އެވެ. އަދި ގައުމު ކުރިއަށްދާނީ އެ ހާރިޖީ ސިޔާސަތާ އެއްކޮށް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. 

"މިގައުމަށް ބޭނުންވަނީ ހަމަޖެހުން. މިގައުމަށް ބޭނުންވަނީ ތަރައްގީ. މިގައުމަށް ބޭނުންވަނީ ރައްކާތެރިކަން. އެތިން ކަންތައް ޔަގީންވާ ގޮތަށް މިގައުމުގެ ކަންކަން ކުރިއަށްދާނީ ކުރިއަށް އޮތް ތާނގައި،" އެމަނިކުފާނު ވިދާޅުވި އެވެ. 

"އެއާ ދެކޮޅަށް މިގައުމުގެ ހަމަޖެހުން ނަގައިލާ މިގައުމުގެ ތަރައްގީ ހުއްޓޭނެ ގޮތަކަށް މިގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ގެއްލޭނެ ގޮތަކަށް ދިވެހި ރައްޔިތުންވެސް ފުރުސަތެއް ނުދެއްވާނެ،" 

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވުމަށް އެއިރު ނެރުއްވި ގަރާރު ބާތިލުކުރައްވާނަންތޯ ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތު ވިދާޅުވެދެއްވައިފި ކަމަށެވެ. 

މިހާރު ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިދިކޮޅު އިއްތިހާދެއްގެ ގޮތުގައި އޮތްއިރު އެ ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގެވި އިންޑިޔާ އައުޓް ހަރަކާތް އަލުން ހިންގަވާނެ ކަމަށް އެ ކޯލިޝަން ދޫކުރައްވަައި އާ ޕާޓީއެއް އުފެއްދެވުމަށްފަހު އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ. 

އަދި އާ ސަރުކާރުން ކުރީގެ ރައީސް ސޯލިހު ނެރުއްވި އިންޑިޔާ އައުޓް ހުއްޓުވާ ގަރާރު ބާތިލުނުކުރާތީ ރައީސް ޔާމީނު ގެންދަވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.