ވާހަކަ

ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 12

އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ! ހެޔޮނުވާނެ! އަހަރެން ތަޢުބާ ވެއްޖިން.. އަހަރެންނަށް ހެދުނީ ގޯހެއް.. ވަރަށް ބޯޑު ގޯހެއް.. އަހަރެމެން ސަލާމަތްކޮށްދީ.." އަޑުން އަޑުން ނަގާ ކާސިމް ރޯން ފެށިއެވެ.

- އެޕިސޯޑް 12 –

ކާސިމް ގަތްފައިވާ ބިރުން އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. ރޮމުން ބަލަމުން ގެންދިޔައީ އޭނާގެ ދަރިފުޅު ލައިލާގެ މޫނަށެވެ. ލައިލާގެ ހަށިގަނޑު ކޮންޓުރޯލް ކުރަމުން ގެންދަނީ ލައިލާ ނޫން ކަން ކާސިމަށް އެނގެއެވެ. ކާސިމްގެ ހިތުގައި އުފެދެމުން ދިޔަ ސުވާލު ތަކަށް އޭނާގެ ހިތާއި ސިކުނޑި މަޑުމަޑުން ޖަވާބުދާރީ ވަމުން ދިޔައެވެ.

"މިހާރު މާ ލަސް ވެއްޖެ!"

އަޑު އައީ ކާސިމްގެ ފަހަތުންނެވެ. އެއީ ފިރިހެނެއްގެ އަޑެވެ. ކާސިމްގެ ކުރިމަތީގައި ހުރީ ލައިލާއެވެ. ކާސިމްގެ ހިތުގެ ހިނގުން އިތުރަށް އަވަސް ވިއެވެ. ހިތް މަތީގައި އަތް އަޅާލަމުން ކާސިމް މަޑު މަޑުން ފަސް އެނބުރުނެވެ. ކާސިމްގެ ފަހަތުގައި ހުރީ ބަތާން އެވެ. ކާސިމް މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އަދި ބަލައިލީ ބަތާން އާއި ލައިލާގެ މޫނަށެވެ.

"އަހަރެން ސަލާމަތް ކޮށްދީ! އަހަރެންގެ ދަރިފުޅު ސަލާމަތް ކޮށްދީ!"

ކާސިމްގެ އާދޭސްތައް އޭނާ ފެށީ އަސަރާ އެކުގައެވެ. ކާސިމްގެ އަޑުގައި އޭނާއަށް ވަރަށް ހިތްދަތި ވޭނީ އަސަރެއް ކޮށްފައިވާ ކަން ޔަޤީނެވެ.

"ހެޔޮނުވާނެ! އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އެއީ.. އެހެން ނުހަދާ.."

ކާސިމްގެ އާދޭސްތައް ބަތާންއަށް ވީ ޖޯކަކަށެވެ. ބަތާން އަޑުން އަޑު ނަގާ ހޭން ފެށިއެވެ. އޭރު ލައިލާ އެއްވެސް އެއްޗެއް ނުބުނެ ބިރުވެރި ޒާތަކަށް ކާސިމަށް ބަލަން ހުއްޓެވެ. ކާސިމްގެ މޮޔަ ކަމުން އޭނާއަށް އިތުބާރު ކުރެވުނީ ޝައިތާނަކަށެވެ. ބައްޕަގެ ސިހުރުވެރި ކަމުގެ އިލްމު ރަނގަޅަށް ނޭނގި، އެ ފޮތްތަކާއި ލިޔުންތައް ބޭނުން ކޮށްގެން ހެދި ފުރަތަމަ ސިހުރުގެ މަންޒިލް މުޅިން ބަދަލު ވެއްޖެކަން ކާސިމަށް އިޙްސާސް ވަމުން ދިޔައެވެ.

