އިންޑިޔާގެ އެހީގައި ހިންގާ މަޝްރޫއުތަކަކީ އައްޑޫގެ ތަރައްގީގެ ބިންގަލަށްވާނެ: މުއްތަލިބު

މުއްތަލިބު ވިދާޅުވީ މުސްތަގުބަލަށް ބަލާއިރު މި ހުރިހާ މަޝްރޫއެއްވާނީ އައްޑޫއަށް އަންނަ ކުރިއެރުމާއި ތަރައްގީގެ ބިންގާތަކެއް ކަމަށެވެ.

އައްޑޫގައި ނިމުނު މަޝްރޫއުތައް އިފުތިތާހުކުރުމުގެ ޖަލްސާގައި ޑރ.މުއްތަލިބު ވާހަކަދައްކަވަނީ، ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު އައްޑޫގައި ހިންގައި ނިންމާފައިވާ މަޝްރޫއުތަކާއި މިހާރުވެސް ހިންގަމުންދާ މަޝްރޫއުތަކަކީ މުސްތަގުބަލުގައި އެ ސިޓީއަށް ގެންނަ ތަރައްގީގެ އަސާސްތަކަށްވާނެ ކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

މުއްތަލިބު މިފަދައިން ވިދާޅުވީ ކުރީ ސަރުކާރުގައި އިންޑިޔާއާއެކު ގާއިމުކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓު އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި ބިން ހިއްކުމަށާއި، އެ ސިޓީގައި ގުޅިފައިވާ ބައެއް ރަށްތަކުގެ މެދުގައި ދަތުރުކުރަން ގާއިމުކުރި ބުރިޖުގެ މަސައްކަތް ނިމުން ފާހަގަކުރުމަށް މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. 

އިންޑިޔާގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ގާއިމުކުރި ޑިޓުއާ ލިންކުގެ ސަބަބުން ހަންކެޑެއަށް ވަދެ ނިކުމެ އުޅުމަށް ހާއްސަ މަގެއް ގާއިމުކުރެވިގެން ގޮސްފައިވާ ކަމަށެވެ. 

އަދި ފަތުރުވެރިކަމުގެ ބޭނުންތަކަށް ހާއްސަކުރެވިގެން 25 ހެކްޓަރުގެ ބިން ހިއްކައި ތިން ރަށް އެ އަތޮޅުގައި އުފައްދާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އައްޑޫގައި ގާއިމުކުރެވިގެންދާ ޑިޓުއާ ހައިވޭއަކީ މާލޭ ސަރަހައްދުން ބޭރުގައި ރާއްޖޭގައި އަޅާ ފެނުން މަތީގެ ފުރަތަމަ ބުރިޖު ހައިވޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ހައިވޭގެ ސަބަބުން ހަންކެނޑެ ޓުއަރިޒަމް ޒޯނު އެކަަހެރިކުރެވި ހިމޭން ތަނެއްގެ ގޮތުގައި އޮންނާނެކަަން ޔަގީންކުރެވިގެންދާނެ ކަމަށެވެ. 

މުއްތަލިބު ވިދާޅުވި ގޮތުގައި އައްޑޫގެ މަގުތައް ހަދައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އިންޑިޔާގެ މާލީ އެހީތެރިކަމާއެކު މިހާރު ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަަށެވެ. އަދި މި މަޝްރޫއަކީ އައްޑޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް ދެކުނުގެ މަގުތަކަށް ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެއް ކަމަށެވެ. 

މި ހުރިހާ މަޝްރޫއުތައް ރަމްޒުކޮށްދެނީ ރާއްޖެއާއި އިންޑިއާގެ މެދުގައި އޮތް ގުޅުމުގެ ހަރުދަނާކަމާއި ބަދަހިކަން ކަމުގައި ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ މުސްތަގުބަލަށް ބަލާއިރު މި ހުރިހާ މަޝްރޫއެއްވާނީ އައްޑޫއަށް އަންނަ ކުރިއެރުމާއި ތަރައްގީގެ ބިންގާތަކެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.