ގާސިމް ވިދާޅުވި ގޮތުގައި ފާއިތުވި 16 އަހަރުގެ ތެރޭގައި ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކާއެކު އޭނާގެ ހަނދުމަފުޅަށް އަންނަނީ ގާނޫނުއަސާސީ ބޭނުން ކޮންމެ އިރަކު ލުއި ގޮތަކަށް ބަދަލުނުކުރެވޭނެ ގޮތަށް އޮތުމުގެ މުހިއްމުކަން ކަމަށެވެ.
މިހާރު އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި އަޣުލަބިއްޔަތުން ގާނޫނުއަސާސީ އިސްލާހު ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިފަދައިން ވިދާޅުވީ އައު ގާނޫނުއަސާސީއަށް 16 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވައިލައި ނިންމި ރައްޔިތުންގެ ހާއްސަަ މަޖިލީހުގެ ރައީސްކަން ކުރެއްވީ ގާސިމެވެ. އެއިރު އުފެދުނު ސިޔާސީ ވާދަވެރިކަމާއެކު ކުރިމަތިވި ދަތިތަކުގެ ތެރެއިން ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ނިންމައިލުމުގައި ގާސިމުގެ ދައުރު ވަރަަށް ބޮޑެވެ.
މިއަދު އާ ގާނޫނުއަސާސީއާމެދު ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ދެ ފަހަރެއްގެ މަތިން ގާނޫނުއަސާސީއަށް އިސްލާހުތަކެއް ހުށަަހެޅިގެން ވަރަށް ފަސޭހައިން ލުއި ގޮތަކަށް އެ އިސްލާހުތައް ފާސްކުރެވިގެން ގޮސްފައިވާ ކަމަށެވެ.
ކުރިން ގާނޫނުއަސާސީ އެކުލަވައިލިއިރު އޮންނަނީ އެހައި ފަސޭހައިން ގާނޫނުއަސާސީއަށް ބަދަލުގެނެވޭ ގޮތަކަށް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެއިރު އޮންނަނީ އާންމު ގާނޫނުތައް ބަދަލުކުރާ ގޮތަށް ގާނޫނުއަސާސީ ބަދަލުނުކުރެވޭހެން، ގާނޫނުއަސާސީއަށް ބަދަލެއް ގެންނަނަމަ އެކަމަށް ހާއްސަ މަޖިލީހެއް އެއްކޮށްގެން އެކަން ކުރާ ގޮތަށްކަން ގާސިމް ފާހަގަކުރެއްވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ފާއިތުވި 16 އަހަރުގެ ތެރޭގައި ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކާއެކު އޭނާގެ ހަނދުމަފުޅަށް އަންނަނީ ގާނޫނުއަސާސީ ބޭނުން ކޮންމެ އިރަކު ލުއި ގޮތަކަށް ބަދަލުނުކުރެވޭނެ ގޮތަށް އޮތުމުގެ މުހިއްމު ކަމެވެ.
ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން ކައުންސިލުތަކުގެ އިންތިހާބު ތިން އަހަރުން ބާއްވާ ގޮތަށް އޮތް އޮތުން ފަސް އަހަރުން ބާއްވާ ގޮތަށް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ފިޔަވައި އެހެނިހެން އިސްލާހުތައް އެންމެ ފުރަތަމަ އޮތް ގޮތަށް ރުޖޫއަކޮށް އިއާދަކުރިކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ފަސޭހައިން ގާނޫނުއަސާސީ އިސްލާހުކުރެވޭ ގޮތަށް އޮތުމުން ނުރަނގަޅު ކަންތައްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް މިހާރު [ގާނޫނުއަސާސީން] ލިބިފައިވާ ހުރިހާ ބާރުތަކެއް އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެވެސް މެކޭނިޒަމެއް ލާންޖެހޭ އެގޮތަށް އެހޭ ފަސޭހައިން އެކަން [ގާނޫނުއަސާސީ އިސްލާހުކުރުން] ނުކުރެވޭނެ މެކޭނިޒަމެއް،" ގާސިމް ވިދާޅުވި އެވެ.
ގާނޫނުއަސާސީ އިސްލާހުކުރުން އެހައި ފަސޭހަ ކަމެއްގެ ގޮތުގައި ބޭއްވުން ރަނގަޅު ނޫން ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ބައެއްގެ ވިސްނުމަށް އަންނަ ހިޔާލެއްގެ ސަބަބުން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހައްގުތަކަށް އުނިކަން އަންނަ ފަދަ ބަދަލެއް ގެނެސްފާނެތީ އެވެ.