ތޯރިގު ވިދާޅުވި ގޮތުގައި ހަދަންވާނީ ރާއްޖެއަށް ކަތާވަރުގެ ގާނޫނެވެ. އިންޝުއަރެންސް ގާނޫނު ހަދާއިރު ރާއްޖޭގައި ފައިސާ ހިފެއްޓޭނެ ގޮތަކަށް ގާނޫނު އޮންނަން ޖެ އެވެ. އިންޝުއަރެންސް ވިޔަފާރިއަކީ ފްރޯޑު ހަދާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް މަންޒިލަކަށްވާއިރު، އިންޝުއަރެންސް ޕޮލިސީތަކުގެ ޕަސެންޓެއް ރާއްޖޭގައި ހިފެއްޓޭނެ ގޮތަކަށް އިންޝުއަރެންސް ގާނޫނު ހެދުން މުހިންމު ކަމަށް އިންޝުއަރެންސް ބިލް ސްޕޮންސާ ކުރެއްވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އޮތް އެތައް މިލިއަން ޑޮލަރެއްގެ އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ހަދާ ފުރަތަމަ އިންޝުއަރެންސް ގާނޫނުގެ ބިލްގެ ބަހުސުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ރާއްޖޭގެ ރިސޯޓްތައް ކުރާ އިންޝުއަރެންސްތަކުގެ 70-60 ޕަސެންޓް ޕޮލިސީއަކީ ބޭރުގެ އިންޝުއަ ޕޮލިސީތައް ކަމަށާ އެ އިންޝުއަރެންސުގެ ޕޮލިސީތަކުގެ ޕްރިމިއަމް ވެސް އެއްކޮށް މިހާރު ލިބެނީ ރާއްޖޭން ބޭރުގެ ކުންފުނިތަކަށް ކަމަށެވެ.
"މި ގާނޫނުން ލާޒިމް ކުރޭ ރާއްޖޭގައި ހުރި ކުންފުނިތައް މެދުވެރިކޮށް އިންޝުއަ ކުރަން. އެކަމަކު މި ބާރުދޭއިރު ޕޮލިސީތަކުގެ ކޮންމެ ވެސް ޕަސެންޓެއް ދިވެހި ކުންފުންޏެއް މެދުވެރިކޮށް ދާއިރު ޕޮލިސީތަކުގެ ކޮންމެ ވެސް ޕަސެންޓެއް ރާއްޖޭގައި ހިފައްޓަން ޖެހޭ. 10 ޕަސެންޓު އެ ބޭފުޅުންގެ ބުކްސް އިން ފެންނަ އެއްޗަކަށްވާން. އެހެންނޫނީ މި ވާގޮތަކީ އިންޝުއަ ކުރާ ބޭރުގެ ޕާޓީސްތަކުން މި ދެނީ ދިވެހި ކުންފުންޏަށް ކުޑަކުޑަ ފީއެއް އެކަނި. މި ޕްރިމިއަމްގެ ބޮޑު ޕަސެންޓެއް މިވަގުތު ދިޔަނަމަވެސް 10 ވަރަކަށް ޕަސެންޓް ރާއްޖޭގައި ހިފެހެއްޓޭނެ ގޮތަކަށް މި ގާނޫނު ހެދުން މުހިންމު،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓޫރިޒަމް މަންޒިލް ކަމަށާ މި އިންޑަސްޓްރީގެ އިންޝުއަރެންސްތަކުގެ 10 ޕަސެންޓް ލިބިއްޖެނަމަ އިންޝުއަރެންސް ސިނާއަތް ފުޅާ ކުރަން ބާރަކަށް ވެގެންދާނެ އެވެ.
"މިއީ ބޭރުގައި ހުރި އިންޝުއަރެންސް ކުންފުނި ތަކުން ދިވެހި ކުންފުނިތައް މެދުވެރިކޮށް ވިޔަފާރި ފުޅާކުރަން ލިބިގެންދާނެ ބާރަކަށްވާނެ،" ތޯރިގު ވިދާޅުވި އެވެ.
އިންޝުއަރެންސް ބިލުގެ ބަހުސްގައި ތޯރިގު ފާހަގަ ކުރެއްވި އަނެއް ކަމަކީ މި ގާނޫނުގެ ބޮޑުކަމުން މަޖިލީހުގެ ކޮމެޓީ މަރުހަލާގައި އިންޝުއަރެންސް ދާއިރާގެ ފަރާތްތަކު ޕްރޮފެޝަނަލް އޮޕީނިއަމް މި ގާނޫނުގައި ހިމެނުމުގެ މުހިންމު ކަމެވެ. މިހެންނުހަދައިފިނަމަ ޓެރެރިޒަމަށް ފައިނޭންސް ކުރުމާއި މަނީ ލޯންޑްރިންގެ ބެހޭ ގޮތުން ރާއްޖޭގައި ހެދި ގާނޫނަށް ވެގެން ދިޔަ ގޮތްވުން ގާތް ކަމަށް ވިދާޅުވެ އެ ފަހަރުގެ ތަޖުރިބާ ތޯރިގު ހިއްސާ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާ އަށް ސެޕްޓެމްބަރު 2011 ގެ ހަމަލާއާ ދިނުމާ ގުޅިގެން ދުނިޔޭގެ ގައުމުތަކަށް މަޖުބޫރުވެގެން ރާއްޖޭން ހެދި މި ގާނޫނު އެންމެ ރަނގަޅަށް ހިންގޭނެ ގޮތެއް ނުވާ ކަމަށެވެ/
"2014 ވަނަ އަހަރު ހެދި ޓެރެރިޒަމް ފައިނޭންސް ކުރުމާއި މަނީލޯޑްރިންގެ ގާނޫނު. އެ ގާނޫނު އެމްއެމްއޭ އަށް ދިން ބާރު ތަކެއް. ފައިނޭންސް އިންޓަލިޖެންޓް ޔުނިޓެއް ގާއިމްކޮށް ފުލުހަށް ރިޕޯޓް ކުރާނެ ނިޒާމެއް ހެދި. އެ ގާނޫނު ހެދި ފަހުން 2015 ގައި އެމްއެމްޕީއާރުސީގެ މައްސަލަ ޓްރިގާވީ. އެ މައްސަލަ އައިއިރު އެ ޔުނިޓް [އެފްއައިޔޫ] ގެ ވެރިއަކަށް ހުރި މީހާގެ މައްސަލަ އަދި ވެސް ކޯޓުތަކުގައި ކުރި އަށް އެބަދޭ،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަދަންވާނީ ރާއްޖެ އަށް ކަތާވަރުގެ ގާނޫނުތައް ކަމަށާ އެމްއެމްއޭ އަށް ބާރު ތަކެއް ދޭއިރު އެކަން ކުރެވޭނެ ކެޕޭސިޓީ އެތަނުގައި ހުރިކަން ވެސް ޔަގީން ކުރުން މުހިންމު ކަމަށެވެ.