ބަތާންގެ ކުރިމަތީގައި އިތުރަށް ބުނަން ވީ ކީކޭ ކަމެއް ނޭނގި، ކާސިމްގެ ދުލުގައި ގޮށެއް ޖެހުނީއެވެ. އަމިއްލަ ދަރި ވައްޓާލެވުނީ މަރުގެ ތުންފަތް މައްޗަކަށެވެ. މިއީ ކިހާ ނުބައި ބައްޕަ އެއް ބާއޭ ހިތަށް އަރާ، ކާސިމް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރަމުން ރޮމުން ގެންދިޔައެވެ.

ބަތާން މަޑުމަޑުން ކާސިމްއާ ގާތް ވެލިއެވެ. ކާސިމްގެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވޭނެހާ ގާތް ވެލަމުން ބަތާން ބަލައިލީ ކާސިމްގެ އަތުގައި އޮތް ޕެޑަށެވެ. އަދި ނުލަފާ ގޮތަކަށް ބަތާން ހިނިތުންވެލިއެވެ. ކާސިމްގެ އަތުގައި ލެއިން ތަތްތެޅިފައިވާ ޕެޑު އަދިވެސް އޮތްކަން އޭނާއަށް ރޭކައިލީ ދެނެވެ. ކުއްލިއަކަށް ހުރެފައި އޭނާގެ އަތުގައި އޮތް ޕެޑް ކާސިމް އެއްލާލިއެވެ. އެއާ އެކު ލައިލާގެ ހަޅޭކުގެ އަޑަށް ކާސިމަށް ބަލައިލެވުނީ ލައިލާއާ ދިމާލަށެވެ.

މުޅި ކޮޓަރީގެ ޓައިލްސްގަނޑު މަތީގައި ލައިލާ ދިޔައީ ފުރޮޅެމުންނެވެ. އޭނާއަށް ވަރަށް ބޮޑު އަނިޔާ އެއް ނުވަތަ ތަދެއް އިޙްސާސް ވެގެން އުޅޭ ކަހަލައެވެ. ރޮމުން އާދޭސް ކުރަމުން ލައިލާ ގެންދިޔައެވެ. ކާސިމްގެ ލޯ ކުރިމަތިން ފެންނަމުންދާ ބިރުވެރި މަންޒަރުން އޭނާ ހުރީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައެވެ. ލައިލާއަށް ލިބެމުންދާ ތަދު ބަލަން ކާސިމްގެ ހިތްވަރު ނެތި، ލައިލާ ސަލާމަތް ކުރާނެ ގޮތެއް ވެސް ކާސިމަށް ނޭނގި އޭނާ ހުރީ ގަނބު ވެފައެވެ. ކާސިމް ބަލައިލީ ބަތާނަށެވެ. އަދި ބަތާންގެ ފައި ބުޑަށް ވެއްޓި އަޑުން އަޑު ނަގާ ކާސިމް ފެށީ ރޯންށެވެ.

"ހެޔޮނުވާނެ! އަހަރެންގެ ދަރިފުޅަށް ތިހެން ނުހަދާ! އޭނާގެ އެއްވެސް ކުށެއް ނެތް.. އޭނާ ދޫކޮށްލާ! އާދޭސް މި ކުރާނީ.."

ކާސިމް އަނެއްކާ ވެސް ފެށީ އާދޭސް ކުރާށެވެ. އެ އާދޭސް ތަކުން އެއްވެސް އަލި މަގެއް ނުފެންނާކަން އެނގޭ ޙާލުގައެވެ. ގަތްފައިވާ ބިރާ އެކުގައި ހެދޭނެ އިތުރު ގޮތެއް ކާސިމަށް ނޭނގުނެވެ. ކާސިމް ބޭނުން ވީ މިކަން އެހެން ބަޔަކަށް ނޭނގި ލައިލާ ސަލާމަތް ކުރާށެވެ. ނަމަވެސް އެކަން އެހެން ދެން ނުވާނެކަން ކާސިމަށް ޔަޤީން ކުރެވުނީ ބަތާން ވާހަކަދައްކަން ފެށުމުންނެވެ.

