ރަސްމީ ދަތުރުފުޅެއް ގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު މިރޭ ވަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ބައްދަލު ކުރައްވާފަ އެވެ.
ރާއްޖެ-އިންޑިއާ ގުޅުން ބަދަހިކުރަން އެމްޑީޕީން ކުރާ މަސައްކަތަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ޝުކުރު އަދާ ކުރައްވައިފި އެވެ.
ރަސްމީ ދަތުރުފުޅެއް ގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު މިރޭ ވަނީ އެމްޑީޕީގެ ރައީސް / ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބައްދަލު ކުރައްވާފަ އެވެ.
އެ ބައްދަލްވުމާއި ގުޅޭގޮތުން ޖައިޝަންކަރު ވިދާޅުވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ބައްދަލު ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި ރާއްޖެ-އިންޑިއާ ގުޅުން ބަދަހިކުރަން އެމްޑީޕީން ކުރާ މަސައްކަތް ފާހަގަ ކުރެއްވި އެވެ.
އެމްޑީޕީގެ ވެރިކަމެއް ދެ ފަހަރު ރާއްޖޭގައި ގާއިމު ކުރެވިއްޖެ އެވެ. ރައީސް ނަޝީދުގެ ވެރިކަމާއި ރައީސް ސޯލިހްގެ ވެރިކަމުގައި އިންޑިއާއާ ވަރަށް ގާތްގުޅެއް ބޭއްވެވި އެވެ. ނަޝީދަކީ އަބަދުވެސް އިންޑިއާ ދިފާއު ކުރައްވާ ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އިންޑިއާގެ ދިފާއުގައި ދިވެހީންގެ އެކުވެރި އެހެން ގައުމުތަކަށް ވެސް ފާޅުގައި ފާޑު ވިދާޅުވެ އެވެ.
ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު އިންޑިއާއާ އޮތީ ވަރަށް ހާއްސަ ގުޅުމެކެވެ. އެ ގުޅުމާމެދު ދިވެހީންގެ ގިނަ ބަޔަކު ސުވާލު ވެސް އުފެއްދި އެވެ. ރާއްޖޭގައި އިންޑިއާގެ ބޮޑު ނުފޫޒެއް އޮތް ކަމަށް ވެސް ބައެއް މީހުން ދެކުނެވެ. ސަރުކާރުން ކަންކަން ކުރަމުން ދިޔައީ އިންޑިއާ އިން އަންގާ ގޮތަކަށް ކަމަށާ ދިވެހީންގެ ފުރިހަމަ މިނިވަންކަން ކަންކަން ނިންމުމުގައި ނެތް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުންޏެވެ.