އަޒާން ވިދާޅުވީ އިންޝުއަރެންސް ނިޒާމެއް އޮތުމަކީ އގްތިސޯދަށް ވިލުންތެރިކަން އިތުރުކޮށްދީ، ދިގު މުއްދަތަކަށް އިންތިދޯސުގެ ސްޓޭބިލިޓީ ދަމަހައްޓައިދޭ ކަމެއް ކަމަށެވެ.
ކޮވިޑް-19 ފަދަ ބޮޑެތި ކާރިސާތަކުގެ ސަބަބުން އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ހަރުދަނާ އިންޝުއަރެންސް ނިޒާމެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އޮތް އެތައް މިލިއަން ޑޮލަރެއްގެ އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ހަދާ ފުރަތަމަ އިންޝުއަރެންސް ގާނޫނުގެ ބިލްގެ ބަހުސުގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ ހަރުދަނާ އިންޝުއަރެންސް ނިޒާމަކީ ގައުމެއްގެ އިގްތިސޯދަށް ވަރަށް މުހިންމު އެއްޗެއް ކަމުގައި ދިރާސާތަކުން ވެސް ދައްކާ ކަމަށެވެ.
އެކަމަށް މިސާލު ޖައްސަވަމުން އަޒާން ފާހަގަކުރެއްވީ 2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީ އާއި އެމެރިކާއަށް އެރި ހަރިކޭން ކެޓްރީނާ އެވެ. މި ދެ ކާރިސާގެ ސަބަބުން ދެ ގައުމުގެ އިގްތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިންޝުއަރެންސް ނިޒާމު މުހިންމު ދައުރެއް އަދާކުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
އަޒާން ވިދާޅުވީ އިންޝުއަރެންސް ނިޒާމެއް އޮތުމަކީ އގްތިސޯދަށް ވިލުންތެރިކަން އިތުރުކޮށްދީ، ދިގު މުއްދަތަކަށް އިންތިދޯސުގެ ސްޓޭބިލިޓީ ދަމަހައްޓައިދޭ ކަމެއް ކަމަށެވެ. އަދި، އިންޝުއަރެންސް ގާނޫނު ފާސްވުމުން ރާއްޖެއަށް އިންވެސްޓަރުންގެ އޮތް އިތުބާރު ވެސް ވަރުގަދަވެގެން ދާނެ ކަމަށް އަޒާން ވިދާޅުވި އެވެ.
"މިއަދު ފަތުރުވެރިކަމުގެ ސިނާއަތަށް އަދި އެހެން ސިނާއަތްތަކަށް އަޅުގަނޑުމެންނަށް ބޭނުންވަނީ 20 މިލިއަން 30 މިލިއަންގެ އިންވެސްޓްމެންޓްތަކެއް ނޫން. ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަށް ބޭނުންވެފަ އޮތް ހާލަތެއް މީ. އެހާލަތުގައި އަޅުގަނޑުމެންނަށް ބޭރުގެ ފަރާތްތަކަށް ދެވޭނެ އެންމެ ބޮޑު ޔަގީންކަމަކީ އެ ފަރާތްތަކުން ރާއްޖެއަށް ކުރާ އިންވެސްޓްމެންޓްތަކަށް ސެކިއުރިޓީ އިންޝުއަރެންސް ލިބޭނެ ކަމުގެ ޔަގީންކަން،" އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާގައި ރާއްޖޭގެ ކުދި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ވިޔަރިތައް ބަނގުރޫޓް ވެގެން ގޮސްފައިވާއިރު، ހަރުދަނާ އިންޝުއަރެންސް ނިޒާމެއް އޮތްނަމަ އެ ހާލަތަށް ގައުމު ނުދާނެ ކަމަށެވެ. މި ބިލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވިޝަން އެއް އޮތް ބިލެއްކަން ފާހަގަކުރައްވަމުން އަޒާން އިތުރަށް ވިދާޅުވީ ފައިނޭންޝަލް ސެންޓަރެއް ތަރައްގީ ކުރަން ރައީސް ކުރައްވާ މަސައްކަތަށް މިއީ މުހިންމު ބިލެއް ކަމަށެވެ.