ޖުމްލަ ރިޒާވްގައި ހުރި 509.2 މިލިއަން ޑޮލަރުން ކުރު މުއްދަތުގެ އިލްތިޒާމުތަކަށްވާ 442.3 މިލިއަން ޑޮލަރު އުނިކުރުމުން މަރުކަޒީ ބޭންކުން ފައިސާގެ ބާޒާރު ތިލަފަތް ހަމަކުރަން ބޭނުންކުރެވޭ ގޮތަށް ހުންނާނީ 66 މިލިއަން ޑޮލަރެވެ.
ދައުލަތުގެ ޖުމްލަ ރިޒާވްގައި ޖޫން މަހުގެ ނިޔަލަށް 509 މިލިއަން ޑޮލަރު އަދި ބޭނުންކުރެވޭ ގޮތަށް 66 މިލިއަން ޑޮލަރު ހުރިކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން މަހަކު އެއްފަހަރު ނެރޭ ތަފާސްހިސާބުތަކުން ދައްކާފައިވާ ގޮތުގައި މޭ މަހުގެ ނިޔަލަށް ދައުލަަތުގެ ރަސްމީ ރިޒާވްގައި ހުރީ 492 މިލިއަން ޑޮލަރެވެ. ނަމަވެސް ޖޫން މަހުގެ ނިޔަލަށް އެ އަދަދު 509.2 މިލިއަން ޑޮލަރަށް އަރާފައިވެ އެވެ.
އެހެންކަމުން މަހަށް މަހަށް ބަލާއިރު މޭ މަހަށްވުރެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ރިޒާވްވަނީ 17 މިލިއަން ޑޮލަރުން އިތުރުވެފަ އެވެ.
ޖުމްލަ ރިޒާވް އިތުރުވި ނަމަަވެސް ކުރު މުއްދަތުގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އިތުރުވުމާ ގުޅިގެން ދައުލަތުގެ ރިޒާވްގެ ތެރެެއިން ފައިސާގެ ބާޒާރުގައި ބޭރު ފައިސާގެ އަގު ހިފަހެއްޓުމަށް ބޭނުންކުރަން ހުރި ފައިސާގެ އަދަދުވަނީ މަދުވެފަ އެވެ.
ޖުމްލަ ރިޒާވްގައި ހުރި 509.2 މިލިއަން ޑޮލަރުން ކުރު މުއްދަތުގެ އިލްތިޒާމުތަކަށްވާ 442.3 މިލިއަން ޑޮލަރު އުނިކުރުމުން މަރުކަޒީ ބޭންކުން ފައިސާގެ ބާޒާރު ތިލަފަތް ހަމަކުރަން ބޭނުންކުރެވޭ ގޮތަށް ހުންނާނީ 66 މިލިއަން ޑޮލަރެވެ.
ދައުލަތުގެ ރިޒާވްގެ ހާލަތު ދަށްވުމަކީ ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރުމުގައި ދަތިތައް ކުރިމަތިވާނެ ސަބަބެއްގެ ގޮތުގައި ވޯލްޑް ބޭންކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އިތުރަށް ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތައް ކަމުގައިވާ މޫޑީސްއާއި ފިޗްއިން ފާހަގަކުރެ އެވެ.