"މި ގާނޫނުން އެމްއެމްއޭ އަށް ބާރު ތަކެއް ދޭއިރު ވިސްނަން ޖެހޭ. މި ބިލް ހުށަހެޅުމާއެކު އިންޝުއަރެންސް ދާއިރާގެ ފަރާތްތަކުގެ ކޮންސާންތައް ހުރިކަން ފާހަގަ ކުރެވޭ. އަލަށް އުފެދޭ އިންޑަސްޓްރީ އެވަރަށް ރެގިއުލޭޓް ކުރަން ފަށައިފިނަމަ އިންޑަސްޓްރީ ހަލާކު ވެގެންދާނެ. ހިފަހައްޓަންވާނީ ކަމެއް ފެންނަ ހިސާބުން ގާނޫނުތައް ހަރުދަނާ ކޮށްގެން،" ތޯރިގު ވިދާޅުވި އެވެ.
މިދިޔަ ދައުރުގައި ވެސް މެންބަރުކަން ކުރެއްވި ތޯރިގު ވިދާޅުވީ ފަސޭހައިން އިންޝުއަރެންސް ވިޔަފާރި އަށް ހުއްދަ ލިބޭ ގޮތަށް އޮތުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މިހާރު 10 މިލިއަން ޑިޕޮސިޓެއް ބަހައްޓާ ގޮތަށް އޮތީ. މިހާރުގެ މި ހަދާ ގާނޫނުގައި އޮތީ 30 މިލިއަން ރުފިޔާއާއި 50 މިލިއަންގެ ޑިޕޮސިޓެއް ބަަހައްޓާ ގޮތަށް. މި އަދަދުތައް ބެހެއްޓުމަކީ ރަނގަޅުކަމެއް،" ތޯރިގު ވިދާޅުވި އެވެ.
އިންޝުއަރެންސް ގާނޫނުގެ ބަހުސުގައި ތޯރިގު ވަނީ މި ވިޔަފާރިއަކީ މަކަރާއި ހީލަތުން ފައިސާ ހޯދަން ފުރުސަތު ބޮޑު ދާއިރާއެއް ކަމަށް ވިދާޅުވެފަ އެވެ.
މިސާލު ޖައްސަވަމުން ތޯރިގު ވިދާޅުވެ ދެއްވީ އެމެރިކާގައި އިއުޔޯކުގައި ހިންގި 40 މިލިއަން ޑޮލަރުގެ އިންޝުއަރެންސް ފްރޯޑެއްގެ މައްސަލަ އެކެވެ. އިންޝުއަރެންސް ގާނޫނުތައް ވަރު ގަދަ އެމެރިކާގައި 2022-2014 އާ ދެމެދު ހިންގި މި ފްރޯޑުގެ މައްސަލަ ޖޫން މަހު ނިންމާފައިވާއިރު މިކަމުގައި ތިން މީހަކު ބައިވެރިވެފައިވެ އެވެ.
"އެމެރިކާގައި އިންޝުއަރެންސް ޕްރޯޑް ޑިޓެކް ކުރެވޭ. އެކަމަކު ނިއުޔޯކުގެ އެތައް ސިސްޓަމެއް މެނިޕްލޭޓް ވެގެން ދިޔައީ. އިންޝުއަރެންސް އެކްސިޑެންޓް ނުހިނގާނަމަ ކްލެއިމް ކުރެވޭ އިތުރު ބިލެއް ނުލައި ކުދި އަދަދުތަކެއް. މި ކުޑަކުޑަ ތަންކޮޅުގެ ފައިދާ ނަގައިގެން މި ތިން މީހުން 40 މިލިއަން ޑޮލަރު ހަތް އަހަރު ތެރޭގައި ނެގީ. އެ މީހުން ތިން ހަތަރު ކްލިނިކް ހިންގާ، ބޭސް ފިހާރަތައް ހުރޭ. އެ މީހުންގެ ކޯލް ސެންޓަރުތައް ވެސް ހުރޭ. ފުލުސް އޮފިސަރުން ލައްވައި ރިއަލް ޓައިމް ރޯޑް މައުލޫމާތު ހޯދަނީ،" ތޯރިގު ވިދާޅުވި އެވެ.