އެ ޕްރޮގުރާމުގެ ދެވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމުން އަށް މަސްދުވަހުގެ ތެރޭގައި 300 ހަތީބުން ތަމްރީނުކޮށް ނިންމައިލެވުނީ ކަމަށް ޝަހީމު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް މި ސަރުކާރުން ފަށާފައިވާ ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން އިތުރު 200 ހަތީބުން މިމަހު ތަމްރީނުކޮށް ނިމޭނެ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު އެކްސްގައި މިނިސްޓަރު ޝަހީމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޒުވާން ހަތީބުން އުފެއްދުމަށް ހިންގާ ޕްރޮގުރާމުގެ ދެވަނަ ބުރުގައި ބައިވެރިވި ޒުވާނުން ތަމްރީނުކޮށް ނިންމައި އެމީހުންނަށް ސަނަދު ދިނުމުގެ ހަފުލާ މި ހަފުތާގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހަތީބުން ތަމްރީނު ކުރުމުގެ ދެވަނަ ބުރުގައި 200 ޒުވާނުން ބަައިވެރިވި ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ޕްރޮގުރާމުގެ ދެވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމުން އަށް މަސްދުވަހުގެ ތެރޭގައި 300 ހަތީބުން ތަމްރީނުކޮށް ނިންމައިލެވުނީ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން މި ޕްރޮގުރާމުގެ ދަށުން 100 ޒުވާނުންވަނީ ހަތީބުކަމުގެ ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްރޮގުރާމުގެ އަމާޒަކީ ޖުމްލަ 1،000 ހަތީބުން ތަމްރީނުކޮށް ނިންމުން ކަމަށެވެ. އަދި މިހާތަނަށް އެ ޕްރޮގުރާމަށް ލިބުނު ތަރުހީބަށްޓަކައި އުފާކުރައްވާ ކަމުގައި ވަޒީރު ވިދާޅުވި އެވެ.
މި ޕްރޮގުރާމަކީ ރީތިކޮށް ގުރުއާން ކިޔަވައި ހުތުބާ ކިޔާނެ އަދި ބަންގި ގޮވާނެ ޒުވާން ޖީލެއް ބިނާކުރުން ކަމަށާއި، އެ ޕްރޮގުރާމު ހިންގަވަނީ ރައީސް ޑރ.މުއިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުން ކަމަށް ޝަހީމު ވިދާޅުވި އެވެ.