ރަނގަޅު ޖީލެއް ބިނާކުރަން ކުދިން ގާނޫނުތަކަށް ހޭލުންތެރި ކުރުވަން ގޮވާލައްވައިފި

ނައިބް ރައީސް ވިދާޅުވީ ޓްރެފިކްގެ މި ޕްރޮގްރާމުގެ ސަބަބުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިވަމުންދާ ކަމަށާއި، ފޭރާންހެޔޮ މުޖުތަމައެއް ބިނާކުރެވޭނީ އެފަދަ ކަންކަމަށް ދަރިން ހާނުވައިގެން ކަމަށެވެ.

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު

ހުލްގު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއްކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަތޭކަވަނަ ޓްރެފިކް މޮނިޓާސް ތަމްރީނު ޕްރޮގްރާމު "ރައްކާ" ނިންމުމުގެ ގޮތުން އިއްޔެ ފުވައްމުލަކު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ވިދާޅުވީ ޓްރެފިކްގެ މި ޕްރޮގްރާމުގެ ސަބަބުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިވަމުންދާ ކަމަށާއި، ފޭރާންހެޔޮ މުޖުތަމައެއް ބިނާކުރެވޭނީ އެފަދަ ކަންކަމަށް ދަރިން ހާނުވައިގެން ކަމަށެވެ. 

މަގުތަކުގައި ހިނގާ ގާނޫނާ ގަވާއިދާ ހިލާފުކަންކަން ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ނައިބް ރައީސް ވިދާޅުވީ މިހާރު ވެސް ގްރޭޓާ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް "މާލެ ފަހި" ޕްރޮގްރާމު ކުރިއަށް ގެންދާ ކަމަށެވެ.

މީގެ އިތުރުން، މަގުމައްޗަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް ނައިބް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ޓްރެފިކް މޮނީޓާސް ތަމްރީނު ޕްރޮގްރާމު ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ. މިއީ އެ ތަމްރީނު ޕްރޮގްރާމްގެ ދަށުން ބޭއްވި 100 ވަނަ ޕްރޮގްރާމެވެ. "ރައްކާ" އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ހިންގަމުން އަންނަ ޕްރޮގްރާމެކެވެ. ދިވެހި ފުލުހުންގެ ހިދުމަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތައް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިޔަށްގެންދާ ރައްކާ ރޯޑް ޝޯ 2024 ކުރިޔަށްގެންދަނީ ފުވައްމުލައްސިޓީގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.