އެގޮތުން ރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން އެކަމަށް ހުށަހެޅީ އިއްޔެ ރާއްޖެއަށް ވަޑައިގެންނެވި އިންޑިއާގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރާއެކު ހާރިޖީވަޒީރު މޫސާ ޒަމީރު ބޭއްވެވި ރަސްމީ މަޝްވަރާތަކުގަ އެވެ.
އެ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޒަމީރު ވިދާޅުވީ އިގުތިސާދާއި ވިޔަފާރިއާއި އިންވެސްޓުމެންޓާއި ތައުލީމާއި ހުނަރު އިތުރުކުރުމާއި ސިއްހަތާއި ފަތުރުވެރިކަމާއި ޒުވާނުންނާއި ކުޅިވަރު އަދި ދިފާއާއި ސަލާމަތާ ގުޅޭ ކަންކަމުގައި އިންޑިއާ ހާރިޖީވަޒީރާ މަޝްވަރާކުރެއްވި ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއާއި އިންޑިޔާގެ މެދުގައި ވިޔަފާރިއާއި އިންވެސްޓުމެންޓު އިތުރުކުރަން މިހާރަށްވުރެ ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށް ދެ ގައުމުގެ ހާރިޖީވަޒީރުން އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.
އަދި ދިރުންހުރި ނަފާކުރުވަނިވި ވިޔަފާރީގެ ގުޅުމެއް ދެ ގައުމުގެ މެދުގައި ބިނާކުރުމަށް މިހާރަށްވުރެ ހަރުދަނާ މެކޭނިޒަމްތަކެއް ތައާރަފުކުރަން ދެ ގައުމުގެ ސަރުކާރުތައް އޮތީ ތައްޔާރަށް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ މެދުގައި ގާއިމުކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ވިޔަފާރިއާ ގުޅުންހުރި އެހެނިހެން އެއްބަސްވުންތަކުގެ ތެރެއިން ރާއްޖެއާއި އިންޑިއާގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރުން އިތުރަށް ފަސޭހަކުރެވި ވިޔަފާރީގެ އައު މަގުތައް ހުޅުވިގެންދާނެ ކަމަށެވެ.