"ފުރަތަމަ ފަހަރަށް ރާއްޖޭގައި ދެވަަނަ ދައުރަކަށް ރައީސަކު ހޮވާކަމުގައި ވާނަމަ މި ފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތިބޭފުޅުން ހޮއްވަވާނެ ކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން،"
ރާއްޖޭގައި ދެވަަނަ ދައުރަކަށް ރައީސަކު ހޮވާކަމުގައި ވާނަމަ މި ފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު، ހޮއްވަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް "ޕީއެންސީ ހަރުގެ ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނާއިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒަކީ އިހްލާސްތެރި ވެރިއެއް ކަަމަށާ އެމަނިކުފާނަކީ ވިދާޅުވާ ބަސްފުޅާ އަމަލާ ދިމާވާނެ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނާ އެންމެ ގާތުގައި ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަން ޔަގީން ކޮށް ދެއްވާ ކަމަށް ވިދާޅުވި އެވެ.
އެކަން ރައްޔިތުން ވެސް ގަބޫލު ކުރައްވާ ކަމަށް ނާއިބު ރައީސް ވިދާޅުވި އެވެ.
"ފުރަތަމަ ފަހަރަށް ރާއްޖޭގައި ދެވަަނަ ދައުރަކަށް ރައީސަކު ހޮވާކަމުގައި ވާނަމަ މި ފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތިބޭފުޅުން ހޮއްވަވާނެ ކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން،"
ނާއިބު ރައީސް ވިދާޅުވީ ދައުލަތުގެ ބާރުތައް ހިނގާނީ ރައްޔިތުންގެ ކިބައިން ކަމަށާ އެ ހަނދާން ރައީސްގެ ކަންފަތްޕުޅުން ނެތިގެން ނުދާނެ ކަމަށެވެ. ރައީސް އެމަނިކުފާނުގެ ކެބިނެޓާއި ޕާޓީގެ ވެރީންނަށް އަބަދުވެސް ދެއްވާ އިރުޝާދަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށާ ދައުލަތް ހިންގަވަން މިވަގުތު ކިތަންމެ ބޮޑެތި ހުރަސްތަކެއް ހުރި ނަމަވެސް އެކަންކަމުން އަރައިގަނެ ތަފާތު ދައްކަވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވެވަޑައިގަންނަވާނީ ގާނޫނީ ވެރިކަން ހިފަހައްޓާ ނަގަހައްޓާނެ ވެރިއަކަށް ކަމަށާ ހިއްސާ ކުރައްވާ ވާހަކަފުޅާ އެއްގޮތަށް އަމަލު ކުރައްވާނެ ބޭފުޅަކަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ނަފްރަތާއި އަދާވަތްތެރިކަމާއި ރުޅިވެރިކަން އުފައްދަން ސަރުކާރާއި ދެކޮޅަށް ދައްކާ ވާހަކަތަކަށް ސަމާލުވުމަށް ނާއިބު ރައީސް އެދިވަޑައިގެންނެވި އެވެ.