އެފްޓީއެކްސްއިން ކަސްޓަމަރުންނަށް 12.7 ބިލިއަން ޑޮލަރު ދޭން އެމެރިކާ ކޯޓަކުން ހުކުމްކޮށްފި

ކަސްޓަމަރުންގެ ފަންޑުތަކުން ގެއްލުނު ފައިސާގެ ގޮތުގައި 8.7 ބިލިއަން ޑޮލަރު އިއާދަކޮށްދިނުމާއެކު، ގާނޫނާ ހިލާފަށް ހިންގި އަމަލުތަކުން ލިބުނު ފައިދާގެ ބަދަލުގެ ގޮތުގައި 4 ބިލިއަން ޑޮލަރު ދިނުމަށް އެފްޓީއެކްސްއިން އެއްބަސްވެފައިވޭ

އެފްޓީއެކްސްގެ މުއައްސިސް އަދި ކުރީގެ ސީއީއޯ ސޭމް ބޭންކްމަން-ފްރީޑްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވޭ

ބަނގުރޫޓުވެފައިވާ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިޕްޓޯ އެކްސްޗޭންޖުކަމަށްވާ އެފްޓީއެކްސްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް 12.7 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެމެރިކާގެ ކޯޓަކުން އަމުރުކޮށްފިކަމަށް އެ ގައުމުގެ ފިއުޗާސް ޓްރޭޑިން ކޮމިޝަން (ސީއެފްޓީސީ)އިން ބުނެފި އެވެ. 

ސީއެފްޓީސީގެ ޗެއާމަން ރޮސްޓިން ބެހްނަމް ބުރާސްފަތިދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކްރިޕްޓޯ ކަރަންސީގެ ބާޒާރަށް ވަނުމަށް ރައްކާތެރި ތަނެއްގެ ގޮތުގައި އެފްޓީއެކްސް އިޝްތިހާރުކޮށް ކަސްޓަމަރުންނަށް ވިސްނައިދިނުމަށްފަހު، އެ މަންސާގައި ކަސްޓަމަރުން ބަހައްޓާފައި ހުރި ފައިސާ ކަސްޓަމަަރުންގެ ހުއްދައެއް ނެތި އަމިއްލަ ހިރާސް ބޮޑެތި އިންވެސްޓުމެންޓުތަކަށް އެ ކުންފުނިން ބޭނުންކޮށްފައިވާ ކަމަށެވެ. 

އަނބުރާ ފައިސާ ދެއްކުމުގެ އަމުރަކީ ސީއެފްޓީސީއާއި އެފްޓީއެކްސްގެ މެދުގައި އެ ކުންފުނި ބަނގުރޫޓުވުމުގެ މަރުހަލާގައި ހަދާފައިވާ އެއްބަސްވުމެއް ތަންފީޒުކުރުމަށް ނެރުނު އަމުރެކެވެ. އެ ކުންފުނިންވަނީ ކުންފުނި ލިކުއިޑޭޓުކޮށް ކަސްޓަމަރުންނަށް ފައިސާ ދެއްކުމުގެ މަސައްކަަތް ފަށާފަ އެވެ. އެ ފައިސާއަކީ 2022 ވަނަ އަހަރު އެ ކުންފުނި ބަނގުރޫޓުވިއިރު އެ މަންސައިން ހިފަހައްޓާފައިވާ ކަސްޓަމަރުންގެ ފައިސާ އެވެ. 

އެފްޓީއެކްސްއާއި ސީއެފްޓީސީގެ މެދުގައި ހެދި އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންގެ ފަންޑުތަކުން ގެއްލުނު ފައިސާގެ ގޮތުގައި 8.7 ބިލިއަން ޑޮލަރު އިއާދަކޮށްދިނުމާއެކު، ގާނޫނާ ހިލާފަށް ހިންގި އަމަލުތަކުން ލިބުނު ފައިދާގެ ބަދަލުގެ ގޮތުގައި 4 ބިލިއަން ޑޮލަރު ދެއްކުމަށް އެފްޓީއެކްސްއިން އެއްބަސްވެފައިވެ އެވެ. އެ 4 ބިލިއަން ޑޮލަރުވެސް ބޭނުންކުރާނީ ކުންފުނި ބަނގުރޫޓުވި މަރުހަލާގައި ގެއްލުންވި ކަސްޓަމަރުންނަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށެވެ. 

އެފްޓީއެކްސްއިން ކަސްޓަމަރުންނަށް އޮޅުވައިލި މައްސަލާގައި އެ ކުންފުނީގެ މުއައްސިސު އަދި ސީއީއޯ ސެމް ބޭންކްމެން ފްރީޑްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އޭނާގެ މައްޗަށް ދައުވާކުރީ ކަސްޓަމަރުންގެ ފައިސާއިން އަށް ބިލިއަން ޑޮލަރު ވަގަށް ނެގިކަމުގެ ތުހުމަތުގަ އެވެ. އެ ދައުވާަ ސާބިތުވާކަމަށް ކުރި ހުކުމް ބޭންކެމެން-ފްރީޑުވަނީ އިސްތިއުނާފުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.