މުޖުތަމައަށް ބޭނުންވާ ހުރިހާ ދާއިރާތަކުން މީހުން ބިނާކުރުމަކީ އާއިލީ ޒިންމާއެއް: ހުތުބާ

"އޭގެ ތެރޭގައި މުފައްކިރުންނާއި، އެދުރުންނާއި، ފަންނުވެރިންނާއި، މަސައްކަތްތެރިންނާއި، ފާރަވެރިން އުފެއްދުން ހިމެނޭ" ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމީ މަރުކަޒުގައި ހުކުރުކުރަނީ

މުޖުތަމައަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ އާއިލީ ޒިންމާއެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. 

އިންސާނުން އެހެނިހެން މަހުލޫގުންގެ މައްޗަށް މަތިވެރިކުރެއްވީ ބޮޑު މަސްއޫލިއްޔަތެއް ހަވާލުކުރައްވައިކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެ ޒިންމާއަކީ މާތް ﷲއަށް އަޅުކަންކުރުން ކަމަށެވެ. އެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ޝަހުސިއްޔަތުތަކެއް ބިނާކުރުމުގެ ވާޖިބު އޮތީ އާއިލާތަކުގައިކަމަށް ހުތުބާގައި ބަޔާންކުރި އެވެ. 

ހުތުބާގައި އިތުރަށް ބުނެފައިވަނީ މާތްﷲ މަތިވެރިކޮށް އެކަލާނގެ ޝިއާރުތައް އުފުލާނެ ލީޑަރުންނާއި ފަހުލަވާނުން އުފެއްދާނީ އާއިލީ ގުޅުންތައް ވަރުގަދަވެގެން ކަމަށެވެ. އަދި އާއިލީ ޒިންމާތަކުގެ ތެރޭގައި މުޖުތަމައަށް ބޭނުންވާ ހުރިހާ ދާއިރާތަކުން މީހުން ބިނާކުރުން ހިމެނޭ ކަމަށެވެ. 

"އޭގެ ތެރޭގައި މުފައްކިރުންނާއި، އެދުރުންނާއި، ފަންނުވެރިންނާއި، މަސައްކަތްތެރިންނާއި، ފާރަވެރިން އުފެއްދުން ހިމެނޭ" ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހުތުބާގައި ބުނެފައިވަނީ އާއިލީ ގުޅުމުގެ ބޭނުމަކީ އެފަދަ ޝަހުސިއްޔަތުތައް ބިނާކުރުން ކަމަށެވެ. 

އަދި އާއިލީ ގުޅުން ހަރުދަނާކުރުމަށް އާއިލާގެ މެންބަރުންގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމާއި އެއްބާރުލުން ދިނުމުގެ ސަގާފަތެއް އުފައްދަންޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި އިތުރަށް ބުނެފައިވަނީ އާއިލާ ހަރުދަނާކުރުމަކީ އާއިލާގެ އެންމެހައި މެންބަރުން ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. 

އާއިލާގެ ތެރޭގައި އޮންނަންޖެހޭ ސިފަތަކުގެ ތެރޭގައި އިހުތިރާމުކުރުމާއި، އަގުވަޒަންކުރުމާއި ބިނާކުރަނިވި ފާޑުކިޔުން ހިމެނޭކަމަށް ހުތުބާގައި ބަޔާންކުރި އެވެ. އަދި އާއިލާގެ ތެރޭގައި އެކަކު އަނެކާގެ އަޑުއެހުމާއި އިހުސާސްތަކާއި ބޭނުންތަކަށް އިހިތުރާމާކުރުމާއެކު އެކަންކަން ހިއްސާކުރުމުގެ މާހައުލެއް އުފައްދަންޖެހޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

އާއިލާގެ ތެރޭގައި ތައުލީމާއި ނަފުސުގެ ކުރިއެރުމަށް ހިތްވަރުދިނުމާއި، އެކަންކަމަށް ހޭދަކުރުމުގެ ބޭނުންތެރިކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، އާއިލާގެ ތަނަވަސް ފަރާތްތަކުން އެ ޒިންމާ އުފުލާއެކު އަދާކުރަންޖެހޭ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.