އިންސާނީ އެހީ ފޯރުކޮށްދޭ ގާފިލާތަކަށް އެކަށީގެންވާ މިންވަރަށް އެހީ އެއްކޮށް ޣައްޒާގެ އަހުލުވެރިންނަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ މަގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ޒަމީރު ގޮވައިލެއްވި އެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދާއިމީ ނިމުމަކަށް ގެނައުމަށް ހާރިޖީވަޒީރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.
އޯއައިސީން އިއްޔެ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އާދަޔާ ހިލާފު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރުވަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވާފަ އެވެ.
އަދި ގާނޫނުތަކަށް އިހުތިރާމުކުރުމާއެކު ގާނޫނީ ނިޒާމު ނަގަހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ދައުރުގެ މުހިއްމުކަން ޒަމީރުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.
އަވަހަށް ދެމެހެއްޓެނެވި ގޮތެއްގައި ހަމަލާތައް ބަދަލުކުރުން ހުއްޓައިލުމަށް ޒަމީރު ގޮވައިލެއްވި އެވެ. އަދި މަދުމަދުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެމުން ދިއުމަކީ މިހާރު ފުދޭ މިންވަރެއް ނޫންކަން ފާހަގަކުރައްވައި، އިންސާނީ އެހީ ފޯރުކޮށްދޭ ގާފިލާތަކަށް އެކަށީގެންވާ މިންވަރަށް އެހީ އެއްކޮށް ޣައްޒާގެ އަހުލުވެރިންނަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ މަގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ޒަމީރު ގޮވައިލެއްވި އެވެ.
ފަލަސްތީނު މައްސަލާގައި ދާއިމަށްވެސް ފަލަސްތީނާއެކު ދިވެހި ސަރުކާރު ދެމިއޮންނާނެކަން ތަކުރާރުކޮށް ފާހަގަކުރެއްވުމާއެކު މިނިސްޓަރު ވިދާޅުވީ ފަލަސްތީނު މައްސަލާގައި ދެމިގެންދާނެ ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ އިރުމަތީ ގުދުސްގައި ވެރިރަށް ގާއިމުވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދުވުން ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި މިނިސްޓަރުވަނީ ޙަމާސްގެ ސިޔާސީ އޮފީހުގެ އެންމެ އިސްވެރިޔާ އިސްމާއީލް ހަނީޔާ އަވަހާރަކޮށްލުން ކުށްވެރިކުރައްވާފަ އެވެ.