ބަތާން ދައްކަން ފެށި ވާހަކަ ތަކުން ކާސިމަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ހިތުގެ ތެރޭގައި އޮތް ބިރުވެރިކަން ބޮޑު ވެގެން ދިޔައީ، ހެދުން ބޮޑު މިސްޓޭކުން ހިތްދަތިކަން ގެނުވަމުންނެވެ. ބަތާން ހުރިހާ ވާހަކަ އެއް ކާސިމަށް ކިޔާ ދިނެވެ. ކާސިމްގެ އަތުން ހެދުން ގޯސްތައް ބަތާން ކިޔާ ދެމުން ދިޔައީ ހެމުންނެވެ. މި ވަމުންދާ ގޮތް ޔަޤީން ކަމާއެކުގައި ކާސިމަށް އެނގިގެން ދިޔައެވެ. ކާސިމް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބަތާން ބޭނުން ކޮށްގެން މި ހަލާކު ކޮށްލެވެނީ އަމިއްލަ ދަރިފުޅުގެ ޙަޔާތްކަން އެނގުން ނަމަ، އެކަމާ ކާސިމް ވައި ވެސް ނޭޅޭނެއެވެ. ނަމަވެސް ހުރިހާ ގޯހެއް ކާސިމަށް ހެދިއްޖެއެވެ.

"އަހަރެންނަށް ތިއިން އެއްވެސް ކަމެއް ނޭނގެ! އަހަރެންގެ ދެ އަތުން އަހަރެންގެ ދަރިފުޅަށް މިހާ ބޮޑު އަނިޔާ އެއް އަހަރެން ނުދޭނެ.. އަހަރެންގެ ދަރިފުޅު ދޫކޮށްލާ! ހެޔޮނުވާނެ!" 

ކާސިމްގެ ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. މުނީރާ ހޭލާފައި މިކަން މުނީރާއަށް އެނގި، ރަށުގެ ތެރޭގައި މި ވާހަކަތައް ފެތުރި ދާނެތީ އެކަމުގެ ބިރުވެރިކަން ވެސް ކާސިމްގެ އިންތިހާއަށް އެބަ އޮތެވެ.

"ހައްހައްހާ! އަހަރެން ބޭނުން ލައިލާ... އަހަރެން ލައިލާ ދެކެ މިހާރު ލޯބިވޭ.. ލައިލާ އަކީ މިހާރު މީކާލްގެ ހައްޤެއް ނޫން.. އެއީ މިހާރު އަހަރެންގެ ހައްޤެއް.. ހަމައެކަނި އަހަރެންގެ ހައްޤެއް.." 

ބަތާންގެ ޖަވާބުން ކާސިމްގެ އުއްމީދު ކެނޑިގެން ދިޔައެވެ. މޫނުގައި އަތް އަޅާލަމުން އަންހެނެއް ފަދައިން ރޯން ފެށިއެވެ. ކާސިމްގެ ރުއިން ހުއްޓުނީ އޭނާގެ ކުރިމަތިން ބަތާން ގެއްލުމާއެކުގައެވެ. ކާސިމް މަޑުމަޑުން އޭނާގެ މޫނު މަތިން އަތް ނެގިއެވެ. ކުރިމަތީގައި އެއްވެސް މީހެއް ނެތެވެ. މަޑުމަޑުން ކާސިމް ކަޅި ހިންގާ ބަލައިލީ ފަހަތަށެވެ. ފަހަތް ވެސް އޮތީ ހުސްކޮށެވެ. މުޅި ކޮޓަރި ތެރެ އެއްކޮށް ހިމޭން ވެއްޖެއެވެ.

ބިރުން ފިއްކަނޑައިގެންދާ ޙާލުގައި ކާސިމް އަނެއްކާ ވެސް އޭނާގެ މޫނު އަނބުރާ ކުރިމަތި ބަލާލިއެވެ. އެއާ އެކުގައި ކާސިމް ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ހުރީ ލައިލާ އެވެ.

ބަލާކަށް ނުހުރެ ލައިލާ ހިފީ ކާސިމްގެ ކަރުގައެވެ. ނޭވާ ނުލެވިގެން ކާސިމް ތެޅިގަތެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.