އަރަބި ލީޑަރުން އެތިބީ ކުޅިބަލަން ކަމަށް ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެ ލީޑަރުން އެއްވެސް ކަމެއް ނުކުރެ އެވެ.
ކޮންމެ ދުވަހަކު ޣައްޒާފެ ކުށެއް ނެތް އެތައް ސަތޭކަ އާންމުންނެއް އިޒްރޭލުގެ ސިފައިން ނިކުމެ މަރަމުންދާއިރު އަރަބި ލީޑަރުން ތިއްބަވަނީ ކުޅިބަލަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މަައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވާ އަރަބި ލީޑަރުންނަށް ނުރުހުންތެރިކަމާއެކު ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނަކީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލެއްވުމުގައި ދެމި ހުންނެވި ލީޑަރެކެވެ. މުޅި ދުނިޔެ އެ އަޑު އިއްވެވި އެއް ލީޑަރަކީ ރައީސް މައުމޫނެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ ކޮންމެ ދުވަހަކު ކުށެއްނެތް އެތައް ސަތޭކަ ޣައްޒާގެ އާންމުންނެއް އިސްރާއީލުން ދަނީ ރަހުމެއްނެތި މަރަމުން ކަމަށެވެ.
ނަމަވެސް އަރަބި ލީޑަރުން އެތިބީ ކުޅިބަލަން ކަމަށް ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެ ލީޑަރުން އެއްވެސް ކަމެއް ނުކުރެ އެވެ.
"ހިތާމައިގެ ކޮޅެއް ނެތް،" ފަލަސްތީނުގެ ޣައްޒާގެ ހާލަތާމެދު ހިތާމަ ކުރައްވާކަން ހާމަ ކުރައްވާ މައުމޫން ވިދާޅުވި އެވެ.
ހައްދުފަހަނައަޅާފައިވާ އިޒްރޭލްގެ ހަރުކަށި ސިފައިން ފަލަސްތީނުގެ ވަޒަންވެރީންނާއި ދެކޮޅަށް އެ މީހުންގެ ބިމުގައި ހިންގަމުންދާ ގަތުލު ހުއްޓުވަން އިސްލާމީ ބޮޑެތި ގައުމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ މީގެ ކުރީން ވެސް މައުމޫން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
އަރަބި ބަހުން ޕޯސްޓް ކުރައްވާ ލީޑަރުންނަށް ވަރުގަދަ ސުވާލުތައް ވެސް ކުރިމަތި ކުރައްވާފައިވެ އެވެ. ވިދާޅުވީ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ދޭ އަނިޔާވެރި ހަމަލާތަކާއި އެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވާތަން ފެނުމުން އެކަމުގެ ވޭނާއި ހިތާމަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ކުރަމުންދާ ކަމަށެވެ.
ނަމަވެސް ފަލަސްތީނުގެ ވަޒަންވެރީންނާއި އެ ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އަރަބި ގައުމުތަކުން ވަރުގަދަ ޖަވާބެއް ދޭ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އަރަބި ގައުމުތައް ކުރިއަރާ އެ ގައުމުތަކުގައި ވެސް އެންމެ ފަހުގެ ހަތިޔާރުތަކުން ހަތިޔާރު އެޅި ވަރުގަދަ ލަޝްކަރުތަކެއް ހުރި ކަން ފާހަގަ ކުރައްވާ އެ ލަޝްކަރުތަކުގެ ފައިދާ އަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
އޭގެ ކުރީން އެމަނިކުފާނު ކުރެއްވި ޕޯސްޓެއް ގައި، ރެޔާއި ދުވާލު މެދުނުކެނޑި އިޒްރޭލްގެ ސިފައިން ޣައްޒާއަށް ބޮން އަޅާ ތަފާތު ހަމަލާތައްދީ ކުށެއް ނެތް އެތައް ސަތޭކަ ފަލަސްތީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދު ކުރަމުން ގެންދާއިރު ބައިނަލްއަގްވާމީ މުޖްތަމައު ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
ފަލަސްތީނުގެ ދިފާއުގައި މުޅި ދުނިޔޭ ގައި ވެސް ގަދަ އަޑަކީ ދިވެހީންގެ އަޑެވެ. މިދިޔަ ސާޅީހަކަށް އަހަރު ދިވެހީން ގެންދިޔައީ ބައިނަލްއަގްވާމީ ދުނިޔެއާ ރާއްޖޭގައި އެ އަޑު އުފުލަމުންނެވެ. ދިވެހީންނަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެމުން ދިޔަ އެވެ. ދިވެހީންގެ ހިތްތަކުގައި ފަަލަސްތީނަށް އޮތީ ވަރަށް ހާއްސަ ލޯތްބަކާއި ގަދަރެކެވެ.
ދިވެހީންގެ ހިތްތަކުގައި އެ ލޯތްބާއި ގަދަރު އުފެދިގެން ދިއުމުގައި ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ފަލަސްތީނުގެ މައްސަލަ އަށް ދެއްވި އަހަންމިއްޔަތު ބޮޑު ދައުރެއް އަދާކުރި އެވެ. ފަަަލަސްތީނަށް ނަސްރަށް އެދި ހިންގުނު ހަރަކާތްތަކާއި އެހީތެރިވުމަށް ކުުރިއަށް ގެންދިޔަަ ކެމްޕެއިންތައް މުހިންމު ދައުރެއް އަދާކުރި އެވެ.
ރާއްޖެއިން އިޒްރޭލްގެ ދައުލަތް ބަލައިގަތުމަށް ނިންމުމާއި ގުޅިގެން އޭރު މިސްރުގައި ކިޔަވަން ތިބި ކުދީންގެ ފަރާތުން ރައީސް މައުމޫން އިސްވެ ހުންނަވާ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރަށް ސިޓީފުޅެއް ފޮނުއްވާ އެ ނިންމުމާއި ދެކޮޅު ހެއްދެވި އެވެ. އެކަމާއި ގުޅިގެން ސަރުކާރުގެ އެހީ އެ ދަރިވަރުންނަށް ކެނޑުނެވެ.
މި ސަރުކާރުން ފަލަސްތީނުގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަން ނިންމާ އެކަން އިއުލާނު ކުރި އެވެ. ނަމަވެސް އަރަބި ބައެއް ލީޑަރުން ފަދައިން ހުސް ވާހަކަ ދެއްކުމާއި ހަރުއަޑުން ގޮވާލުންތައް ގޮވާލުން ނޫން ކަމެއް ރާއްޖެ އިން ވެސް ނުކުރެ އެވެ. އަމަލީ ގޮތުން އެދެވޭ އެއްވެސް މަސައްކަތެއް އަދި މި ސަރުކާރުން ނުކުރެ އެވެ.