އެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަނިއްޔާ އަވަހާރަކޮށްލަން ދިން ނުބައި ހަމަލާގެ ފުރިހަމަ ޒިންމާ އިސްރާއީލުގެ ކޮނޑުގައި އެ ޖަމްއިއްޔާއިން އަޅުވާ ކަމަށެވެ.
ޙަމާސްގެ އެންމެ އިސް ސިޔާސީ ލީޑަރު އިސްމާއީލް ހަނީޔާ އަވަހާރަކޮށްލުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އިސްރާއީލުކަމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ބުނެފި އެވެ.
ސައުދީ އަރަބިއްޔާގައި ބޭއްވި، 57 މެންބަަރު ދައުލަތުގެ މައްޗަށް އެކުލެވޭ ޖަމްއިއްޔާގެ އާދަޔާ ހިލާފު ބައްދަލުވުމަށްފަހު އެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަނިއްޔާ އަވަހާރަކޮށްލަން ދިން ނުބައި ހަމަލާގެ ފުރިހަމަ ޒިންމާ އިސްރާއީލުގެ ކޮނޑުގައި އެ ޖަމްއިއްޔާއިން އަޅުވާ ކަމަށެވެ. އަދި އެ ހަމަލާއަކީ އީރާނުގެ ސިޔާދަތަށް އަރައިގަތުން ކަމަށްވެސް އެ ޖަމްއިއްޔާއިން ސިފަކުރި އެވެ.
އޯއައިސީގެ ޗެއާގެ ގޮތުގައި ހުންނެވި ގެމްބިއާގެ ހާރިޖީވަޒީރު މަމަދޫ ތަންގަރާ ވިދާޅުވި ގޮތުގައި ހަނިޔާ އަވަހާރަކޮށްލަންދިން ނުލަފާ ހަމަލާއާއި މިހާރު ހިނގަމުންދާ ޣައްޒާގެ ހަނގުރާމަ އެކުވުމުން ސަަރަހައްދީ ބޮޑު ހަނގުރާމައެއް އުފަންވުމުގެ ހިރާސް އެބަ އޮތެވެ.
އީރާނުގެ ސިޔާދަތަށް އަރައިގަނެ އެ ގައުމުގެ ފަސްގަނޑުގައި ބޭރުގެ ސިޔާސީ ލީޑަރަކު އަވަހާރަކޮށްލުމަކީ ވަކިން ވަކި ހާދިސާއެއްގެ ގޮތުގައި ބެލޭނެ ކަމެއް ނޫން ކަަމަށާއި، އެއީ މިހާރު މެދުއިރުމަތީގައި އޮތް ނުތަނަވަސްކަން އިތުރަށް ފުޅާވެ ހަމަނުޖެހުން ބޮޑުވުމަށް މެދުވެރިވެދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މި ބައްދަލުވުން ބޭއްވި ސައުދީ އަރަބިއްޔާއިންވެސް ސިފަކުރި ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލުމަކީ އީރާނުގެ ސިޔާދަތަށް އަރައިގަތުމުގެ އަމަލެކެވެ.
އެ ގައުމުގެ ހާރިޖީވުޒާރާގެ ނައިބުވަޒީރު ވަލީދުލް ޚަރީޖީ ވިދާޅުވީ އެއްވެސް ގައުމެއްގެ ސިޔާދަތަށް އަރައިގަތުމާއި އެ ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް އެހެނިހެން ގައުމުތަކުން ވަނުމަކީ ސައުދީން އެއްވެސް ގޮތަކަށް ތާއީދުކުރާނެ އަދި ދިފާއުކުރާނެ ކަންކަން ނޫން ކަމަށެވެ.
އީރާނުގައި ހުންނަވަނިކޮށް ހަނީޔާ އަވަހާރަކޮށްލުމާ ގުޅިގެން އެ ގައުމުން ބުނެފައިވަނީ އެ ހަަމަލާގެ ބަދަލު ހިފާނެ ކަމަށެވެ. ނަމަވެސް އެމެރިކާ ހިމެނޭހެން ހުޅަނގުގެ ގައުމުތަކުން އަންނަނީ ނުތަނަވަސްކަން ކުޑަކުރުމަށް ގޮވައިލާ ބާރުއަޅަމުންނެވެ.
އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުގެ ތަރުޖަމަން މެތިވް މިލާ ވިދާޅުވި ގޮތުގައި އޭނާ އެދިވަޑައިގަންނަވަނީ އީރާނާ ގުޅުން ހުރި ހުރިހާ ގައުމުތަކުން އިތުރަށް ނުތަނަވަސްކަން ބޮޑުވާނެ އެއްވެސް ކަމެއް ނުކުރުމުގެ މުހިއްމުކަން އީރާނަަށް ވިސްނައިދިނުމަށެވެ. އަދި އެމެރިކާއިން އިސްރާއީލަށްވެސް އެކަން ވިސްނައިދެމުންދާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
އަދި ސަރަހައްދީ ފެންވަރެއްގައި ހަމަނުޖެހުންތައް އިތުރަށް ފުޅާވުމަކީ މިހާރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރާނެ ކަމެއްގެ ގޮތުގައި މިލާ ސިފަކުރެއްވި އެވެ.
ހަނިއްޔާއަކީ ހަމާސްގެ ފަރާތުން ސުލްހައިގެ ވާހަކަަތަކުގައި އެންމެ އިސް މަސްއޫލުވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި ބޭފުޅާ އެވެ. ނަމަވެސް އޭނާ އަވަހާރަކޮށްލުމުން އެމެރިކާއިން އެކަން ކުށްވެރިނުކުރެ އެވެ.